ހިތުގަ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިޖެހުމުން އެމީހެއްގެ ކިބައިން ފެންނާނެ ކަންތައްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ހިތުގަ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިޖެހުމުން އެމީހެއްގެ ކިބައިން ފެންނާނެ ކަންތައްތައް-

މީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ފުރިހަމައަށް ލޯބިޖެހިއްޖެ ނަމަ ފަރުޟު 5 ނަމާދުކުރެވުމަކުން  ނުފުދޭނެއެވެ. ކުރެވޭ ނަމާދުތައް ގިނަކުރަން ބޭނުންވެ ސުންނަތް ނަމާދުތައް ކުރާނެއެވެ.  

ހަމަ އެކަނި ރަމަޟާން މަހު ރޯދަ ހިފައިގެން ނުފުދޭނެއެވެ. ސުންނަތް ރޯދަތައްވެސް ހިފާނެއެވެ. ހޯމަ، ބުރާސްފަތި 2 ދުވަހު ރޯދަ ހިފާނެއެވެ. ރޯދަ ހިފުން ސުންނަތް  އެހެން ދުވަސްތަކުގައި ވެސް ރޯދަ ހިފާނެއެވެ.  

ހަމައެކަނި ފަރުޟު އަދާކުރުމުން އެއީ ފުދުނީ ކަމަށް ދެކޭ ބައަކު އުޅެއެވެ. އަދި އެމީހުންނަކީ ﷲ ތަޢާލާ ދެކެ ލޯބިވާ ބައަކު ކަމަށްވެސް ބުނެ އުޅެއެވެ. އެ މޭރުމުން ބުނި ނަމަވެސް ހަމައެކަނި ފަރުޟު އަދާކޮށްގެން ނުނިމޭނެއެވެ. ސުންނަތް އަދާކުރުމަށް ލޯބިކުރުމުގެ އިތުރުން ސުންނަތް އަދާކުރަން ދަހިވެތި ނުވެވޭނަމަ އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ.   

ސަބަބު މިކިޔައިދެނީއެވެ! ރަނގަޅަށް ވިސްނާށެވެ!  

ﷲ ތަޢާލާ ބަޔާން ކުރައްވަވާފައިވަނީ މީސްތަކުން ﷲ ތަޢާލާއަށް ލޯބިކުރުން ފެށިގެން އަންނަނީ ﷲ ތަޢާލާ ފަރުޟު ކުރެއްވެވި ކަންކަން ކުރުމުން ކަމަށެވެ. މިކަމުން އެނގިގެންދަނީ ނަމާދުކުރުމަށާއި އެހެންވެސް ފަރުޟުތައް އަދާކުރަން އަވަސްވެގަންނަން ޖެހޭނެ މިންވަރެވެ.  

ދުނިޔަވީ ނަޒަރަކުން ވިސްނައިލާށެވެ. މީހަކު ވަޒީފާ ދެކެ ލޯބިވާނަމަ ވަޒީފާއަދާކުރާނީ އެކަމަށް ދެވެންހުރި ހުރިހާ ސަމާލުކަމެއް ދީގެންނެވެ. ރަސްމީ ގަޑި ނިމޭއިރަށް އޮފީހުން ނުގޮސް މަޑުކޮށްގެން އިނދެ އިތުރަށް މަސައްކަތްކުރާނެއެވެ.  

އަނބިދަރިން ދެކެ ލޯބިވާނަމަ އެމީހުންގެ ކަންކަމަށް އިންތިހާއަށް ސަމާލުކަން ދޭނެއެވެ. ކޮށްދޭނީ ހަމައެކަނި ކޮންމެހެން ކޮށްދޭން ޖެހޭ ކަންކަމެއް ނޫނެވެ. އެމީހާގެ ޙާލަތާއި ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އަބަދުވެސް މަސައްކަތްކުރާނީ އަނބިދަރިންނަށް އިތުރަށް ކަންކަން ފުރިހަމަކޮށްދިނުމަށެވެ. 

ވީމާ ﷲ ތައާލާއަށް ލޯބިކުރުމާއި ފަރުޟުއަދާކުރުމާއި އަދި ސުންނަތް އަޅުކަން ކުރުން ގިނަކުރަން ދަހިވެތިވުން ވެސް ގުޅިލާމެހިފައިވަނީ ހަމައެފަދައިންނެވެ.  

ހަމައެފަދައިން ހަމައެކަނި މުދަލު ޒަކާތް ދިނުމަކުން ނުފުދޭނެއެވެ. ޞަދަޤާތް ކުރާނެއެވެ. އަތުގައި އޮތް ކަދުރުއޮށުގެ އެއްފަޅި ނަމަވެސް ޞަދަޤާތް ކުރާނެއެވެ.  

ހަމައެކަނި ޙައްޖުވުމަކުން ނުފުދޭނެއެވެ. ޢުމުރާވުން ގިނަކުރާނެއެވެ. މާލީ ތަނަވަސްކަން ނެތިގެން ނުވެވުނުނަމަވެސް ވީހައި ގިނައިން އުމުރާ ވުމަށް ލޯބިކުރާނެއެވެ. ތިބޭނީ ފުރުޞަތަކަށް ބަލަބަލައެވެ. ބައެއް މީހުން ޙައްޖު ވެވުމުން ހުރިހާ ކަމެއް ކުރެވި ނިމުނީ ކަމަށް ބަލައެވެ. އެފަދަ މީހުންނަކީ ﷲ ތަޢާލާއަށް ލޯބިކުރުމުގައި އުނި މީހުންނެވެ.  

ﷲ ތަޢާލާއަށް ފުރިހަމައަށް ލޯބިކުރާމީހުން ސުންނަތް ޢަމަލުތައް ގިނަކުރާނެއެވެ. އެއީ ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށް ބޭނުންވާތީއެވެ. ސުންނަތް އަޅުކަން ކުރުމަށް ލޯބި ނުކުރާނަމަ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް އޮންނަން ޖެހޭ ލޯތްބާއިމެދު ސުވާލު އުފެދޭނެއެވެ. ވީމާ ސުންނަތް އަޅުކަންތައްތައް ކުރުމަށް ދަހިވެތި ނުވެވޭނަމަ އެއީ ވަރަށް ބޮޑަށް ބިރުހުރި ކަމެކެވެ.  

ވީމާ ﷲ ތަޢާލާ އާއި ކުއްތަންވުމަށް އެދޭ މީހާ އަބަދުވެސް މަސައްކަތްކުރާނީ ވީހައި ގިނަ އަޅުކަން ކުރުމަށެވެ. ވީހައި ގިނައިން އަޅުކަން ކުރުމަކީ ﷲ ތަޢާލާ ދެކެ ލޯބިވާ ކަމުގެ ދަލީލެކެވެ.

 

- ޢުމަރު ސުލައިމާނމުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން