ވަކީލްކުރުމުގަ ނަމޫނާ ދެއްކި ޒުވާނަކަށް ލެއްވެވި ބޮޑު ރަޙުމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 59ސ
ވަކީލްކުރުމުގަ ނަމޫނާ ދެއްކި ޒުވާނަކަށް ލެއްވެވި ބޮޑު ރަޙުމަތުގެ ވާހަކަ-

ދިރިއުޅެމުންދާއިރު ކިތަންމެ ބޮޑު ހިތާމައެއް ލިބުނަސް ކެތްތެރިވެލައި އަޅުކަންކުރުން ގިނަކޮށް ދުޢާކުރުން ގިނަކުރަން ބުނެފިނަމަ ގިނަ މީހުން ދެކެނީ އެއީ ބޭކާރު ވާހަކައެއް ކަމަށެވެ. އެފަދަ މީހުންނަށް ހަމަ ނުވިސްނެނީއެވެ.

ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެއް އަނބުރާ ގެންދަވައިފިނަމަ އެއީ ކުރިމަތިކުރެއްވެވި އިމްތިޙާނެއްކަން ޤަބޫލުކޮށް ޝުކުރުވެރިވެ ކެތްތެރިވެވެނީ ވަރަށް މަދު މީހަކަށެވެ. އެހެންކަމުން މިރޭ ފުރަތަމަ މިބަލައިލަނީ ނުހަނު ދަތިޙާލުން ލިބުނު އަނބިމީހާ އާއި ލިބުނު ފުރަތަމަ ދަރިފުޅު ގެންދެވުމުން ޝުކުރުވެރިވެ ކެތްތެރިވެ ދުޢާކުރުންމަތީގައި ސާބިތުވި ފިރިހެނަކަށް ދެއްވެވި ބޮޑު ނިޢްމަތަށެވެ.

މިހާދިސާގައި މިވަނީ ފިރިހެނެއްގެ ޥާހަކައެވެ. ނަމަވެސް ޤަބޫލުކުރަންވީ ކެތްތެރިވުމުން އަންހެނުންނަށްވެސް ހަމަ މިފަދަ މަތިވެރި ގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ. ނިޢްމަތްތައް ދެއްވެވުމުގައި އަންހެނުންނާއި ފިރިހެނުން ތަފާތެއް ނުކުރައްވަވަތެވެ. އޮތީ ހަމައެކަނި އެމީހެއްގެ ތަޤްވާވެރިކަމެވެ.

މިހާދިސާގެ ވާހަކަ މީގެ ކުރިންވެސް ވާނީ ބައެއް ދަރުސްތަކުގައި ކިޔައިދީފައެވެ. ތަކުރާރުކޮށް ކިޔައިދެމުން މިގެންދަނީ މިޙާދިސާއިން ޙާޞިލުކުރަންޖެހޭ ޢިބްރަތް ބޮޑުކަމުންނެވެ. މިހާދިސާއިން ހިތްވަރު ލިބިގަންނަން ޖެހޭތީއެވެ. އެކަލާނގެއަށް ވަކީލުކުރާ އަޅުންނަށް ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާކަން ޔަޤީންކުރަންޖެހޭތީއެވެ.

ރަނގަޅަށް އަޑުއަހާށެވެ!

ގިނަ ބައެއްގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ދެއްވަވާ ބައެއް ނިޢްމަތްތައް އެމީހުންގެ އަތުން ބީވެގެން ދިއުމެވެ. އެފަދަ ހާލަތުގައި ވިސްނައިލަން ޖެހޭނެ ފުރަތަމަ ކަމަކީ ތިމާއަށް ދެއްވެވި ނިޢްމަތަށް ފުރިހަމައަށް ޝުކުރުކުރެވުނުތޯއެވެ؟ ނިޢްމަތްތައް ދެއްވެވި ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް ފުރިހަމައަށް އަދާ ކުރެވުނުތޯއެވެ.

ހަމަ ކުޑަކުޑަ މިސާލެކެވެ. ﷲ ތަޢާލާ ތިއައިން އެއްވެސް މީހަކަށް އަންތބެއް މިންވަރުފުޅު ކުރައްވަވަނީ އަނބި މީހާ ގޭގައި ބައިންދާފައި ގޮސް ރައްޓެހިންނަށް ޚަރަދުކުރާކަށް ނޫނެވެ. އަދި ރައްޓެހިންނާއިއެކު ވަގުތު ހޭދަކުރާކަށްވެސް ނޫނެވެ.

ތިބާ ދިއައީ ތިބާގެ މަސްއޫލިއްޔަތު އަދާކުރަމުންނެވެ. އަނބިމިހާއަށް އަދާކުރަންޖެހޭ ހުރިހާ ޙައްޤުތަކެއް އަދާކުރަމުންނެވެ. އެހެންކަމާއިއެކުވެސް އަނބިމިހާ ގެއްލިގެން ދިއައީއެވެ. ޔަޤީންކުރަންވީ ކަމަކީ އެކަމުގެ ބަދަލު މިދުނިޔޭގައިވެސް ﷲ ތަޢާލާ ދެއްވަވާނެ ކަމެވެ.

މިކިޔައިދޭ ހާދިސާއިން ޢިބްރަތް ޙާޞިލުކުރާށެވެ.

