މުސްލިމުންނަކީ ކުރެވޭ ފާފައަކުން ސަލާމަތްވާން އެއްވެސް މީހެއްގެ އެހީތެރިކަމަށް ބޭނުންވާ ބައެއް ނޫން! ސަލާމަތްވެވެން އޮތްގޮތް ވަރަށް ފަސޭހަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
މުސްލިމުންނަކީ ކުރެވޭ ފާފައަކުން ސަލާމަތްވާން އެއްވެސް މީހެއްގެ އެހީތެރިކަމަށް ބޭނުންވާ ބައެއް ނޫން! ސަލާމަތްވެވެން އޮތްގޮތް ވަރަށް ފަސޭހަ!

ފާފަ ކުރުމެއް ނެތެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެއްވެސް ފާފައެއް ނުކުރުމަށެވެ. އެހެންކަމާއިއެކުވެސް ފާފައެއް ކުރެވިއްޖެނަމަ އޮތީ ތައުބާވުމެވެ. އެހިސާބުން އެކަން އެނިމުނީއެވެ. އެކަން އިތުރު އެއްވެސް މީހަކާއި ބައްސާކަށް ނުޖެހޭނެއެވެ. އަދި ތައުބާވުމަށް އެހެން އެއްވެސް މީހެއްގެ އެހީތެރިކަން ހޯދާކަށްވެސް ނުޖެހެއެވެ. ތައުބާވުމަކީ އެމީހަކާއި ﷲ ތަޢާލާއާއި ދެމެދުގައި އޮންނަ ސީދާ ގުޅުމެކެވެ. އެއީ އެހެން އެއްވެސް މީހަކު ބައިވެރިކުރަން ޖެހޭ ކަމެއް ނޫނެވެ. 

މިޘާލަކަށް ފާފައެއް ކުރެވުމުން އެކަމަށް ދެރަވެގެންވެސް އެވާހަކަ ޢިލްމްވެރިއެއްގެ ގާތުގައިވެސް ބުނުމެއް ނެތެވެ. އެމީހަކު ތައުބާވެ ތިމާއަށް ކުރެވުނު ފާފަ ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައިލުމުން އެކަން އެއޮތީ ނިމިފައެވެ. ޢިލްމްވެރިންގެ އެހީތެރިކަން ހޯދަންވީ ކުރެވޭ ފާފައެއް ކުރެވުން ހުއްޓައިނުލެވުމުން ހުއްޓާލަން ޢަމަލުކުރާނެ ގޮތެއް އޮޅުންފިލުވުން ފަދަ ކަންކަމުގައެވެ. 

އެހެން ދީންތަކުގައި ފާފަ ކުރެވުމުން އެކަމުން ސަލާމަތް ވެވެނީ ފައްޅިއަކަށް ގޮސް އެތަނުގެ ބޮޑުންނަށް ކިޔައިދީ އެމީހުން މެދިވެރިކޮށް އެމީހުންގެ ކަލާނގެއަށް ދުޢާކުރުމުންނެވެ. އެއިރުން އެމީހުންގެ ކުރިމަތީގައި އެމީހަކު ފަޟީޙަތްވާކަމާއިމެދުވެސް ވިސްނައެއް ނުލައެވެ. 

އަހުރެމެންގެ ދީނުގައި އެކަން ﷲ ތަޢާލާ ލައްވަވާފައިވަނީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ސިއްރެއްގެ ގޮތުގައެވެ. އިތުރު އެއްވެސް މީހަކަށް އެއިން އެއްވެސް ކަމެއ އަންގާކަށް ނުޖެހެއެވެ. ދެއަތް އުފުލާލައި ތިމާއަށް ކުރެވުނު ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކޮށްލުމުން އެކަން އެއޮތީ ނިމިފައެވެ. 

ދަރިންނާއިމެދުގައިވެސް ބަހެއް ބުނެލާނަމެވެ. އަހުރެން މިބުނަނީ އެއްވެސް ޙާލެއްގައި ދަރިން ފާފަކުރަން ދޫކޮށްލައި ފުރުޞަތުދީގެން ތިބޭކަށް ނޫނެވެ. ދަރިއަކުނަމަވެސް ފާފަކުރާކަން އެނގިއްޖެނަމަ އެކަން ހުއްޓުވަން ނަޞީޙަތްދިނުމުގެ އިތުރުން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަންވާނެއެވެ. އެކަން އޮންނަންވާނީ މައިންބަފައިންނާއި ދަރިންނާއި ދެމެދުގައެވެ. އިތުރު އެއްވެސް މީހަކާއި ބައްސައިގެން ނުވާނެއެވެ. ކިތަންމެ ގާތް މީހަކަށް ކަމަށްވިޔަސް އަންގައިގެންވެސް ނުވާނެއެވެ.  

މައިންބަފައިންނަށް ދަރިންނަށް ދެވޭ އެންމެ ބޮޑު އެއް އަނިޔާއަކީ ދަރިންނަށް، ޚާއްޞަކޮށް އަނހެން ދަރިންނަށް ކުރެވޭ ކުށްތަކުގެ ވާހަކަ މީސްމީހުންގެ ގާތުގައި ދެއްކުމެވެ. ކިތަންމެ ގާތް މީހެއްގެ ގާތުގައި ދެއްކިނަމަވެސް އެއީ ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. އެކަމުގެ ސަބަބުން އެހެން މީހެއްގެ ނުވަތަ ބައެއްގެ ކުރިމަތީގައި އަމިއްލަ ދަރިފުޅުގެ އަގު ވައްޓައިލެވޭތީއެވެ. އަދި އެކަން ލައްގަނޑެއްގެ ގޮތުގައި ކުއްޖާގެ މުޅި ޢުމުރަށް ދެމިއޮންނާނެތީއެވެ. 

ހަމައެފަދައިން އަންހެން ދަރިންނަށް ބުނެލަން އޮތީ ކުރެވިފައިވާ ފާފައެއްގެ ވާހަކަ ކިތަންމެ ލޯބިވާ މީހެއްގެ ގާތުގައިވެސް އަދި ކައިވެންޏަށްފަހު ފިރިމީހާގެ ގާތުގައިވެސް އަދި ކިތަންމެ ގާތް އެކުވެރިއެއްގެ ގާތުގައިވެސް ނުދައްކާށެވެ! އެއީ އަމިއްލައަށް އަގުވައްޓައިލުން ނޫން ކަމަކަށް ނުވާނެއެވެ. އެއްވެސް ކަމެއް މެދުވެރިވެގެން ހިތްހަމަ ނުޖެހޭ ދުވަހު، ދެމީހުން ވަކިވާ ދުވަހު އެކަންކަން ބޭޒާރުކޮށް ނުލާނެ ކަމަށް ހީނުކުރާށެވެ! 

ވީމާ މައިންބަފައިންވެސް އަދި ދަރިންވެސް މިކަންކަމަށް ސަމާލުކަންދީ ޢަބުރު ރައްކައުތެރިކުރާށެވެ! އެއަށްވުރެ މުހިންމު ކަމެއް ނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން