އެއީ ފަޤީރުންގެ އަވަށެކެވެ. މިބުނަނީ އެހައި ތަނަވަސް މީހުން މަދުވާހަކައެކެވެ. އަވަށުގައި މައިގަނޑު ބައަކަށް އުޅެނީ ކްރިސްޓިއަނުންނާއި މުސްލިމުންނެވެ. ކްރިސްޓިއަން ފިރިހެނުންވެސް މުސްލިމް އަންހެނަކު ދެކެ ލޯބިވެއްޖެނަމަ ކައިވެނިކުރެއެވެ. ކައިވެނިކުރަނީ އިސްލާމްވެގެންނެވެ.
އެގޮތުން ކްރިސްޓިއަން ފިރިހެނަކު މުސްލިމް އަންހެނަކު ދެކެ ލޯބިވެ އިސްލާމްވެ ކައިވެނިކުރިއެވެ. ކައިވެނިކޮށް ގެއަށް ގެންދިއުމާއިއެކު ކްރިސްޓިއަން ދައްތަގެ އުނދަގޫތައް ޖެހެން ފެށިއެވެ. އެންމެ ބޮޑަށް ރުޅިއަންނަނީ ފަތިސްނަމާދުކޮށް ޛިކުރުތައް ކިޔާތީއެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި އެއީ ގޯތިތެރޭގައި ހުންނަ ގަސްތަކަށް ފެންދީ އަދި ބަދިގެއަށްވަދެ ހެނދުނުގެ ނާސްތާ ތައްޔާރުކުރަން އުޅެންޖެހޭނެ ވަޤުތެވެ.
އެއްދުވަހަކު ފަތިސްނަމާދަށް ހުއްޓައި ކައިރިއަށްގޮސް ހަޑިހުތުރު އެއްޗެތިގޮވަމުން ގޮސް ސަޖިދައިގައި އޮއްވައި ކޮޅުފައިންވެސް ޖެއްސެވެ. ދެވަނަ ފަހަރު ޖަހަން އުޅެނިކޮށް ވެއްޓުނީ އިތިފުށަށެވެ.
އަނެކާ އަވަސް އަވަހަށް ނަމާދު ނިންމާލުމަށްފަހު އޭނާގެ މޫނަށް ފެންބުރުވުމުންވެސް ހޭވެރިކަން ނުވުމުން މޫނުގައި އަތްތިލަ ބާއްވައިގެން އިނދެ އަލްޙަމްދު ކިޔަވައި ކުރުސި ކިޔެވިތަނުން ހޭއަރައިފިއެވެ.
ހޭއެރުމާއިއެކު ބުންޏެވެ. "އަހުރެން ކަލެއަށް މިހައި ނުބައިކޮށް ކަންކަންކުރާއިރުވެސް އަހުރެންނަށް ތިއަހައި ރަގަޅުވީ ކީއްވެގެން ހެއްޔެވެ؟ އަހުރެންނަށް ލޯނުހުޅުވި ވާހަކަ ނުދެއްކި އޮތްއިރުވެސް ކަލޭކުރި ކަންކަން އެނގުނެވެ. ﷲ އެވެ މިޔަމުން އެއްޗެތިތަކެއް ކިޔެވިކަންވެސް އެނގުނެވެ. އަހުރެން ހުވާކޮށްފައި ބުނަމެވެ. ނުބައިކޮށް ކަންކަންކުރާ މީހުންނަށް ހެޔޮއެދިގެން ތިއަގޮތަށް ކަންކަންކުރުމަކީ އަހުރެމެންގެ ތެރޭގައި އޮންނަ ކަމެއް ނޫނެވެ. މައިންބަފައިންނަށް ނުބައިކޮށް ކަންކަންކުރާ ދަރިއަކާއިމެދުވެސް ތިއަ ގޮތަކަށް ކަންކަމެއް ނުކުރާނެއެވެ."
މުސްލިމް ކުއްޖާ ބުންޏެވެ. "ފަހަރީއެވެ. އަހުރެމެންގެ ދީނުގައި އޮންނަނީ ނުބައިކޮށް ކަންކަންކުރާ މީހުން ދެކެވެސް ރުޅިނައިސް ހެޔޮކޮށް ހިތުމެވެ. އަހުރެން ޢަމަލުމިކުރީ އަހުރެމެންގެ ދީނުގައި އޮތް ގޮތަށެވެ."
ފަހަރި ބުންޏެވެ. "ދެން ގޭތެރޭގެ އެއްވެސް މަސައްކަތެއް ކުރާނެ ކަމެއް ނެތެވެ. ނަމާދުކޮށް ދުޢާކުރަން އިންނާށެވެ. ހުރިހާ މަސައްކަތެއް ކުރާނީ އަހުރެންނެވެ. އަހުރެންނަށް މާފުކުރާށެވެ!" އެހެން ބުނެފައި ހަމައެދުވަހު ފަހަރި އިސްލާމްވެއްޖެއެވެ.
މިއީ އަޅުގަނޑަށް ފެނިފައިވާ ވީޑިއޯއެއްގައި ކަންކަން ހިނގައިދިއަ ގޮތެވެ. ޢިބްރަތްތެރި ފިލާވަޅަކަށްވާތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ގެނެސްދިނީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް