ސޯޝަލް މީޑިއާގެ ތެރެއިން ހޯދެން އޮތް އެންމެ ބޮޑު ފައިދާ: އަމަލުތައް އިޞްލާޙްކުރެވި ފާފަތައް ފުހެވުމަށް އޮތް މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ސޯޝަލް މީޑިއާގެ ތެރެއިން ހޯދެން އޮތް އެންމެ ބޮޑު ފައިދާ: އަމަލުތައް އިޞްލާޙްކުރެވި ފާފަތައް ފުހެވުމަށް އޮތް މަގު-

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު މިހާރުވެސް އިސްލާމްދީނަށް ޚިދުމަތް ކުރެއެވެ. ބޮޑެތި ދަރުސްތައް ނުދިންނަމަވެސް ސޯޝަލް މީޑިއާގައި މެސެޖްތަކާއި ޕޯސްޓްތައް ފަތުރަން މަސައްކަތްކުރެއެވެ. އެކަންކުރައްވާ ހުރިހާ ބޭފުޅުންނަށް ހިތްވަރުދެމެވެ. 

އިތުރަށް ބުނެލަން އޮތީ ފަތުރުއްވާ ޕޯސްޓްތަކާއި ލިޔުންތަކާއިއ އެއްގޮތަށް ޢަމަލުކުރައްވަންވެސް މަސައްކަތްކުރައްވާށެވެ! މިޘާލަކަށް ބުނާނަމަ ކިޔަން ފައިދާހުރި ޛިކުރެއް ޝެއާކޮށްލުމުގެ ކުރިން ސޭވްވެސްކޮށްލާށެވެ. އަދި ތިމާވެސް އެޛިކުރް ކިޔަންވެސް މަސައްކަތްކުރާށެވެ! 

ކޮންމެ މީހަކުވެސް ކުރަން އެންމެ ފައިދާހުރި މަސައްކަތަކީ އެމީހަކަށް އެނގޭ މިންވަރަކުން އިސްލާމް ދީނުގެ ދައުވަތު ދިނުމެވެ. ކިތަންމެ ކުޑަ ހެޔޮ ބަހަކުން ނަމަވެސް އަދި ފޮޓޯ/ ވީޑިއޯއަކުން ނަމަވެސްމެއެވެ.  އިސްލާމްދީނުގެ ދަޢުވަތު ދޭ މީހާގެ ޢަމަލުތައް އިޞްލާޙުކުރައްވާނެއެވެ! އޭނާގެ ފާފަތައް ފުއްސަވާނެއެވެ! 

އެކަން ބަޔާންކުރައްވައި ޝައިޚް މުޙައްމަދު ޝާފިޢު ވިދާޅުވެފައިވަނީ މިފަދައިންނެވެ. 

ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ. 

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا * يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ -الأحزاب 70-71 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ. (އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ޢަމަލުތައް އެއިލާހު އިޞްލާޙު ކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެއިލާހު ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ." 

ޝައްކެތް ނެތް ގޮތުގައި ސީދާވެގެންވާ ބުނުމަކުން ބަސްބުނާ މީހާއީ ﷲ ގެ މަގަށް ގޮވާލާ މީހާއެވެ. އިސްލާމްދީނުގެ ދަޢުވަތު ދޭ މީހާއެވެ. އެކަން އެގޮތަށް ކުރުމުން ﷲ ތަޢާލާ

  • އޭނާގެ ޢަމަލުތައް އިޞްލާޙުކުރައްވާނެއެވެ.
  • އޭނާގެ ފާފަތައް ފުއްސަވާނެތެވެ.

ވީމާ، ދަޢުވަތުގައި އުޅޭށެވެ. ޢަމަލުތައް އިޞްލާޙުވުމަށްޓަކައި އެއަށްވުރެ ބޮޑަށް ބާރުއަޅާ ކަމެއް ނެތެވެ. އެހެނީ އެހެން މީސްތަކުންނަށް ދަޢުވަތު ދޭނަމަ، އެކަންކަމަށް ތިބާ ޢަމަލު ކުރަން ތިބާއަށް ކޮންމެހެންވެސް ޖެހޭނެއެވެ. 

د.عبد الملك القاسم

 

- ޝައިޚް މުޙައްމަދު ޝާފިޢު

 

 

މިއަދު އޮންލައިން