ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑި، މޭޒު އަދި ބިޔަވާ ޒާތުގެ ގަސްތައް ނެގުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑި، މޭޒު އަދި ބިޔަވާ ޒާތުގެ ގަސްތައް ނެގުމުގެ މަސައްކަތް ފަށައިފި

ހުޅުމާލެ ސިޓީގެ އެކި ސަރަޙައްދުތަކުގެ ދުވާރުތަކާއި، އާންމު ހިއްކާފައިވާ ތަންތަން ގަވާއިދާ ޚިލާފަށް ހިފާފައިވާ ތަންތަން ސާފުކުރުމުގެ ބޮޑު މަސައްކަތެއް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ފަށައިފިއެވެ.

"ހިތްފަސޭހަ ހުޅުމާލެ" ގެ ނަމުގައި ފެށި މި ކެމްޕެއިންގެ ދަށުން، ދުވާރުމަތީގައި ވިޔަފާރީގެ ބޭނުމަށް ބަހައްޓާފައިވާ ގޮނޑި، މޭޒު އަދި ބިޔަވެގެންދާ ޒާތުގެ ގަސްތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީން ބުނިގޮތުގައި، މި ކެމްޕެއިންގެ މައިގަނޑު އަމާޒަކީ، ގަވާއިދާ ހިލާފަށް ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތް ދިނުމާއި، ހެޖް ތެރޭގައި ގަސް އިންދައި އާންމު ދަތުރުފަތުރަށް ހުރަސްއެޅުން ފަދަ މައްސަލަތައް ހައްލުކުރުމެވެ. މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ކުނި އަޅައި ހަޑިކުރުމުގެ މައްސަލަތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން ހައްލުކުރުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 12 ޒޯނަކަށް ބަހާލައިގެންނެވެ.

މި ޕްރޮގްރާމްގައި އެޗްޑީސީގެ ގާތްގަނޑަކަށް 50 މުވައްޒަފުން ސީދާ ބައިވެރިވާނެކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އަދި މި ޕްރޮގްރާމަކީ ހުޅުމާލޭގެ މާހައުލު ސާފުތާހިރުކޮށް، އާންމުންނަށް ލުއިފަސޭހަ ގޮތަކަށް ދިރިއުޅުން ބައްޓަންކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި ކެމްޕެއިންގެ މަސައްކަތް ނިންމާލުމަށް އަމާޒުކުރަނީ އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ހުޅުމާލޭގެ ފޭސް 1 ގެ ސަރަހައްދުގައެވެ. މި މުއްދަތުގެ ތެރޭގައި ގަވާއިދާ ޚިލާފު ހުރިހާ ތަކެއްޗެއް ނަގައި ސާފުކުރުމަށް އެޗްޑީސީން މަސައްކަތްކުރާނެއެވެ.

އެޗްޑީސީން އިސްނަގައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އާއި ހުޅުމާލެ ޕޮލިސް ވެސް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. 

މިއަދު އޮންލައިން