ތިބާއަށް ދެއްވަވާ އެއްވެސް ނިޢުމަތެއް ގެއްލިގެން ކަންބޮޑުނުވާށެވެ! މާފުރިހަަމަ ގޮތުގަ އަނބުރާ ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ތިބާއަށް ދެއްވަވާ އެއްވެސް ނިޢުމަތެއް ގެއްލިގެން ކަންބޮޑުނުވާށެވެ! މާފުރިހަަމަ ގޮތުގަ އަނބުރާ ދެއްވަވާނެ! އިން ޝާ ﷲ

ތިބާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ އެއްވެސް ނިޢުމަތެއް އަނބުރާ ގެންދަވައިފިނަމަ ހިތާމަނުކުރާށެވެ! އެއީ ޞިއްހަތުކަމަށްވީނަމަވެސް، މާލީ ތަނަވަސްކަން ކަމުގައިވީނަމަވެސް އަދި ތިބާ ލޯބިވާ މީހަކު ދުނިޔެއާއި ވަކިވާންޖެހުން ކަމުގައިވީނަމަވެސް މެއެވެ. 

ޞިއްޙަތު ފަހަރެއްގައި މިދުނިޔޭގައި އަނބުރާ ނުލިބިދާނެއެވެ. ނަމަވެސް ސުވަރުގެ ވައްދަވާނީ ފުރިހަމަ ޞިއްހަތުގައެވެ. ތަނަވަސްކަންވެސް ދުނިޔޭގައި އަނބުރައި ނުލިބިދާނެއެވެ. ނަމަވެސް ދިރިއުޅެވޭނެ މަގެއް ދައްކަވާނެތެވެ. ސުވަރުގެ ވައްދަވާނީ ހިތްފުރި އިތުރުވާވަރުގެ ތަނަވަސްކަމާއިއެކުގައެވެ. އިން ޝާ ﷲ. އަހުރެމެންނަށް އޮތީ ލިބިގަންނަން މަސައްކަތްކުރުމެވެ. 

ޙަޔާތުގެ ބައިވެރިޔާ ގެއްލުނަސް ކަންބޮޑުނުވާށެވެ! މާފުރިހަމަ ބައިވެރިއަކު ދެއްވަވާނެތެވެ! ސުވަރުގެއިން ދެއްވަވާ ބައިވެރިޔާ ލިބުމުން ހިތްފުރި އުތުރި އަރައިގެންދާނެއެވެ. 

ދުނިޔޭގެ ޙަޔާތަކީ ދާދި މަދު ދުވަސްކޮޅެކެވެ. ދާއިމަށް ދެމިތިބޭނެ ތަނަކީ އާޚިރަތުގައެވެ. މަރުވި ތިބާ އެބައަކު ދެކެ ލޯބިވާ އެންމެންނާއި ތިބާއާއި ބައްދަލުކުރެވޭނެއެވެ. ސުވަރުގޭގައެވެ. އެހެންވީމާ އަހުރެމެންނަށް ކުރަން އޮތް ކަމަކީ ހިތްދަތިޙާލަތެއް ކުރިމަތިކުރެއްވެވުމުން ކެތްތެރިވެލައި ތަޤްވާވެރިކަން އިތުރުކުރުމެވެ. 

އަހުރެމެން ކިތަންމެ ބޮޑަށް ބޭނުންވި ނަމަވެސް އަހުރެމެން ލޯބިވާ އެންމެން އަބަދަކު ދުނިޔެއަކު ނުތިބޭނެއެވެ. އެމީހެއްގެ އަޖަލު ހަމަވުމުން އެމީހަކު މަރުވާނެއެވެ. އެކަމަށް ދެރަވެ ކިތަންމެ ބޮޑަށް ހިތާމަ ކުރިނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދަވައިފި އެއްވެސް ފުރާނައަކަށް އެނބުރި ދުނިޔެއަކަށް ނައުދެވޭނެތެވެ. 

މިނަޞޭޙަތްކޮޅު ގިނަގިނައިން ދޭންޖެހޭ ސަބަބަކީ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް އަނބުރައި ގެންދެވުމުން ލިބޭ މާޔޫސްކަމުގައި ގިނަ ބައަކު މަގުންކައްސާލައިގެންދާތީއެވެ. ބޮޑެތި ގޯސްތައް ހެދި އާޚިރަތް ގެއްލޭނެ ގޮތަށް ކަންކަން ކުރެވޭތީއެވެ. 

މިކަންކަމަށް ކަންބޮޑުނުވާން މިބުނަނީ މިބަޔާންކުރިމަގުން ކަންކަން ކުރިމަތިކުރައްވަވައި މީސްތަކުން އިމްތިޙާނުކުރައްވަވާނެ ކަމަށް ވަޙީބަސްފުޅުގައި އޮތުމުންނެވެ. އެހެންވީމާ އެކަންކަމަށް ކިތަންމެ ވަރަކަށް ދެރަވެ މާޔޫސްވިނަމަވެސް ލިބޭނެ އުފަލެއް ނެތެވެ. އުފާލިބެން އޮތީ ހަމަ އާޚިރަތް ހޯދަން މަސައްކަތްކުރިވަރަކުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން