ކޮންމެވެސް ބާވަތެއް ގެ ނުތަނަވަސްކަމަކާއި ކުރިމަތިލާން ނުޖެހޭނެ ދުވަހެއް ވަރަށް މަދުވާނެއެވެ. އެއީ ލައްވަވާ ރަޙްމަތެކެވެ. ދުޢާކޮށް މަސައްކަތްކުރަންވީ އެކަމުން ތިމާއަށް ހޯދެން އޮތް އެންމެ ބޮޑު ފައިދާއަކާއި އެންމެ ގިނަ ފައިދާތައް ލިބިގަތުމަށެވެ.
އެއްބައަކަށް ހިތްދަތިކަން ލިބެނީ ޙަޔާތުގެ ބައިވެރިޔާގެ ސަބަބުންނެވެ. އަނެއް ބައަކަށް ހިތްދަތިކަން ލިބެނީ މާލީ ދަތިތައް ކުރިމަތިވުމުންނެވެ. އަނެއް ބައަކަށް ހިތްދަތިކަން ލިބެނީ އެންމެ ގާތް އެކުވެރިންގެ ސަބަބުންނެވެ. އަނެއް ބައަކަށް ހިތްދަތިކަން ލިބެނީ އަމިއްލަ ޢާއިލާގެ ސަބަބުންނެވެ. މިފަދަ ތަފާތު އެތައް ސަބަބުތަކެއް ކުރިމަތިވުމުންނެވެ.
ބުނަންހެއްޔެވެ؟ މިފަދަ އެއްވެސް ޙާލަތަކާއި ގުޅިގެން އަދި މިނޫންވެސް ޙާލަތަކާއި ގުޅިގެން ކަންބޮޑުވާންޖެހިއްޖެނަމަ ﷲ ތަޢާލާގެ ޙަމްރަތުގައި ދަންނަވާށެވެ!
"ޔާ ﷲ! މިއަޅާގެ ފާފަތައް ފުއްސވައި ދެއްވަވައިދެއްވަވާނދޭވެ! އަދި ހެޔޮލަފާ ރަނގަޅު އެކުވެރިން މިއަޅާއަށް ދެއްވަވާނދޭވެ! އަދި މިއަޅާގެ ހިތުގައި މިސްކިތްތަކަށް (އަޅުކަންކުރުމަށް) ލޯބި އިތުރުކުރައްވަވާނދޭވެ!" އާމީން
އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ މިސްކިތްތަކަށް ލޯބި ޖެހިއްޖެ މީހާ، ޤިޔާމަތް ދުވަހު ހޫނުގަދަވެ މީސްތަކުން އެމީހުނެގެ ގައިން އޮހޮރޭ ދައުތަކުގެ ތެރޭގައި ފަތަންޖެހިފައިވާނެ އިރު އެޙާލަތުން ސަލާމަތްކުރައްވަވާނެތީއެވެ. އެމީހެއްގެ ނަމުން ގޮވައިލައްވަވާނެތެވެ. ޢަރުޝީގެ ހިޔާވަހިކަން ލިބިގަތުމަށް ﷲ ތަޢާލާ އެމީހަކަށް ދަޢުވަތު ދެއްވަވާނެތީއެވެ! ޢަރުޗީގެ ހިޔާވަހިކަން ލިބޭ މީހުންނަށް ސުވަރުގެ ދެއްވަވާނެތެވެ. ސުވަރުގެ ވައްދަވާނެތެވެ. ވީމާ އެއަށްވުރެ ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟ އެއަށްވުރެ ބޮޑު އުފަލެއް ލިބޭނީ ކާކަށް ހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން