ހުޅުދޫއާއި މީދޫއިން ނިންމީ ސިޓީ ކައުންސިލުގެ ދަށުން ވަކިވާން! ފޭދޫއި ނިންމީ އެކަމާދެކޮޅަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ހުޅުދޫއާއި މީދޫއިން ނިންމީ ސިޓީ ކައުންސިލުގެ ދަށުން ވަކިވާން! ފޭދޫއި ނިންމީ އެކަމާދެކޮޅަށް!

އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫ ރައްޔިތުން، އެ ސިޓީގެ ކައުންސިލުގެ ދަށުން ވަކިވެ، ވަކި އާބާދީތަކެއްގެ ގޮތުގައި ހިންގުމަށް ވޯޓުދީފައިވާއިރު، ފޭދޫގެ މެޖޯރިޓީ އެކަމާ ދެކޮޅު ކަމަށް މިއަދު ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ ނަތީޖާތަކުން ދައްކައިފިއެވެ.

ސިޓީ ކައުންސިލުގެ ދަށުން ވަކިވެ، އަމިއްލައަށް ކައުންސިލެއް ހަދައި ހިންގުމާ މެދު ނިންމުން ނިންމުމަށް މިއަދު ނެގި މި ވޯޓުގެ ވަގުތީ ނަތީޖާއިން މި ތިން ރަށުގެ ނިންމުންތައް ވަނީ ހާމަވެފައެވެ.

ވަގުތީ ނަތީޖާތަކަށް ބަލާއިރު، ހުޅުދޫގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލީ ޖުމްލަ މީހުންގެ 67 ޕަސެންޓަށްވުރެ ގިނަ މީހުން ވަނީ ހުޅުދޫ ސިޓީ ކައުންސިލުން ވަކިވެ، އަމިއްލަ ކައުންސިލެއްގެ ދަށުން ހިންގުމަށް ފެންނަކަމަށް ނިންމާފައެވެ. މީދޫގައި ވެސް ވަކިވުމަށް ތާއީދު ކުރި މީހުންގެ ނިސްބަތް ވަރަށް ބޮޑެެވެ. އެގޮތުން އިންތިހާބުގައި ބައިވެރިވި %82 އަށްވުރެ ގިނަ މީހުން ވަކިވުމަށް ވޯޓު ދިނެވެ.

ނަމަވެސް، ފޭދޫގެ ރައްޔިތުންގެ މެޖޯރިޓީއިން ވަނީ ވަކިވުމަކީ ބޭނުންވާކަމެއް ނޫންކަމަށް ނިންމާފައެވެ. ވޯޓުލި ފޭދޫ ރައްޔިތުންގެ 70 ޕަސެންޓަށްވުރެ ގިނަ މީހުން ވަނީ ސިޓީ ކައުންސިލުގެ ދަށުން ވަކި ކައުންސިލެއް ހަދަން ބޭނުން ނޫންކަމަށް ވޯޓު ދީފައެވެ. އެހެންކަމުން ފޭދޫ އޮންނާނީ އައްޑޫ ސިޓީ ކައުންސިލުގެ ދަށުގައެވެ.

މި ވޯޓުލުމުގައި އައްޑޫ ސިޓީގެ ތިން ރަށުން ޖުމްލަ 9576 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވިއެވެ. އެއީ ފޭދޫން 4355 މީހަކަށާއި، ހުޅުދޫން 2874 މީހަކާއި އަދި މީދޫން 2347 މީހަކަށެވެ. ވޯޓުލުން ފެށިފައިވަނީ ހެނދުނު 8:00 ގައެވެ. އަދި ވޯޓުލާ ކިޔޫތައް ބަންދުކުރީ ހަވީރު 4:00 ގައެވެ. މި ވޯޓަކީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލެއްގެ ދަށުން، ވަކި އާބާދީތަކަށް އަމިއްލަ ނިންމުން ނިންމުމުގެ ބާރު ލިބިދޭ ގޮތަށް ނެގުނު ވޯޓެކެވެ.

 

މިއަދު އޮންލައިން