ކައިވެނި ކުރެވުން ލަސްވުމަކީ ދަރިއަކު ނުލިބެން އޮތް ސަބަބެއް ނޫން! ދަރިއަކު ނުލިބޭނެ ކަމަށް ޑޮކްޓަރުން ބުނެފަވާ އަންހެނަކު 42 އަހަރުގަ ކައިވެނިކުރީމަ ފުލުފުލުގަ 3 ދަރިން ލިބުނު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ކައިވެނި ކުރެވުން ލަސްވުމަކީ ދަރިއަކު ނުލިބެން އޮތް ސަބަބެއް ނޫން! ދަރިއަކު ނުލިބޭނެ ކަމަށް ޑޮކްޓަރުން ބުނެފަވާ އަންހެނަކު 42 އަހަރުގަ ކައިވެނިކުރީމަ ފުލުފުލުގަ 3 ދަރިން ލިބުނު!

އަހުރެން ވަރަށް ރަނގަޅަށް ދަންނަ އެކުވެރި އަންހެނަކު ފިރިމީހާ މަރުވުމުން ދެވަނަ ކައިވެނިކުރީ ޢުމުރުން 58 އަހަރުގައެވެ. 60 އަހަރު ފުރުނުއިރު 2 މަސްނުވާ ތުއްތު ކުއްޖަކު އަތުގައި އޮތެވެ. 

އިތުރު ޙާދިސާއެއްވެސް ކިޔައިޑޭނަމެވެ. އެއީ ރީތި އަންހެނެކެވެ. ޑޮކްޓަރުން ބުނެފައި އޮތީ ޒުވާންއިރު ކުރަންޖެހުނު އޮޕަރޭޝަނެއްގެ ސަބަބުން ދަރިއަކު ލިބުމުގެ ފުރުޞަތު ގެއްލިފައިވާ ކަމަށެވެ. އެހެންވެ 42 އަހަރުވީއިރުވެސް ހުރީ ކައިވެނި ނުކުރެވިފައެވެ. އެގޮތުގައި އޭނާއާއި ކައިވެނިކުރަން ބޭނުންވި މީހަކާއި ބައްދަލުނުވާތީއެވެ. 

42 އަހަރުގައި ބައްދަލުވި ފިރިހެނަކު އޭނާއާއި ކައިވެނިކުރީ އޭނާގެ ފުރަތަމަ ކައިވެނީގައި 5 ދަރިން ލިބިފައި ތިބުމުން އިތުރު ދަރިއަކަށް ބޭނުން ނުވާތީއެވެ. ކައިވެންޏަށް 7 ވަނަ އަހަރު ވަރިކުރީ ފުލުފުލުގައި 3 ދަރިން ލިބުމުން ދަރިން ވިހާލެއް ގިނަކަމުންނެވެ. މިވީ ކިހިނަކުން ހެއްޔެވެ؟ 

އަހުރެންގެ ބޭނުމަކީ ސައިންސްވެރިން ހޯދާ ކަންކަމުގެ އަލީގައި ޑޮކްޓަރުން ދައްކާ ވާހަކަ ދޮގުކޮށް ގޮންޖެހުމެއް ނޫނެވެ. އެމީހުން އެދައްކަނީ އެމީހުންނަށް ކަންކަން އެނގޭ ގޮތުގެ ވާހަކައެވެ. ﷲ ތަޢާލާ އެކަލާނގެ އިރާދަކުރައްވަވާ އަޅަކަށް ކަމެއް މިންވަރުކުރެއްވެވުމަކީ ސައިންސްވެރިން ކުށްވެރިކުރަން އޮތް ސަބަބެއް ނޫނެވެ. އެކަމާއި ގުޅިގެން ކުރަން އޮތްކަމަކީ އީމާންކަން އިތުރަށް ވަރުގަދަކުރުމެވެ. ކޮންމެ ކަމެއް، ކޮންމެ ވަޤުތަކުވެސް މިންވަރުކުރައްވަވައިފާނެކަން ޤަބޫލުކުރުމެވެ.

- އިސްލާމީ ތިލަަފތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

ޚަދީޖަތުގެފާނުގެ ޢުމުރުފުޅުން 40 އަހަރުވީފަހުން 6 ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. މަރްޔަމްގެފާނަށް ދަރިކަލަކު ލިބިވަޑައިގަތީ ފިރިކަލަކާއި ނުލައެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ބޮޑަށް ލޯބިފުޅުވެވަޑައިގަތީވެސް އެންމެ ޒުވާން އަނބިކަނބަލުން ޢާއިޝަތުގެފާނު ދެކެއެވެ. އެކަމަކަކު އެންމެ ދަރިކަލަކުވެސް ލިބިވަޑައެއް ނުގަންނަވައެވެ. 

މިފަދަ ހުރިހާ ކަންކަމުން އެނގިގެންދަނީ ދަރިން ދެއްވެވުމާއި ނުދެއްވެވުން ވަނީ ﷲ ތަޢާލާއަށް ކަމެވެ. އެކަމަށް ވަކި ޢުމުރެއްވެސް ނެތްކަމެވެ. 

ޢުމުރުން ދުވަސްވާފަހުން ވިހާ އަންހެނުން މަދުވުމަކީ ޢުމުރުން ދުވަސްވެއްޖެނަމަ ދަރިއަކު ނުލިބޭނެ ކަމަށް ޤަބޫލުކުރަންޖެހެންވީ ސަބަބެއް ނޫނެވެ. ޢުމުރުން ދުވަސްވާފަހުންވެސް ﷲ ތަޢާލާ އިރާދަ ކުރައްވަވާ އަންހެނުން މިހާރުވެސް ދަނީ ވިހަމުންނެވެ. 

ބާލިޣްވެ ފިރިއަކަށް ޚިދުމަތް ކުރުމުގެ ޤާބިލުކަން ލިބިއްޖެނަމަ އަދި އެމީހަކު ބޭނުންވާނަމަ ކައިވެނިކުރުން އަވަސް ނުކުރަން ބުނާކަށް ނެތީމެވެ. ބުނަން މިއުޅޭ ވާހަކައަކީ ދިމާވާ ގޮތަކުން ކައިވެނި ނުކުރެވި ލަސްވިޔަސް ކަންބޮޑުނުވާށެވެ. ދަރިއަކު ނުލިބިދާނެތީ ދެރަނުވާށެވެ. ﷲ ތަޢާލާ ދެއްވަވަން އިރާދަކުރައްވަވައިފިނަމަ ދަރިން ލިބޭނެއެވެ. އިން ޝާ ﷲ 

- ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން 

 

މިއަދު އޮންލައިން