ޢިބްރަތްތެރި ވާހަކަ: މުސްކުޅިޔަސް ތަނަވަސް މީހަކާ ކައިވެނިކުރަން ދަހިވެތިވި ޒުވާން އަންހެންކުއްޖަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ޢިބްރަތްތެރި ވާހަކަ: މުސްކުޅިޔަސް ތަނަވަސް މީހަކާ ކައިވެނިކުރަން ދަހިވެތިވި ޒުވާން އަންހެންކުއްޖަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަޅުގަނޑުމެންގެ ރަށަސް މުދައުތަކެއް ހިފައިގެން ވިއްކަން ގޮސް އުޅުނު މީހެކެވެ. ޒުވާން އަންހެންކުދިންގެ ގާތުގައި ބުނަމުން ދިއައީ އޭނާއަކީ ތަނަވަސް މީހެއް ކަމަށާއި ވިއްކަނީ އޭނާ އެތެރެކުރާ މުދައުކަމަށެވެ. އޭނާ ކައިވެނިކުރަން ބޭނުންވަނީ އޭނާ އާއިއެކު ބޭރު ޤައުމުތަކަށް ގޮސް އުޅެވޭނެ އަންހެނަކާ ކަމަށެވެ.  

އޭނާގެ ވާހަކަތަކަށް ހެއްލި 2،3 ކުދިން އޭނާގެ ފަހަތުން އެނބުރެން ފެށިއެވެ. އެއްކުއްޖަކު ކާމިޔާބުކޮށް ކައިވެނިވެސް ކުރިއެވެ. ފަހުން އެނގުނު ގޮތުގައި އޭނާއަކީ ރައްޓެއްސެއްގެ ފިހާރައިން ދަރަންޏަށް ތަކެތި ނަގައިގެން ރަށްރަށަށް ގެންގޮސް ވިއްކާ މީހެކެވެ.  

މިފަދަ މައްސަލަތައް މިއީ ހަަމ ގިނައިން ދިމާވާ މައްސަލަތަކެވެ. އެހެންކަމުން މިގެނެސްދެނީ ތަނަވަސްކަމަސް ދަހިވެތިވާ ކުދިންނަށް ޢިބްރަތްތެރި ފިލާވަޅަކަށްވާނެ ވާހަކައެކެވެ.  

ޖޫލީ އަކީ އެންމެ 22 އަހަރުގެ ޒުވާން ވަރަށް ރީތި އަންހެން ކުއްޖެކެވެ. ޖޫލީގެ ވަޒީފާއަކީ ގޮލްފް ކްލަބެއްގެ ރެސްޓޯރަންޓެއްގައި މެހްމާނުންނަށް ކާންދިނުމެވެ. ވެއިޓަރުކަމެވެ.  

ގޮލްފްކުޅެން ޢާންމުކޮށް އަންނަނީ ވަރަށް ބޮޑެތި މުއްސަނދިންނެވެ. މިލިއަނަރުންނެވެ. ބިލިއަނަރުންނެވެ. ޖޫލީ އަބަދުވެސް ހުންނަނީ ކިތަންމެ މުސްކުޅި ނަމަވެސް ބިލިއަނަރަކު އަތުއަޅުވައިލުމުގެ އުންމީދުގައެވެ.  

އެއްދުވަހަކު 70 ވަރަކަށް އަހަރުގެ މުސްކުޅި ދެ މީހަކު އައުމުން އެއީ ވަރަށް ލޯބިން އުޅޭ ބިލިއަނަރުންކަމަށްބުނެ ދެކެވުނު ވާހަކަ އަޑުއިވުނީންސުރެ ޖޫލީ މަސައްކަތްކުރަމުން ދިއައީ ބިލިއަނަރު ޖަހައިގަތުމަށެވެ. އެކަން ޖޫލީ ކާމިޔާބުކުރިއެވެ. ރީތި ޒުވާން އަންހެންކުއްޖަކު ލޯބިހުށަހެޅުމުން މުއްސަނދި އެހެނަސް މުސްކުޅި އަނބިމީހާ ވަރިކޮށްލުމަށްފަހު އޭނާ ޖޫލީ އާއި ކައިވެނިކުރިއެވެ.  

ޖޫލީ އުންމީދުކޮށްގެން ހުރީ ކައިވެނިކޮށްގެން ގެންދާނީ ވަރަށް އަގުބޮޑު ގަނޑުވަރަކަށް ކަމަށެވެ. ނަމަވެސް ގެންދިއައީ ވަރަށް އާދައިގެ ގެއަކަށެވެ. ޖޫލީ ހީކުރީ އޭނާ ޖޫލީ އިމްތިޙާންކުރަނީ ކަމަށެވެ. ދުވަސްތައް ހަފްތާތަކަށް، ހަފްތާތައް މަސްތަކަށް ބަދަލުވަމުން ގޮސް 6 މަސްދުވަސް ފާއިތުވިއިރުވެސް އެ ގޭގައި އުޅެންޖެހުމުން ޖޫލީއަށް ކެތްނުކުރެވިގެން އެހެން ގެއަކަށް ގެންދާނީ ކޮން ދުވަހަކުންތޯ ސުވާލުކުރިއެވެ. މުއްސަނދި ދިރިއުޅުމެއް އުޅެވެން ފަށާނީ ކޮން ދުވަހަކުންތޯވެސް ސުވާލުކުރިއެވެ.  

ފިރިމީހާގެ ޖަވާބަކަށްވީ އޭނާއަކީ މުއްސަންޖެއް ނޫން ކަމަށާއި އޭނާގެ އަތުގައި ހުރިގެއަކީވެސް ހަމައެކަނި އެގެ ކަމަށެވެ. ޖޫލީއަށް ޤަބޫލުނުކުރެވިގެން ކަލެއަކީ ބިލިއަނަރެއް ނޫންތޯ ސުވާލުކުރުމުން ފިރިމީހާ ޖަވާބުދިނެވެ.  

"ޖޫލީއަށް ތިއަވަނީ އޮޅިފައެވެ. އަހަރެންނަކީ ހަމަ ވަރަށް އާދައިގެ ފެންވަރުގެ މީހަކީމެވެ. ބިލިއަނަރަކީ އަހަރެންގެ ކުރީގެ އަނބިމީހާއެވެ."  

ޖޫލީއަށް ހަތަރު އުދަރެސް ފެނުޖެހުނެވެ. އެއިރު ޖޫލީވަނީ އޭނާއަށް ބިލިއަނަރަކާއި ކައިވެނިކުރެވުނުކަން ޢާއިލާއަށާއި ރައްޓެހިންނަށްވެސް އަންގައިފައެވެ. އެމީހުން އިންތިޒާރުކުރަމުން ދިއައީ ޖޫލީ ބިލިއަނަރު ގޮވައިގެން އަވަށަށް އަންނާނެ ދުވަހަކަށެވެ. އެހެންކަމުން ޖޫލީއަށް ވަރިވެގެން އެނާގެ އަވަށަށްވެސް ދެވޭކަށް ނެތެވެ. ޙަޤީޤަތް އެނގުމުން މީހުން ކުރާނެ މަލާމާތަށް ލަދުންނެވެ.  

މިފަދަ ޙާލުގައި ކިތައް ޖޫލީ ދުނިޔޭގައި އުޅޭނެބާވައެވެ!   

 

މިއަދު އޮންލައިން