ރާއްޖޭގެ މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ރައީސްކަމުގެ މަގާމަށް، މިހާރު އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ފަރުޝަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފިއެވެ. މީޑިއާ ކޮމިޝަނުގެ ރައީސަކު އައްޔަންކުރުމުގެ މި މަސައްކަތަކީ، ކޮމިޝަނުގެ ހުރިހާ މެމްބަރުންނާވެސް ބައްދަލުކޮށް، އިންޓަވިއު ކުރުމަށްފަހު ކުރިއަށްގެންދިޔަ ކަމެކެވެ.
މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ފަރުޝަތުގެ ނަން ހުށަހެޅުމުގެ ކުރިން، ކޮމިޓީން ވަނީ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ 7 މެމްބަރުންނާވެސް ވަކިވަކިން ސުވާލުކޮށް، މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކު ހޮވުމުގެ މަސައްކަތް ކޮށްފައެވެ. ފަރުޝަތަކީ މީޑިއާ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އާންމުކޮށް ހުޅުވާލައިގެން އައްޔަންކުރެއްވި ތިން ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާ މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަން ވެސް ކުރައްވާފައިވެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަންގެ ޖުމްލަ މެންބަރުންގެ އަދަދަކީ 7 އެވެ. އޭގެތެރެއިން 3 މެންބަރުން އައްޔަންކުރައްވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ބާކީ 4 މެންބަރުން އިންތިޚާބު ކުރައްވަނީ ޤާނޫނުގައިވާ ގޮތުގެ މަތިން، ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުގެ ތެރެއިންނެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މުހައްމަދު ފަރުޝަތުގެ ނަން ފާސްކުރި ނަމަވެސް، ކޮމިޝަނުގެ ރައީސަކަށް އޭނާ ރަސްމީކޮށް އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭނާގެ ނަމަަށް ވޯޓަށް އަހައި، ވޯޓުގައި އަޣުލަބިއްޔަތު ލިބިގެންނެވެ. މީޑިއާ ކޮމިޝަނުގެ ރައީސްގެ މަޤާމަށް އައްޔަންކުރާނީ މަޖިލީހުންނެވެ.
މީޑިއާ ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް މެމްބަރަކު އައްޔަންކުރާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.