ލޮބުވެތި ކަނބަލުންނޭވެ! ފަހުން ލަދުގަންނަންޖެހޭނެ ވީޑިއޯއާ ފޮޓޯ ހާމަކުރީމާ ވާނީ މިހެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ލޮބުވެތި ކަނބަލުންނޭވެ! ފަހުން ލަދުގަންނަންޖެހޭނެ ވީޑިއޯއާ ފޮޓޯ ހާމަކުރީމާ ވާނީ މިހެން!

އަޅުގަނޑު ބުރުގާ ނާޅާއިރުގެ ފޮޓޯތައް ޑިލީޓްކޮށްދޭން ބުނީމާވެސް ބައެއް މީހުން ޑިލީޓެއް ނުކުރެއެވެ. ދޭތެރެއަކުން އައުކޮށްފައި އަނެއްކާވެސް އެބަ ޕޯސްޓްކުރެއެވެ. މިކަން ހުއްޓުވޭނީ ކޮން ގޮތަކުންތޯ؟

ކިޔުންތެރިޔާ މިގޮތަށް ވިސްނައިލާށެވެ. ބަހެއް ބުނެވުމުން އެމީހާއަށް ވާންޖެހެނީ ބުނެވުނު ބަހުގެ އަޅަކަށެވެ. ހަމައެގޮތަށް ތިބާގެ ފޮޓޯއެއް ތިބާ ޕޯސްޓްކޮށްފިނަމަ ތިބާގެ ބާރު ކެނޑުނީއެވެ. އެފޮޓޯ ސޭވްކުރާ އެންމެންނަށް އެފޮޓޯ ލިބޭނެއެވެ. އެހިސާބުން ތިބާގެ ބާރު ކެނޑިގެންދާނެއެވެ.  

ދެން އޮތީ ޑިލީޓްކުރަން ބުނީމާވެސް ބޭނުންކުރާ ނުވަތަރީޕޯސްޓްކުރާ މައްސަލައެވެ. އެއީ ކުރަން ވަރަށް ނުބައި ކަމެކެވެ. ރަނގަޅު ގޮތަކީ ޑިލީޓްކުރަން ބުނީމާ ޑިލީޓްކުރުމެވެ. ޑިލީޓްކުރަން ބުނީމާ ޑިލީޓްކުރަންވެސް ޖެހޭނެއެވެ. ނަމަވެސް ނުބައި މީހުން އެކަން ނުކުރަނީއެވެ. އެއީ ހަމަ އެމީހުންގެ ނުބައިކަމުންނެވެ.  

ތިރީގައިވާ ލިޔުމުން ތިއަ މައްސަލައިގައި ވަރަށް އަގުހުރި މައުލޫމާތުތަކެއް ލިބިލައްވާނެއެވެ. އިން ޝާ ﷲ  

ބައެއް އަންހެނުން އެމީހުންގެ އަޢުރަ ނިވާކުރަންޖެހޭ މިންވަރަށް ނިވާނުވާ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ހާމަކުރަނީ ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފުމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން އަންހެނުންނަށް ނުލިބި އޮތް މިނިވަންކަމެއް ލިބިއްޖެކަމަށް ޤަބޫލުކުރެވި އެމިނިވަންކަމުގެ ބޭނުން ހިފުމަށެވެ.  

އެމީހުންނާއިއެކު އުޅޭ އެހެން އަންހެނުންނަށްވުރެ ތިމާއަކީ "ނުކުޅެދޭ" މީހަކުކަމުގައި ނުވުމަށްވެސް އެފަދަ ކަންކަން ކުރެއެވެ. އެފަދަ ކަންކަން ފުޅައުވެ އިތުރުވަމުން އައިސް މިއަދު މިވަނީ ހައްދުން ނެއްޓިފައެވެ.  

މިފަދަ ވިސްނުމުގައި ކަންކަން ކުރަމުން ދަނިކޮށް މިކުރެވެނީ ނުބައިކަމެއްކަން ވިސްނި ތައުބާވެ ބުރުގާ އަޅައި ނިވާވެ އަމިއްލަ އެކައުންޓުން ކުރިން ޕޯސްޓްކުރި ވީޑިއޯތަކާއި ފޮޓޯތައް ޑިލީޓްވެސް ކުރެއެވެ. ނަމަވެސް އެއިރު އޮންނަނީ ވާނެ އެއްޗެއްވެ ނިމިފައެވެ.  

ބުރުގާ އަޅައިގެން ނަގާ ފޮޓޯ އާއި ވީޑިއޯތައް ހާމަކުރަން ފެށުމުން "މިއީ ކަލޭ ނޫންހެއްޔެވެ؟ ކުއްލިއަކަށް ބަދަލުވީ މޮޔަވެގެން ހެއްޔެވެ؟" ސުވާލުކޮށް ކުރިން ޕޯސްޓްކުރި ފޮޓޯތަކާއި ވީޑިއޯތައް ފޮނުވަން ފެށުމުން ދެރަވެ ހިތާމަކުރަންޖެހެއެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނުއޮވެއެވެ. އެމީހުން ހުންނަނީ އެތަކެތި ސޭވްކޮށްފައެވެ.  

ލޮބުވެތި ކަނބަލުންނޭވެ! މިކަންކަމަށް ރައްކައުތެރިވާށެވެ! ކިޔަވަން ނަމަވެސް އެހެން ބޭނުމަކު ނަމަވެސް ދުނިޔޭގެ ކޮންމެ ޤައުމެއްގައި ކިތަންމެ މިނިވަންކަމާއިއެކު އުޅުނު ނަމަވެސް ތިމާކުރާ ކޮންމެ ޢަމަލެއް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން ހިތުގައި ބާއްވާށެވެ! އެންމެ ބޮޑަށް ލަދުވެތިވާންވީ ﷲ ތަޢާލާއަށެވެ! ބިރުވެތިވާންވީ ﷲ ތަޢާލާގެ ޢަޛާބަށެވެ. ވީމާ ﷲ ތަޢާލާ ނުދެއްވަވާ މިނިވަންކަމެއް ލިބިގަންނަން މަސައްކަތްނުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން