ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރައީސް ޑރ.މުޢިއްޒާއެކު ކުޅޭ ފުޓްބޯޅަ މެޗެއް މާދަމާ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރައީސް ޑރ.މުޢިއްޒާއެކު ކުޅޭ ފުޓްބޯޅަ މެޗެއް މާދަމާ!

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ޚާއްސަ ފުޓްބޯޅަ މެޗެއް މާދަމާ ކުޅުއްވުމަށް ހަމަޖެހިއްޖެއެވެ.

މި ޒިޔާރަތަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް، އަޙްމަދު ޠާރިޤްގެ ދައުވަތަކަށް ހުކުރުދުވަހު (މާދަމާ) ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާ މި ހަރަކާތަކީ ރާއްޖޭގެ ފުޓްބޯޅައަށް ލިބިގެންދާނެ ބޮޑު ޝަރަފެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މި ޚާއްސަ ފުޓްބޯޅަ ހަރަކާތްތައް ކުރިޔަށް ދާނީ މާދަމާ ހަވީރު 4:00 އިން 6:00 އަށް ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. މި އިވެންޓްގެ ތެރެއިން ރައީސް މުޢިއްޒު އާއި ފީފާގެ ރައީސް އިންފަންޓީނޯ ބައިވެރިވެވަޑައިގެން، އެކުވެރިކަމުގެ މެޗެއް ކުޅުއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކަޑަމީތަކާއި ކުލަބުތަކުގެ ޒުވާން ކުޅުންތެރިންނަށް ވެސް ފުޓްބޯޅައިގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު މި ހަރަކާތުގެ ތެރެއިން ލިބިގެންދާނެއެވެ.

ފީފާގެ ރައީސްގެ މި ޒިޔާރަތަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ މުހިންމު ދަތުރުފުޅެކެވެ. އެގޮތުން މި ދަތުރުފުޅުގައި އިންފަންޓީނޯ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ރާއްޖޭގެ ފުޓްބޯޅަ ދާއިރާ ތަރައްޤީކުރުމާ ގުޅޭ މުހިންމު ކަންކަމުގައި މަޝްވަރާކުރައްވާނެއެވެ. ޚާއްސަކޮށް ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗަރާއި، ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ ދާއިރާތަކަށް މި މަޝްވަރާތަކުގައި އިސްކަންދެވޭނެކަމަށް ބެލެވެއެވެ.

އެފްއޭއެމް އިން ބުނެފައިވާ ގޮތުން، ފީފާގެ ރައީސްގެ މި ދަތުރުފުޅު ވެގެންދާނީ ރާއްޖޭގެ ފުޓްބޯޅައަށް އަލުން ދިރުން ގެނެސް، ފުޓްބޯޅަ ކުރިއެރުވުމަށް އެ އެސޯސިއޭޝަނުން ކުރާ މަސައްކަތަށް ލިބިގެންދާނެ އިތުރު ހިތްވަރަކަށެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ކުޅިވަރަށް ލިބޭ ސަމާލުކަން އިތުރުވެގެން ދިޔުމުގެ ފެށުމެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން