ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެފައިވަނީ، ރާއްޖެއަށް އޮޕަރޭޓްކުރާ އެއަރލައިންތަކުގެ ސޭލްސް އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށްކަމަށް ބަޔާންކުރާ އައު ގަވާއިދެއް ވަރަށް އަވަހަށް ގެޒެޓްކުރައްވާނެކަމަށެވެ. މިއީ ދިވެހި ވިޔަފާރިތަކަށް ވައިގެ ދަތުރުފަތުރުގެ ސިނާއަތުން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ކުރައްވާފައިވާ މަސައްކަތެކެވެ.
ވަޒީރު މުޙައްމަދު އަމީން ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއަރ ޓްރާންސްޕޯޓް ސޭލްސްއާ ގުޅޭ އައު ގަވާއިދެއް ވަރަށް އަވަހަށް ގެޒެޓްކުރައްވާނެކަމަށެވެ. މި ގަވާއިދުގެ ދަށުން، އެއަރލައިންތަކުގެ ޖެނެރަލް ސޭލްސް އެޖެންޓުން (GSA) އަދި ފަސިންޖަރ ސޭލްސް އެޖެންޓުންގެ އިތުރަށް ކާގޯ ސޭލްސް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި 100 އިންސައްތަ ދިވެހި ކުންފުނިތަކަށްކަމަށް ވަޒީރު ވަނީ ތަފްޞީލު ދެއްވާފައެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ދިވެހި ވިޔަފާރިތަކަށް އިސްކަންދިނުމުގެ ސިޔާސަތާ އެއްގޮތަށް ކުރިއަށްގެންދަވާ މަސައްކަތެކެވެ. މީގެ އިތުރުން، މި ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކުން މިފަދަ ބަދަލަކަށް ދިގު އިންތިޒާރެއް ކުރަމުން ދިޔަކަން ވެސް ވަޒީރު ވިދާޅުވިއެވެ. އައު ގަވާއިދުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ކުރިއެރުމާއި ފުޅާވުމުގެ ފުރުސަތުތައް ބޮޑުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް އަމީން ވިދާޅުވިއެވެ.
މިފަދަ ގަވާއިދެއް ތަންފީޒުކުރުމުގެ މައިގަނޑު މަޤްޞަދަކީ، ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާ ގުޅޭ ވިޔަފާރީގެ އަދި އިޤްތިޞާދީ މަންފާ ރާއްޖޭގެ އިޤްތިޞާދަށާއި ދިވެހި ވިޔަފާރިތަކަށް ގެނައުންކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން، އެއަރލައިންތަކުގެ އޭޖެންސީގެ މަސައްކަތް ހަމައެކަނި ދިވެހި ކުންފުނިތަކަށް ޚާއްޞަކުރުމަކީ ގައުމީ އިޤްތިޞާދު ވަރުގަދަކުރުމުގެ މުހިއްމު ފިޔަވަޅެއްކަމަށް ސަރުކާރުން ދެކެއެވެ.