އޭނާއަކީ ޒުވާނެކެވެ. ކިޔަވައިގެންހުރި ޒުވާނެކެވެ. ވަޒީފާވެސް އަދާކުރާ މީހެކެވެ. ނަމަވެސް ފައިސާވެރިއެއް ނޫނެވެ. ޢާއިލީ މުއްސަނދި ކަމެއްވެސް ނެތެވެ. އަދި އޭނާއަކީ ބަބުރެކެވެ. އެހެންވީމާ ގައިގެ ކުލަ ދޮނެއްވެސް ނޫނެވެ. ނަތީޖާއަކީ ކައިވެނިކުރާނެ އަންހެންކު ނުލިބުމެވެ. ކޮންމެ ޢާއިލާއަކުންވެސް ބުނަމުން ދިއައީ އެމީހުންގެ ދަރިފުޅާއި ކައިވެނި ކުރުމަށް ކުފޫ ހަމަ ނުވާކަމަށެވެ.

އެގޮތުގައި ގިނަ ދުވަސްތަކެއް ފާއިތުވެ ކައިވެންޏެއް ކުރެވުމުގެ އުންމީދު މުޅިންހެން ގެއްލިފައި ވަނިކޮށް ކައިވެންޏެއް ކުރެވޭނެ މަގުފަހިވެ ކައިވެނިކުރެވުނެވެ. ދެމަފިރިން އުފަލުގައި އުޅެމުން ދަނިކޮށް ބަލިވެ އިނދެއްޖެއެވެ. ދަރިފުޅަކު ލިބުމުގެ އުފާވެރި އުންމީދުގައި ހުއްޓައި ވިހެއުމުގެ ތެރޭގައި ދެމައިން އެކުގައި މަރުވީއެވެ.

މިހާލަތުގައި އޭނާއަށް ކުރިމަތިވާނެ ހިތްދަތިކަމާއި ހިތާމަވެރިކަން ނިކަން އިޙްޞާޞްކޮށްބަލާށެވެ! އެހައި ހާލުން ލިބުނު އަނބިމީހާ ގެއްލިގެން އެދިއައީ ލިބެން އުޅުނު ދަރިފުޅާއިވެސް އެކުގައެވެ. ނިކަން ބުނެބަލާށެވެ. އެހާލުގައި ހަތަރު އުދަރެސް ފެނު ނުޖެހޭނީ ކާކުގެ ހެއްޔެވެ؟ މިހާރުގެ ބަހުރުވައިން ނަމަ ދުނިޔެއިން މޮޔަ ނުވާނީ ކާކު ހެއްޔެވެ؟

އެހާލަތުގައިވެސް إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ ކިޔުން ފިޔަވައި އިތުރު އެއްވެސް ބަހެއް ނުބުނެއެވެ. ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތައް އަނބުރައި ގެންދެވީ ކަމަށް ޤަބޫލުކޮށް ޙަމްދުކޮށް ޝުކުރުކޮށްގެން ހުރީއެވެ. މާޔޫސްވެ ގެއަކު ނުއޮވެއެވެ. އުޅެމުން ގެންދިއައީ ހަމަ ޢާންމު ދިރިއުޅުމެވެ. އެދި ދުޢާކުރަމުން ގެންދިއައީ ބާއްޖަވެރިކަމާއި ކުރިއެރުން ދެއްވެވުމަށެވެ. ދުނިޔެއަށްވުރެ އާޚިރަތް ބާއްޖަވެރިކޮށްދެއްވެވުން އެދިއެވެ. ކުރީގެ އަނބިމީހާޢަށްވުރެ ރަނގަޅު އަންބަކާއި ގިނަ ދަރިންތަކެއް ދެއްވެވުމަށެވެ.

ނަތީޖާއަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ މިއަދު އޭނާއަށް ވަނީ މާތްވެގެންވާ މަދީނާއަށް އައުދެވިފައެވެ. މަދީނާގެ އަހުލުވެރިއަކާއި ކައިވެނި ކުރެވިފައެވެ. ދަރިން ލިބިފައެވެ. އުޅެމުން ގެންދަނީ އުފާވެރި ދިރިއުޅުމެކެވެ.

މިއީ ވަރަށް ޢިބްރަތްތެރި ވާހަކައަކަށްވާތީ ވަރަށް ގިނަ ދީނީ ޢިލްމުވެރިން މިވާހަކަ ވިދާޅުވެދެއްވައެވެ. މިވާހަކައިން ޙާޞިލްކުރަން ޖެހޭ ޢިބްރަތަކީ ކިތަންމެ ބޮޑު ހިތްދަތިކަމެއް ކުރިމަތިވި ނަމަވެސް އެކަން މެދުވެރިވީ ﷲ ތަޢާލާ މެދުވެރި ކުރެއްވެވުމުންކަން ޤަބޫލުކުރުމެވެ. ނިޢްމަތެއް ދެއްވެވުމަށްފަހު ތިމާގެ އަމިއްލަ އިހްމާލެއް ނެތި އަނބުރައި ގެންދަވާނީ މަތިވެރި ޙިކުމަތަކަށްޓަކައިކަން ޤަބޫލުކުރުމެވެ. އަދި އެއަށްވުރެ ފުރިހަމަ ނިޢްމަތެއް ދެއްވެވުން އެދި ދުޢާކުރުމުގައި ސާބިތުވެ ހުރުމުގެ މުހިންމުކަން ފާހަގަކުރުމެވެ.

މިފަދަ ޢިބްރަތްތެރި ހާދިސާތަކުވެ ވާހަކަތައް ގިނަގިނައިން އަޑުއަހާށެވެ! ކިޔާށެވެ! އެއިރުން ކަމެއް ކުރިމަތިވާހިނދު ސާބިތުކަން އިތުރުވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސްކުން

މިއަދު އޮންލައިން