ބައިވެރިއަކު ލިބުން އެދިގެންވެސް އަދި ލިބިފައިވާ ބައިވެރިޔާގެ ހިތުގައި ތިބާއަށް ލޯބި އިތުރުވެ ހިތްހަމަޖެހުން ލިބެން އެދިގެންވެސް ކުރަން އޮތް ދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ބައިވެރިއަކު ލިބުން އެދިގެންވެސް އަދި ލިބިފައިވާ ބައިވެރިޔާގެ ހިތުގައި ތިބާއަށް ލޯބި އިތުރުވެ ހިތްހަމަޖެހުން ލިބެން އެދިގެންވެސް ކުރަން އޮތް ދުޢާ!

ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އެންމެންނަށް ކުރިމަތިވާނީ އެއް ޙާލަތެއް ނޫނެވެ. އެކިމީހުންނަށް އެކި ގޮތެވެ. އެއްބައެއްގެ ޝަކުވާއަކީ ކައިވެނިކުރާނެ ހެޔޮލަފާ އަންތބަކު ނުލިބުމެވެ. އަނެއްބައެއްގެ ޝަކުވާއަކީ ބުރަމަސައްކަތުގައި އުޅުމަށްފަހު ގޮސް ގެއަށް ވަންނައިރަށް ލިބިފައިވާ އަނބިމީހާ ބޮލުގަ މަރުތޭލައަކުން ތަޅަންފަށާ ކަމެވެ.  

ދެ ޙާލަތުގައިވެސް މިދުޢާ ގިނަގިނައިން ކުރާށެވެ! ތިބާއަށް އަންތބަކު ދެއްވަވާފައި ނުވާނަމަ، ހެޔޮ ލަފާ އަންތބަކު ދެއްވަވާނެތެވެ. އަންތބަކު ދެއްވަވާފައިވާނަމަ ދެމަފިރިންގެ ޙަޔާތް ބާއްޖަވެރި ކުރައްވަވާނެތެވެ.  

رَبَّنَا هَبۡ لَـنَا مِنۡ اَزۡوَاجِنَا وَذُرِّيّٰتِنَا قُرَّةَ اَعۡيُنٍ وَّاجۡعَلۡنَا لِلۡمُتَّقِيۡنَ اِمَامًا‏ ﴿25:74﴾ 

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވަވާނދޭވެ!: (ފުރްޤާން: 74) 

މިދުޢާއަކީ މިކަންކަމަށް ފިރިންގެ ކިބައިން އެދިގެން އަނބިންވެސް ކުރަން އޮތް ދުޢާއެކެވެ. ޢިބާރާތް ބަދަލުނުކޮށް ޤުރްޢާނުގައި އޮތް ގޮތަށް ކުރާށެވެ! ތިބާއަކީ އަންހެނަކު ނަމަ ބޭނުންވެގެން އެއުޅެނީ ފިރިއަކަށްކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.  

މީސްތަކުންނޭވެ! އަހަރެމެންނަށް ގަދައަޅައި މަސައްކަތް ކުރެވިދާނެއެވެ. ނަމަވެސް ހިންމަވައި ދެއްވެވުން ވަނީ ﷲ ތަޢާލާއަށެވެ. ވީމާ ކޮންމެ ކަމެއް ކުރި ކަމުގައިވީނަމަވެސް ދުޢާކުރުން ގިނަކުރަންވާނެއެވެ.  

ބައެއް މީހުން އަންތބަކު ހޯދުމުގެ ބޭނުމުގައި އަތުގައި ހުރިނަމަ ހުރި ހުރިހާ މުދަލާއި ފައިސާ އެބަ ޤުރްބާން ކުރެއެވެ. ފައިސާގެ ދަޅައިން ހޯދޭނެ އުފާވެރިކަމެއް ނެތެވެ. މިބުނަނީ ބައިވެރިއަކު ހޯދުމުގައެވެ. ފައިސާ ހުރި މީހަކާ ކޮންމެ އަންހެނަކުވެސް ކައިވެނިކޮށްފާނެއެވެ. ނަމަވެސް އެއީ ހަމަ މުޅިން ސުމެއްގެ ވިސްނުމެކެވެ. އެއިރުން ކައިވެނިއެކުރަނީ ތިބާއަކާއެއް ނޫނެވެ. ތިބާގެ އަތުގައި ހުރި ފައިސާ އާއިއެވެ. އެފަދަ ކައިވެންޏަކުން ފިރިމީހާއަށް ލިބޭނެ ޙަޤީޤީ އެއްވެސް އުފަލެއް ނުއޮންނާނެއެވެ.  

ވީމާ އުފާވެރިކަމާއިއެކު ކައިވެނިމަތީގައި ދެމިތިބުމަށްޓަކައި އަބަދުވެސް މިފަދަ ދުޢާތައް ކުރަމުން ގެންދަންވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން