ސުންނަތަށް ޢަމަލުކުރަން ކުރަންޖެހޭ ކަންކަން ބައިވަރު ހުރިއިރު ހަމައެކަނި އަނބިން އިތުރުކުރުމުގެ ސުންނަތް ފެނުމަކީ ވަރަށް ނުރައްކާތެރި ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ސުންނަތަށް ޢަމަލުކުރަން ކުރަންޖެހޭ ކަންކަން ބައިވަރު ހުރިއިރު ހަމައެކަނި އަނބިން އިތުރުކުރުމުގެ ސުންނަތް ފެނުމަކީ ވަރަށް ނުރައްކާތެރި ކަމެއް!: މުފްތީ މެންކް

އަހުރެން މިވަޤުތު މިދެނީ މީހަކު ކުރި ސުވާލެއްގެ ޖަވާބެވެ. އެކަނބުލޭގެ ކަންބޮޑުވެގެން އުޅެނީ ދަތިޙާލުގައި އުޅެންޖެހޭތީ ދަރިންނަށް ބޭނުންވާ ރަނގަޅު ކާނާވެސް ހޯދައިނުދެވޭއިރުވެސް ފިރިމީހާ ދެވަނަ އަންތބަކު ހޯދަން އުޅޭތީއެވެ. އެއްބަސްނުވީމާ ސުންނަތަށް ހުރަސްއަޅާތީ ޢަޛާބު ދެއްވަވާނެ ކަމުގެ ބިރު ދައްކާތީއެވެ.  

އެފަދަ ފިރިންނަށް އަހުރެން ބުނާނީ މިހާރު ތިބި އަނބިދަރިންގެ ބޭނުންތައް ފުއްދައިނުދެވޭ ޙާލުގައި އަނބިން އިތުރުކުރާނަމަ އެކަންވާނީ ސުންނަތަށް ކުރާ ކަމަކަށް ނޫނެވެ. އަމިއްލަ އެދުން ބޮޑުވެގެން ކުރާ ކަމަކަށެވެ. އެކަމުންވާނީ ފާފަވެރިއެވެ. ސަބަބަކީ ތިމާ ޚަރަދުކޮށް ބަލަހައްޓަންޖެހޭ ބައަކު އިތުރަށް ނިކަމެތިކުރުވޭތީއެވެ.  

ކުރިންވެސް ދައްކަމުން އަންނަ ވާހަކައެއް މިރޭވެސް ދައްކައިލާނަމެވެ. ބައެއް ފިރިހެނުންނަށް ޢަމަލުނުކުރެވިގެން ކަންބޮޑުވާ ސުންނަތުގެ ވާހަކައެވެ. ސުންނަތަކީ ހަމައެކަނި އެންމެ ކަމެއްކަމަށް ދެކެގެން ވާހަކަދައްކާ ފިރިހެނުން އެބުނާ ސުންނަތުގެ ވާހަކައެވެ.  

އެސުންނަތަކީ ދެވަނަ އަންތބަކު ހޯދުންކަމަށް ހަދައިގެން އުޅޭ ފިރިހެނުންނަށް ބުނެލަން އޮތީ ދެވަނަ އަންތބަކު ހޯދުން ސުންނަތަކަށް ވާނީ މިހާރު ހުރި މީހާއަށް ސުންނަތުގައިވާ ފަދައިން ކަންކަން ކޮށްދިނުމަށްފަހުގައެވެ. އެކަނބަލުންގެ ޙައްޤުތައް ޤުރްއާނާއި ސުންނަތުގައިވާފަދައިން އަދާކޮށްދިނުމަށްފަހުގައެވެ. 

ކައިވެނިކުރީއެވެ. ޙާލެއް ނުބެލެއެވެ. އަޅައެއް ނުލެވެއެވެ. އެކަނބަލުން ބަލިވުމުން ބޭސްފަރުވާ ކޮށެއް ނުދެވެއެވެ. ބޯހިޔާވަހިކަން ފޯރުކޮށެއް ނުދެވެއެވެ. ކާންބޯކަށް ނުދެވެއެވެ. މިފަދަ އެތައް ކަމެއް ކޮށް ނުދެވި ހުރުމުގެ އިތުރުން އެކަނބަލުން ނިދާގަޑިއަށް އެކަނބަލުންނާއިއެކު ނިދާކަށްވެސް ނުދެވެއެވެ. ނިދަން ޖައްސުވަނީ އެކަންޏެވެ. އެކަމަކު ކަންބޮޑުވަނީ 2 ވަނަ އަންތބަކު ނުހޯދިގެންނެވެ.  

ވަރަށް ސާބިތުކަމާއިއެކު ބުނަމެވެ. އަނބިމީހާއަށް ކޮށްދޭން ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވާ ކަންކަން މިހާރު ހުރި އަނބިމީހާއަށް ކޮށްނުދެވޭ ފިރިއަކަށް 2 ވަނަ އަންތބަކު ހޯދުމަކީ ސުންނަތަކަށްވާނެ އެއްވެސް ގޮތެއް އަހުރެންނަކަށް ނުއެނގެއެވެ. އިސްލާމް ދީނަކުން އަހުރެންނަކަށް ނުފެނެއެވެ.  

ފަރުޟު ނަމާދުތައް ނުކުރާ މީހަކު ސުންނަތް ނަމާދުތައް ނުކުރެވިގެން ކަންބޮޑުވެގެން އުޅުނީމާ އެއީ ދެކޮޅުޖެހޭ ކަމަކަށްވާނެހެއްޔެވެ؟ 2 ވަނަ އަންތބަކު ހޯދުންވެސް މިއޮތީ ހަމަ އެފަދަ ގޮތަކަށެވެ. މިހާރު ހުރި އަނބިމީހާއަށާއި ދަރިންނަށް އަދާކުރަން ޖެހޭ ވާޖިބުތައް އަދާނުކުރެވިގެން އުޅެމުން ސުންނަތުގައި އޮތީތީ 2 ވަނަ އަންތބަކު ހޯދުމުގެ ވާހަކަ ދެއްކުމަކީ ހަމައެފަދަ ކަމެކެވެ.  

ވީމާ ފުރަތަމަ ކަމަކަށް ވާޖިބު އަދާކުރާށެވެ! އެއިގެ ފަހުން ސުންނަތުގެ ވާހަކަ ދައްކާށެވެ! ވާޖިބު އަދާކުރުމަށްފަހު ސުންނަތް ކަންކަން ކުރަން މަސައްކަތްކުރާށެވެ! އިސްލާމް ދީނުގައި އޮތީ އެގޮތެވެ. ވާޖިބު އަދާނުކޮށް ސުންނަތުގެ ވާހަކަ ދެއްކުމެއް ނެތެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން