އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ކޮޓަރިއެއްގެ ތެރެއިން ދެމަފިރިއަކު މަރުވެފައި އޮތްވާ މިއަދު ފެނިއްޖެއެވެ. މި ދެމަފިރިން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު ވަނީ ނިޔާވެފައިކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފިއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ނިޔާވެފައިވަނީ ސ. ހިތަދޫ ކްރޭންގެ އުމުރުން 60 އަހަރުގެ އިބްރާހީމް އަބްދުﷲ އާއި ސ. މަރަދޫ ނާރެސްގެ އުމުރުން 52 އަހަރުގެ ފަރަޙްނާޒް ރަޝީދު އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ވަނީ ތަޙުޤީޤު ފަށާފައެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެއްވެސް ކަހަލަ ތުހުމަތުކުރެވޭ ކަމެއް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ދެމަފިރިން ނިޔާވެފައި އޮއްވާ ފެނުނީ އެ ދެމަފިރިން ދިރިއުޅެމުން އައި ގޭގެ ކޮޓަރިއެއްގެ ތެރެއިންކަމަށް މަޢުލޫމާތު ލިބެއެވެ. މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.