ޤިޔާމަތް ދުވަހު ﷲ ގެ ޙަޟްރަތަށް އުފުލަންޖެހޭ 3 ލަގެޖުގެ ތެރެއިން އެއްލަގެޖުގައި ކައިވެނި ހިމެނޭ! ކައިވެނި ނުދަމަހައްޓައި ސަލާމަތްވެވޭނީ ކިހިނަކުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ޤިޔާމަތް ދުވަހު ﷲ ގެ ޙަޟްރަތަށް އުފުލަންޖެހޭ 3 ލަގެޖުގެ ތެރެއިން އެއްލަގެޖުގައި ކައިވެނި ހިމެނޭ! ކައިވެނި ނުދަމަހައްޓައި ސަލާމަތްވެވޭނީ ކިހިނަކުންތަ؟

ކައިވެންޏާއިމެދު ވާހަކަދައްކާއިރު ފުރަތަމަވެސް ފާހަގަކުރަންޖެހޭ އެއްކަމަކީ ކައިވެންޏަކީ ތިމާގެ އަމިއްލަ އުފަލަށް އެކަނި ވިސްނައިގެން ކުރަން އޮތް ކަމެއް ނޫންކަމާއި އެއީ ތިމާގެ އާޚިރަތަށްޓަކައިވެސް ކުރަންޖެހޭ ކަމެއް ކަމެވެ. މާނައަކީ ފާފަކުރުމުން ސަލާމަތްވެ ހުރުމަށްވެސް ކުރަންޖެހޭ ކަމެކެވެ.

ކުދިކުދި ކަންކަމާއި ގުޅިގެންވެސް ކައިވެނި ރޫޅާލައި ދެމަފިރިން ދެތަންވުން ގިނަވަމުން އަންނައިރު ތިމާމެންނަށް މިކުރެވެނީ ކިހައިވަރެއްގެ ކަމެއް ކަމާއިމެދު ވިސްނާލަން އެބަޖެހެއެވެ.

ކައިވެންޏަކީ ތބާ ނަރަކައިން ސަލާމަތްކޮށްދީ ސުވަރުގެ ވައްދުވާ ބާރެއް ކަމަށް ބުނެފިނަމަ ބައެއް މީހުން ކަންބޮޑުވެދާނެއެވެ. ނަމަވެސް އެއީ އެކަން އޮތްގޮތެވެ. އެކަން އެނގިގެންދާ ސަބަބުތައް ވަރަށް ގިނައެވެ. އެންމެ ސާފުކޮށް އެނގޭ އެއް ކަމަކީ ޞިއްހަތު ސަލާމަތުން ހުރެފައި އެމީހަކީ އެމީހަކީ އަންހެނަކުނަމަވެސް އަދި ފިރިހެނަކު ނަމަވެސް އެކަނި ހުރިނަމަ ނަފްސްގެ ޠޯހިރުކަން ނުހިފެހެއްޓޭ ކަމެވެ. އެއީ ވަރަށް މަދުމީހަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. ޢާންމު ގޮތެއްގައި ބުނާނަމަ އެއީ ނުކުރެވޭ ކަމެކެވެ.

ﷲ ތަޢާލާގެ ޙަޟްރަތަށް ދާއިރު 3 ކަމެއް އެމީހަކާއިއެކު ގެންދަން އެބަޖެހެއެވެ. އެއީ ﷲ ތަޢާލާ އެއްކައުވަންތަ ކުރުމާއި ރަސޫލް (ﷺ)ގެ ސުންނަތަށް ތަބަޢަވުމާއި ސާފުތާހިރު ހަށިގަނޑެކެވެ. މިއީ ދަތުރުދާއިރު ކޮންމެ މީހަކު ވެސް ގެންދަން ޖެހޭ 3 ލަގެޖް ކަމަށް ބަލާށެވެ!

މިތިން ލަގެޖުގެ ތެރޭގައި ކައިވެނި ހިމެނޭކަން އެނގޭ ހެއްޔެވެ؟ މިހެން ބުނުމުން ތިއަ ތަނުގައި ކައިވެނި ކޮބައިތޯ ސުވާލުކޮށްފާނެއެވެ. ކައިވެނި ހިމެނެނީ 3 ވަނަ ލަގެޖުގައެވެ. ސާފުތާހިރު ހަށިގަނޑެއް ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދެވޭނީ ރަނގަޅު ގޮތުގައި ކައިވެނި ދަމަހައްޓައިގެން ކަމަށްވާތީއެވެ.

ވީމާ ކައިވެނި ކުރަން ޖެހެނީ ކީއްވެގެންކަން އެބަ އެނގިގެންދެއެވެ. އަދި ކައިވެނި ރަނގަޅު ގޮތުގައި ދެމެހެއްޓުމުގެ މުހިންމުކަންވެސް އެބަ އެނގިގެންދެއެވެ. ކައިވެނީގެ މުހިންމު ކަމާއި ކައިވެނި ދެމެހެއްޓުމުގެ މުހިންމުކަން މިހައި މަތިވެރި އިރުވެސް ކައިވެންޏަކީ ކުޅޭކުޅޭ އެއްޗަކަށް އެބަ ހަދަމުއެވެ. ކުޑަކުދިން ކުޑައިރު އެކުގައި ކުޅެން އުޅެފައި ކޮންމެވެސް ކަމަކާއިމެދު ހިތް ހަމަނުޖެހިގެން ތޮޅޭ އުޞޫލުން ދެމަފިރިން ޒުވާބުކޮށްފައި އަދި ކުޅުން ހުއްޓާލައި އެއް ކުއްޖަކު ގެއަށް ފޮނުވައިލާ އުޞޫލުން އަހަރެމެން ކައިވެނި ރޫޅާލައި އެކަކު އެބަ ގެއިން ބޭރުކުރަމުއެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

ޞިއްޙަތު ސަލާމަތުން ހުރި އެއްވެސް މީހަކަށް ބައިވެރިއަކާއި ނުލައި ދިރިއުޅުމަކީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. މިޒަމާނަށް ބަލައިފިނަމަ ކުރެވޭވަރުގެ ކަމެއް ނޫނެވެ. އެހެންކަމުން އެކަނި ދިރިއުޅޭ ނަމަ ކޮންމެވެސް މިންވަރެއްގެ ގޯޅިތަކެއް އެޅުން ވަރަށް ގާތެވެ. ގޯޅި އެޅޭ ކޮންމެ ފަހަރަކު ނަފްސް އެދަނީ ނުތާހިރު ވަމުންނެވެ. ވީމާ ތާހިރު ހަށިގަނޑެއް ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދިއުން ވާނީ ވަރަށް ދަތިކަމަކަށެވެ.

ދެން އޮތީ ކައިވެނިކޮށްގެން ތިބެވެސް ނަފްސް ހަޑިމުޑުދާރުކުރުމެވެ. އެފަދަ މީހުންނަކީ ﷲ ތަޢާލާ ބުއްދި ދެއްވެވުމުން އެއިގެ ބޭނުންނުކޮށް އާޚިރަތް ނަގައިލާ މީހުންނެވެ. ޖާހިލުންނެވެ. ވީމާ މިދެއްކީ އެފަދަ މީހުންގެ ވާހަކައެއް ނޫނެވެ.

--ޝައިޚް ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން