ސުވަރުގެ އެދިގެންވެސް އަދި ދުނިޔޭގެ ދިރިއުޅުން ބާއްޖަވެރިކުރަންވެސް ކުރަންހުރި ކަންތައްތައް ވަރަށް ގިނައެވެ. ހުރިހާ ކަމެއް އެންމެންނަށް ނުކުރެވިދާނެއެވެ. ސުންނަތުން އަހުރެން މިބަޔާންކުރަނީ ކުރަން މަސައްކަތްކޮށްފިނަމަ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ކުރެވޭނެ 5 ކަމެކެވެ.
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅަށް ބަލާއިރު:
1- ދުވަސް ފަށްޓަވަނީ ފަތިސްނަމާދުގެ ޖަމާޢަތުންނެވެ.
2- ކޮންމެ ކަމެއް ކުރެއްވެވުމުގެ ކުރިން އެކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެއްކަން ޔަޤީންކުރައްވަވައެވެ. އަދި ކޮންމެ ކަމެއްވެސް ފަށްޓަވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތާއި ބަރަކާތަށް އެދިވަޑައިގަންނަވަމުންނެވެ.
3- އިތުރު އެކަލޭގެފާނާއިމެދު އެންމެ ނުބައިކޮށް ކަންކަން ކުރާ މީހުންނަށްވެސް ދީލަތިކަމާއިއެކު މާފުކުރެއްވެވިއެވެ.
4- ފަރިއްކުޅުއްވަވައި އުޅުއްވެވީ ކިރިޔާ ފުދޭނެ މިންވަރަށެވެ.
5- އަބަދުވެސް ހުންނެވީ ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކަށް ޝުކުރުވެރިވެވަޑައިގަތުންމަތީގައެވެ. ﷲ ތަޢާލާ ކުރިމަތިކުރެއްވެވި އެއްވެސް ކަމަކާއި ގުޅިގެން އެއްވެސް ޝަކުވާއެއް ނުކުރައްވަވައެވެ.
މީސްތަކުންނޭވެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވެވި ކޮންމެ ކަމަކީ ސުންނަތެކެވެ. އަހުރެމެންނަށް އޮތީ އިތުރު އެކަލޭގެފާނުގެ ސުންނަތުގައި ހިފެހެއްޓުމެވެ. އަހުރެން މިބުނެލީ ޢާންމު ދިރިއުޅުމުގައި އަހުރެމެން ވަރަށް ބޮޑަށް ފޭލްވަމުން އަންނަ ބައެއް ކަމުގެ ވާހަކައެވެ. ހަމައެކަނި މިކަންކަމަށް ޢަމަލުކުރަން މަސައްކަތްކުރިނަމަވެސް އެމީހެއްގެ ދިރިއުޅުމަށް ވަރަށް ގިނަ ގޮތްގޮތުން ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އަދި އާޚިރަތް ލިބިގަތުމަށްވެސް މަގުފަހިވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން