ޢިބްރަތްތެރި ވާހަކަ: މިޙާދިސާގެ ވާހަކަ ކިޔާފައިވެސް ދެމަފިރިން އެކުގައި ދަމުނަމާދެއް ނުކުރާނަން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ޢިބްރަތްތެރި ވާހަކަ: މިޙާދިސާގެ ވާހަކަ ކިޔާފައިވެސް ދެމަފިރިން އެކުގައި ދަމުނަމާދެއް ނުކުރާނަން ހެއްޔެވެ؟

ވާހަކަ ފަށާނީ ސުވާލެއް ކޮށްލާފައެވެ. އެސުވާލަކީ މިޙާދިސާގެ ވާހަކަ ކިޔާފައިވެސް ދެމަފިރިން އެކުގައި ދަމުނަމާދެއް ނުކުރާނަން ހެއްޔެވެ؟ ވާހަކައާއިގެން ކުރިއަށް ވަޑައިގަންނަވާށެވެ!    

ހަމަކުއްލިއަކަށް ކަހަލަ ގޮތަކަށް އަހަރެނެގެ ފިރިމީހާ ނިޔާވިއިރު އެންމެ ހަގު ދަރިފުޅުގެ އުމުރަކީ 2 އަހަރެވެ. ދެންހުރި ދަރިފުޅުގެ ޢުމުރަކީ 4 އަހަރެވެ.އެންމެ ދޮށީ ދަރިފުޅުގެ ޢުމަރަކީ 7 އަހަރެވެ. ދެމަފިރިންނަކީ 2 ކޮޓަރީގެ ފްލެޓެއް ކުއްޔަށް ހިފައިގެން ފިރިމީހާއަށް ލިބޭ މުސާރައިން ދިރިއުޅެމުންއައި ބައެކެވެ.  

ޚިޔާލު ތަފާތުވާ ކަންކަން ކުރިމަތިވެއެވެ. ނަމަވެސް ދުވަހަކުވެސް ދެބަސްވެ ޒުވާބެއް ނުކުރަމެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ކުރަނީ ދެމަފިރިން ގުޅިގެންއެކުގައެވެ. މަޝްވަރާކޮށްގެން އެކަކަށް އެކަނި ބުރަ ނުވާނެ ގޮތަށެވެ. އެފަދަ ފިރިއަކު ކުއްލިގޮތަކަށް ގެއްލިދިއުމުން ހިތަށް ކުރާނެ އަސަރު ހިތަށް ގެންނާށެވެ. އަދި މިހައި ކުޑަ 3 ދަރިން ތިބުމުން ލިބޭނެ ނިކަމެތިކަން ހިތަށް ގެންނާށެވެ.

ނަމަވެސް ކަންބޮޑެއް ނުވަމެވެ. އަބަދުވެސް ހަނދާން ހުންނަ ބަސްކޮޅެއް އޮވެއެވެ. "ތިމާ އެމީހަކު ދެކެ ލޯބިވާ އެއްވެސް މީހަކު މަރުވުމަކީ ކޮންމެ މީހަކަށްވެސް ލިބޭނެ އެންމެ ބޮޑު އެއް ހިތާމައެއްވެ. ކެތްތެރިވެ ޔަޤީންކުރަންވީކަމަކީ ތިމާއަށް ދެއްވެވި އެއްވެސް ނިޢްމަތެއް ﷲ ތަޢާލާ ގެންދަވައިފިނަމަ ބަދަލުގައި އެއަށްވުރެ ފައިދާހުރި ނިޢްމަތެއް ދެއްވަވާނެ ކަމެވެ."  

