ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ، މުހައްމަދު ވަހީދު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. މި މައްސަލައަކީ މުޅި ގައުމުގެ ސަމާލުކަން ހޯދާފައިވާ މައްސަލައެކެވެ.
ފުލުހުން މި މައްސަލާގައި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދާއި އިތުރު ބައެއް ހައްޔަރުކުރިކަން ހާމަކުރީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މި މައްސަލާގައި ވަހީދުގެ އިތުރުން އިތުރު ވިޔަފާރިވެރިއަކާއި، ކަސްޓަމްސްގެ އޮފިސަރަކު އަދި އާއްމުންގެ ބަޔަކު ވެސް ހިމެނެއެވެ.
މުހައްމަދު ވަހީދުގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިއަދު ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރު ނެރެފައެވެ.
ސިނގިރޭޓް ކޮންޓެއިނަރު ވަގަށްނެގި މައްސަލައަކީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ވެސް މީހުން ހިމެނޭ މައްސަލައެއްކަމަށް ވުމުން، މިކަމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
މި މައްސަލައާ ގުޅިގެން އިއްޔެވެސް ވެސް އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަމީމް (42 އަހަރު)، ހ. ރުމޭނިއާ، އަހުމަދު ފިރުޝާން (35 އަހަރު) އަދި އައްޑޫ ހިތަދޫ، ޗާންދަނީގޭ، ހުސައިން ސާމިހް (35 އަހަރު) އެވެ. މި ތިން މީހުންގެ ތެރެއިން އަހުމަދު ޝަމީމާއި ހުސައިން 7 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަދި އަހުމަދު ފިރުޝާން 5 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ތިން މީހުން ހިމެނޭގޮތަށް މި މައްސަލައާ ގުޅިގެން މިހާތަނަށް 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި ބޮޑު މައްސަލާގެ ތަހުގީގަށް ފުލުހުން ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާއިރު، އިތުރު 12 މީހަކު ވަނީ ރާއްޖެއިން ފުރުން މަނާކޮށްފައެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހަ މުވައްޒަފަކު ވަނީ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.