ހާދަ ނުރަގިނައޭ ބުނެފިނަމަ ބުނާށެވެ! މިއުޅެނީ އަދިވެސް މަދުވެގެންނެވެ! ކޮންމެ ނުރައަކީ އަހުރެންނަށްޓަކައި ނޫރަކަށް ހަދައިލެވޭތޯއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ހާދަ ނުރަގިނައޭ ބުނެފިނަމަ ބުނާށެވެ! މިއުޅެނީ އަދިވެސް މަދުވެގެންނެވެ! ކޮންމެ ނުރައަކީ އަހުރެންނަށްޓަކައި ނޫރަކަށް ހަދައިލެވޭތޯއެވެ!

ނުރައިގެ ވާހަކައަށް ފެށުމުގެ ކުރިން ބުނެލާނަމެވެ. ޒުވާންކަން ގެއްލި މޫނާއި ހަންގަނޑުގައި ރޫޖެހެންފެށުމުންވެސް ދެރަވެ އަދި ލަދުގަންނަ ބައަކުވެސް އުޅެއެވެ. އެކަމަށް ލަދުގަތިއްޔާ ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ ދުނިޔޭގެ ޙަޔާތުގައި ތާއަބަދަށް ޒުވާންކަންމަތީގައި އެކަކަށްވެސް ނުހުރެވޭނެއެވެ. މުސްކުޅިވާވަރަކަށް އެކަންކަން ކުރިމަތިވާނެއެވެ. އެއީ އެކަން ﷲ ތަޢާލާ ލައްވަވާފައިވާ ގޮތެވެ.

ކަންބޮޑުވާންވީ ދުނިޔޭގައި ތިމާގެ ސިފަ މުސްކުޅިވާތީއެއް ނޫނެވެ. ގަދައަޅައި ަމސައްކަތްކުރަންވީ ސުވަރުގެ ލިބޭތޯއެވެ. ސުވަރުގެ ވައްދަވައިފިނަމަ މުސްކުޅިވުމެއް ނެތެވެ. ދުވަހެއް ދުވަހަކަށް ދާނީ ޒުވާންކަން އިތުރުވަމުންނެވެ.

ނުރަޖެހުމަށްބަލާއިރު ނުރަޖެހުމުން ކަންބޮޑުވެ ލަދުގަނެ، އެއިގައި ތަފާތުކުލަތައް ޖައްސާ މީހުންނަށް ބުނެލަން އޮތީ ތިއަ އުޅެވެނީ އަދި ރަނގަޅަކަށް ނޫނެވެ. ކެތްތެރިވެ ވިސްނާލައިފިނަމަ ލިބެން އޮތް ފައިދާ މާބޮޑެވެ.

ދިމާވާ ގޮތަކުން ވަރަށް ޒުވާން އުމުރުގައި ވެސް ނުރަ ޖަހައިފާނެއެވެ. އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ލަދުގަންނަން ޖެހެންވީ ކަމެއް ވެސް ނޫނެވެ. އެހެނީ އެއީ އެއްވެސް މީހެއްގެ އަމިއްލަ ބާރު ހިނގާކަމަކަށްނުވާތީއެވެ.

ޢާންމުގޮތެއްގައި ނުރަޖަހަނީ ޢުމުރުން ދުވަސްވުމުންނެވެ. އެއީ އިންޒާރެކެވެ. އަންގައިދެނީ އުމުރުން ދުވަސްވެއްޖެކަމެވެ. ދާދި އަވަހަށްވެސް މަރުވެދާނ ކަމެވެ. މަރަށް ތައްޔާރުވެގެން ހުރުމުގެ މުހިންމުކަމެވެ.

ﷲ ތަޢާލާ އެބޭކަލަކަށް ރުއްސުންލެއްވި ކަޢުބް ބުން މުއްރަތު އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "އިސްލާމްކަމުގައި ހުރެ މީހެއްގެ އިސްތަށީގައި ނުރައެއް ޖަހަފިނަމަ އެނުރަ ޤިޔާމަތްދުވަހުން ވާހުށީ ނޫރެއްކަމުގައެވެ." (ތިރްމިޛީ: 1634)

ޖަހާ ނުރަ ނޫރަކަށް ހެދުމަކީ ނުރަޖަހަން ފެށުމުން ﷲ ތަޢާލާއަށް ބިރުވެތިވުން އިތުރުކުރުމެވެ. ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރުމެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. ޙަދީޘްފުޅުގައި "އިސްލާމަކު ކަމުގައި ހުރެ" މި ގޮތަށް އޮތުމުން މިބުނި ބަސްތަކުގެ ދަލީލަކަށް ފުދެއެވެ. އިސްލާމް ކަމުގައި ހުރުމަކީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެހުރުން ކަމުގައިވާތީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން