ﷲ ސުބުޙާނަހޫ ވަތަޢާލާ ސިފަ ކުރައްވަނީ (إِنَّ أَوۡهَنَ ٱلۡبُيُوتِ لَبَيۡتُ ٱلۡعَنكَبُوتِۚ) " އެންމެ ނިކަމެތި ގެއަކީ ފައިދިގުމަކުނުގެ ގެއެވެ."
ލޮބުވެތި އަޚުންނޭ، އެހެންވެ އަޅުގަނޑު ދެންނެވީ ތިބޭފުޅުން މަކުނު ވަލަކަށް ބަލައިލައިފިއްޔާ ފެންނާނޭ މެދުގަ އެންމެ އެއްޗެއް އިންދައޭ އާއްމުކޮށް. ވަރަށް ނާދިރު ހާލަތެއްގައި ކުދިކުދި އެއްޗެހިތައް ފެންނާނެ. ގެއެއްގެ ބަލިކަށިކަން ވަނީ އެ ގެއެއް ހެދިފައިވާ މާއްދާއާއި ހެދިފައިވާ ގޮތުގެ ބަލިކަށި ކަމަކުން ނޫން.
އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެންގެ ގެއެއްގެ ނިކަމެތި ކަމަކީ އެ ގެއެއްގައި ދިރިއުޅޭ މީހުންގެ މެދުގައި ލޯތްބާއި ރަޙްމާއި ކުލުނު ނެތުންކަން. ކޮންމެ ގެއެއްވެސް، އެ ގެއެއްގެ ފިރިހެން މީހާއާއި އަންހެން މީހާއާއި ދެމެދުގައި ރުޅިވެރިކަން އޮވެއްޖެއްޔާ އެ ގެއެއްގެ ބާއްޖަވެރިކަން ގެއްލިގެން ދިޔައީ. އެ ގެއަކީ ނިކަމެތި ގެއެއް.
އެއަށްފަހު އެ ގެއެއްގައި ދިރިއުޅޭ މީހުންގެ މެދުގައި އެއްބަނޑު އެއްބަފާ، ނުވަތަ އެއްބަފާ ނުވަތަ ގާތް ތިމާގެ މީހުންގެ މެދުގައި ރުޅިވެރިކަން އޮތުމަކީ އެ ގެއެއް ބަލިކަށި ވެގެންދާނެ ސަބަބު. އަޅުގަނޑުމެންނަށް ފެންނާނީ ވިއްސި ވިހާލި ވެފައިވާތަން. އާވާރާ ވެފައިވާ ތަން. ބާއްޖަވެރި ދިރިއުޅުމެއް އެބައެއްގެ ތެރެއިން ނުފެންނާނެ.
މި ވަރުގަދަ ޙަޤީގަތް ﷲ ސުބުޙާނަހޫ ވަތަޢާލާ މި އާޔަތުގަ، އެންމެ އާޔަތެއްގައި އަޅުގަނޑު ދެންނެވި މި ޢިލްމީ ބޮޑު ޙަޤީގަތް ބަޔާންކުރައްވާ (إِنَّ أَوۡهَنَ ٱلۡبُيُوتِ لَبَيۡتُ ٱلۡعَنكَبُوتِۚ). ފައިދިގު މަކުނާ ބެހޭގޮތުން މިހާރުގެ ދިރާސާތައް ދައްކާގޮތުން ގާތްގަނޑަކަށް ތިންހާސް އެތައް ވައްތަރެއްގެ ފައިދިގު މަކުނު އުޅޭ. އޭގެ ތެރެއިން ދުއިސައްތަ ވަރަކަށް ބާވަތުގެ މަކުނަކީ އާދަމުގެ ދަރީންނަށް ގެއްލުން ދެވޭ ބާވަތުގެ މަކުނު.
އާއްމު ގިނަ ފައިދިގުމަކުނުގެ ދިރިއުޅުމަކީ ލޮބުވެތި އަޚުންނޭ، އޭގެ އަންހެން އެތި ބޮޑުވާނެ ފިރިހެން އެއްޗަށް ވުރެ. ދިހަ ގުނަ އާއްމުކޮށް. އަންހެން މަކުނުގެ ސައިޒު ބޮޑުވާނެ ފިރިހެން އެއްޗަށްވުރެ ގާތްގަނޑަކަށް ދިހަ ގުނަ. ގިނަ ވައްތަރުގެ މަކުނު އަންހެން އެއްޗާ ފިރިހެން އެއްޗާ ދެމެދުގައި ގުޅުން ހިންގުމަށްފަހު އަންހެން އެތި ފިރިހެން އެތި ކާލާނެ. ފިރިހެން އެތި ކާލާނެ، އެސޮރުގެ ކޮއްތަކީ ފިރިހެން އެތި. މާނައަކީ ލިބެން އުޅޭ ދަރިންގެ ބައްޕަ އެ އަންހެން އެތީގެ ކާނާއަކަށްވީ.
އަޅުގަނޑުމެން މިވާހަކަ ދައްކަމުން ދާއިރުގައި އަޅުގަނޑުމެންގެ ދިރިއުޅުމުގައިވެސް އެބަހުރި އިނގޭތޯ މިހެން ކަމުންދާ ދިރިއުޅުން، ގެތައް. އަޅުގަނޑު މި ދަންނަވަނީ ކޮށައިގެން ކާ ވާހަކައެއް ނޫން. އެކަމަކު އެ މާނައިގައި ދޭހަވާ ގޮތަށް ދިރިއުޅުންތައް އެބަހުރި. ފިރިމީހާ އަނބިމީހާ ކާލުންފަދަ، އަނބިމީހާ ފިރިމީހާ ކާލުންފަދަ. އެކެއް އަނެކެއްގެ މައްޗަށް އިންތިހާއީ އަނިޔާ. ދެމީހުން އިންތިހާއީ ލޯބީގަ އެތައް ހުވަފެންތަކެއް ދެކެމުން އެތައް އުއްމީދެއްގައި ގުޅުމަށް ފަހު މާދަމާ ބަދަލުވެގެންދަނީ ބިންމަތީގައިވާ އެންމެ ބޮޑު ދެ ޢަދުއްވުން ކަމަށް.
އެކެއް އަނެކެއް ބަދުނާމު ކުރަން. އެކެއް އަނެކަކަށް ރުޅިވެރިކަމާއި ޙަސަދަ ލައިގެން، ދުނިޔެ މަތީގައި އެކެއް އަނެކެއްގެ މައްޗަށް އަނިޔާވެރި ވުމުގައި. މިފަދަ ޢާއިލާތަކުގައި ކުދިންވެސް އެބަތިބި. އެކުދިން ތިބެމެ އެ ދެމެދުގައި އެ ރުޅިވެރިކަމާއި، ޙަސަދަވެރިކަމާއި އަނިޔާވެރިކަން އަޑުއަހާ މީހާގެ ކަންފަތަށް ނުކުޅަދާނަ ވާވަރަށް، ވިސްނާ މީހާގެ ހިތައް ތަސައްވުރު ނުކުރެވޭ ވަރަށް އަޅުގަނޑުމެން އިންސާނުންގެ ތެރޭގައި މި ޢަދާވާތްތެރިކަމާއި ދެކޮޅުވެރިކަން އެބަހުރި. މީ އެންމެ ލޯބިން އެންމެ ކުލުނުން އެންމެ އިޙްތިރާމުން އުޅެންޖެހޭ މީހުން.
- ޝައިޚް އަބްދުއްސަލާމް ދާވޫދު