ފިރިމީހާ ވަޅުލީ ޢަޞްރުނަމާދަށްފަހުގައެވެ. ތެދަށް ބުނާނަމަ ޖަނާޒާގެ ކަންކަން ނިމުމުން ވެސް ހުރީ ގުޑައިލަންވެސް ނުއެނގިފައެވެ. ދާންވީ ކޮން ދިމާއަކަށްކަން އޮޅިފައެވެ. ގެއަށް ގޮސް ވަންނަމަވެސް އަންނަ މަހުގެ ކުލި ދައްކާނީވެސް ކިހިނަކުން ހެއްޔެވެ؟  

ގަނޑުވެފައި ހުއްޓާ ބޮޑު ބޭބެ އައިސް އަހަރެންގެ ކޮނޑުގައި ހިފާފައި "ދަރިފުޅާ ގެއަށްދާން ހިނގާށޭ" ބުނުމުން ކޮންމެވެސް ހިތްވަރެއް ލިބުނެވެ. 

ބޮޑުބޭބެއަކީ އަހަރެންނާއި އެހައި ގިނައިން ވާހަކަ ދައްކާ މީހެއްވެސް ނޫނެވެ. ނަމަވެސް އެދުވަހު ގެއިން ނުކުންނަމުން އަހަރެންގެ އަތަށް ފައިސާކޮޅެއް ދީފައި އެއްވެސް ކަމަކަށް ކަންބޮޑުނުވުމަށް ބުންޏެވެ. އަދި ދެން ނާދެވެނީސް ކަމަކަށް ބޭނުންވެއްޖެ ނަމަ ގުޅުމަށްވެސް ބުންޏެވެ.

ﷲ ތަޢާލާގެ ރަޙްމަތް މިންވަރުކުރައްވަވާނެ ގޮތެއް ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. އަހަރެމެންނަށް ކުރިން ބޮޑުބޭބެ އެހީނުވި ނަމަވެސް ފިރިމީހާ ނިޔާވި ދުވަހުން ފެށިގެން އަހަރެމެން 3 މައިންގެ ހުރިހާ ޚަރަދެއްކޮށްދިނީ ބޮޑުބޭބެއެވެ.  

ފިރިމީހާ ނިޔާވިތާ އަހަރެއްހައި ދުވަސްވީފަހުން ކައިވެނިކުރަން އެދުނު މީހަކާއި ކައިވެނިކުރީމެވެ. އޭނާވީ ކުރީގެ ފިރިމީހާއަށްވުރެވެސް އަހަރެމެންނަށް ހެޔޮ މީހަކަށް ކަމުގައި ބުނުމަކީ ފިރިމީހާއަށް ބުނާ އިހާނެތި ބަހެއް ނޫނެވެ. އެހައިވެސް ހެޔޮވީމައެވެ.  

ދެން މިބުނެދެނީ މިކަން މިގޮތަށް މެދުވެރިވުމަށް މެދުވެރިވި ސަބަބުކަމަށް އަހަރެން ޤަބޫލުކުރާ ސަބަބެވެ. އަހަރެމެން ދެމަފިރިންނަކީ ކޮންމެ ރެއަކުހެން އެކުގައި ދަމުނަމާދުކުރި ދެމަފިރިންނެވެ. އަހަރެމެން އެންމެ ގިނައިން ކުރި އެއް ދުޢާއަކީ އެކަކު ކުރިން މަރުވިނަމަވެސް އަނެކަކު ނިކަމެތި ނުކުރެއްވެވުން އެދި ކުރި ދުޢާއެވެ.

އަހަރެންގެ ހިތުގެ ވެރިކަން އަބަދުވެސް އޮންނާނީ އަހަރެންގެ އަލަތު ފިރިމީހާއަށެވެ. ނަމަވެސް ތަޤްދީރުގައިވާ ގޮތަށް ކަމެއް ބައްދަލުކުރުމުން ބަލައިގަތުމަކީ ކުރަންޖެހޭނެ ކަމެކެވެ. ޙިކުމަތް ދެނެވޮޑިގެންވާނީ ﷲ ތަޢާލާއެވެ. އަހަރެންގެ ވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރާނެ އުންމީދުކުރަމެވެ.

- ފާއިޒާ/ މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

 

މިއަދު އޮންލައިން