ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓް (ސިޑްސް) ގެ ގައުމަކަށްވުމުން ރާއްޖެއަށް ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަމަށް ހާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޙަލީލް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު
އދ. ދުވަސް ފާހަގަކުރުމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. ހަލީލް ފާހަގަ ކުރެއްވި ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު ސިޔާސީ މަންސަތަކުގައި ރާއްޖޭގެ އަޑު އިއްވުމުގެ ކާމިޔާބީތައް ވަނީ ހާސިލުކުރެވިފައެވެ. މީގެ ތެރޭގައި ސިޑްސްގެ ގައުމުތަކަށް ދިމާވާ މޫސުމީ ބަދަލުތަކާއި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ ވަކާލާތަކީ އެންމެ ބޮޑު އެއް ކާމިޔާބެވެ.
ވަޒީރު ޙަލީލް ވިދާޅުވީ، ރާއްޖެއިން މިވަގުތު އދ.ގެ ޖެނެރަލް އެސެމްބްލީއާއި ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބު ރައީސްގެ މުހިންމު މަގާމުތައް ފުރުން އެއީ ގައުމަށް ލިބޭ ފަޚުރެއްކަމަށެވެ. އަދި އަބަދުވެސް ރާއްޖެއިން އދ.ގެ އަސާސީ އުޞޫލުތައް ހިފަހައްޓައި، އެ ޖަމާޢަތާއެކު ގާތުން މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
އެމަނިކުފާނު އިޝާރާތް ކުރެއްވި ގޮތުގައި، ރާއްޖެއިން އދ.ގައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުން ދައްކުވައިދެނީ، ކިތަންމެ ކުޑަ ގައުމެއްކަމުގައި ވީނަމަވެސް، އަޑު އުފުލުވުމުގެ ގާބިލިއްޔަތު ހުރިކަމާއި، އަޑު އުފުލުމަކީ ލާޒިމުކަމެކެވެ. ރާއްޖޭގެ ތަރައްޤީގައި އދ.އިން އަދާކުރި ދައުރުގެ މައްޗަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ފާއިތުވެދިޔަ 60 އަހަރުގެ ތެރޭގައި އދ އަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު އެއް ބައިވެރިޔާކަމަށެވެ. އަދި ރާއްޖެއަކީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމުތަކުގެ ލިސްޓުން ތަރައްޤީވަމުން އަންނަ ގައުމަކަށް ބަދަލުވި ތިންވަނަ ގައުމުކަން ވެސް ފާހަގަކުރެއްވިއެވެ.
ޑރ. ޙަލީލް ވިދާޅުވީ ރާއްޖެއިން އދ. ގެ މެންބަރަކަށްވުމަށް ނިންމި ނިންމުމަކީ ރާއްޖެއިން ފަޚުރުވެރިވާ ނިންމުމެއް ކަމަށާއި، ކުޑަ ގައުމެއްގެ ހައިސިއްޔަތުން ވެސް އދ. ގެ މެންބަރަކަށްވީ އިތުބާރާއި އުންމީދާއެކުގައި ކަމަށެވެ. މީގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ހައްގުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ބޮޑުވެގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.