ފުރަތަމަވެސް މިގޮތަށް ވިސްނައިލާށެވެ! އަނބިމީހާ ފިރިމީހާއަށް ކޮށްދޭންޖެހޭ ހަމައެކަނި ކަމަކީ ކައްކައި ކާންދިނުމާ ދޮވެއިސްތިރިކުރުމާ ގޭތެރޭގެ މަސައްކަތްތައް ކުރުން ކަމަށް ހަދައިފިނަމަ ފިރިމީހާ ހުންނާނީ އުފަލުން ހެއްޔެވެ؟ އަނބިމީހާގެ ކިބައިން އިތުރަށް ބޭނުންވާ ކަންކަން ފުއްދައި ނުދޭނަމަ ނަފްރަތެއް ނުކުރާނަން ހެއްޔެވެ؟ ޝަކުވާއެއްވެސް ނުކުރާނަން ހެއްޔެވެ؟
މިސުވާލުތަކުގެ ޖަވާބު އަމިއްލަ ވިސްނުމުގައި ބަހައްޓައިގެން ރަނގަޅަށް އަޑުއަހާށެވެ. ފައިދާކުރާނީ އެއިރުންނެވެ.
މުސްލިމުން ކޮންމެ ދުވަހަކުވެސް އަޅުކަންކުރެއެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާން މަސައްކަތްކުރެއެވެ. އެހެންކަމުން ހަނދާނުގައި ބަހައްޓަންޖެހޭ ވަރަށް މުހިންމު ކަމެއް އެބަ އޮތެވެ.
އެކަމަކީ ސަމާލުކަންދޭންވީ އަޅުކަންކުރަން އެކަނި ނޫންކަމެވެ. ތިމާ ކުރާ ކޮންމެ ޢަމަލަކީވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ޢަމަލަކަށް ހަދަން މަސައްކަތް ނުކުރެވޭނަމަ ތިމާ ކުރާ ހެޔޮ ޢަމަލުތަކުން ލިބެން އޮތް ފައިދާ ނުކުރާނެ ކަމެވެ. ކުރާ ޢަމަލުތައް ސީދާކުރުމަކީ ހަމައެކަނި އަޅުކަން ކުރުން ނޫންކަމާއި ކުރާ ކޮންމެ ޢަމަލެއް ކުރުމުގައިވެސް އިޚްލާޞްތެރިވާންޖެހޭނެ ކަމެވެ.
މިޘާލަކަށް ދީނުގައި ވާޖިބުކުރައްވަވާފައިވާތީ އަނބިމީހާއަށް ކޮށްދޭން ޖެހޭ މާއްދީ ކަންކަން ކޮށްދެއެވެ. މާއްދީ ބޭނުންތައް ފުއްދައިދެއެވެ. އެކަމަކު އޭނާގެ ހިތުގައި ޖައްސުވައެވެ. އަނިޔާވެރިވެއެވެ. ލޯތްބެއް ނުދެއެވެ. ބޭވަފާތެރިވެއެވެ. ވީމާ މިކަންކަމަށް ބަލައިފިނަމަ އަނބިމީހާގެ މާއްދީ ބޭނުންތައް ފުއްދައިދިންކަމުން ލިބެން އޮތް ޘަވާބާއި އެހެންކަންކަމުން ލިބެން އޮތް ޢަޛާބު އަޅުވައި ބަލަން މަސައްކަތްކޮށްފިނަމަ ނަތީޖާ ނުކުންނާނެ ގޮތަށް ވިސްނާށެވެ.
އަނބިމީހާގެ ހިތުގައި ޖެހޭނެ ފަދަ ކަންކަން ކޮށްފައި "ކަލޭގެ ހުރިހާ ބޭނުންތަކެއް އެބަ ފުއްދައިދެމޭ! މަޑުން ހުންނާށޭ!" ނުބުނެވޭނެއެވެ. ސަބަބަކީ އަނބިމީހާގެ ހުރިހާ ބޭނުންތައް ފުއްދައިދިނުމަކީ ހަމައެކަނި މާއްދީ ބޭނުންތައް ފުއްދައިދިނުން ކަމުގައި ނުވާތީއެވެ! މާއްދީ ބޭނުންތަކަށްވުރެ ގިނަ އަނބިން ފިރިންގެ ކިބައިން ބޭނުންވާނީ ލޯތްބާއި އަޅައިލުމެވެ. ވީމާ ހަމައެކަނި މާއްދީ ބޭނުންތައް ފުއްދައިދީފައި ހުރިހާ ބޭނުންތަކެއް ފުއްދައިދޭ ކަމަކަށް ނުބުނެވޭނެއެވެ.
ހަމައެފަދައިން ވަޒީފާގެ ވާޖިބުތައް އަދާކުރެއެވެ. އެހެނަސް ވަޒީފާގައި ތެދުވެރި ނޫންނަމަ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ މިހެން ގޮސް ދިރިއުޅުމުގެ ހުރިހާ ކަންކަމަށްވެސް ހަމަ މިވިސްނުމުން ބަލަންޖެހޭނެއެވެ.
ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ކާމިޔާބާއި ކުރިއެރުން ލިބުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުން އޮތީ އަޅުކަންކުރުމުގައިވެސް ދެން އިތުރަށް ކުރާ ކަންކަމުގައިވެސް އިޚްލާޞްތެރިވީވަރަކުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން