އަގުބޮޑު އެއްޗެއްސަށް ދަރިން ބޭނުންވަނީ ދެވޭ ތަރުބިއްޔަތުން! ރުޅިއަންނަންވީ ކުދިން ދެކެއެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 32ސ
އަގުބޮޑު އެއްޗެއްސަށް ދަރިން ބޭނުންވަނީ ދެވޭ ތަރުބިއްޔަތުން! ރުޅިއަންނަންވީ ކުދިން ދެކެއެއް ނޫން!

އަޅުގަނޑުގެ ދަރިފުޅު ބޭނުންވާ ފެންވަރުގެ އެއްޗެތި ހޯދައިދިނުމުގެ މާލީތަނަވަސްކަމެއް ނެތް! އެކަމަކު ހޯދައި ނުދޭނަމަ ސްކޫލަށްދާންވެސް ދެކޮޅުހަދާ! ޙައްލަކީ ކޮބައިތޯ؟

މިފަދަ ސުވާލުތައް ކުރައްވާ ބެލެނިވެރިންނަށް ދަންނަވާލަން އޮތީ އެކަމުގައި ކުދިން ކުށްވެރިނުކުރާށެވެ! އެކަން އެގޮތަށް ވުމަށް މެދުވެރިވާ ސަބަބަށް ވިސްނަވައިލައްވާށެވެ!

"އަޅުގަނޑުގެ ފިރިމީހާއަކީ ދަރިންނަށް ވަޤުތުދޭ މީހެއް ނޫނެވެ. އެކަން ފޫބައްދަން އޭނާ ކުރާ ކަމަކީ ކުދިން ބުނާހައި އެއްޗެއް ހޯދައިދިނުމެވެ. ނުބުންޏަސް އަގުބޮޑު ތަކެތި ހޯދައިދެއެވެ. ކްލާހުގެ ކުއްޖަކު ގެންގުޅެނިކޮށް ފެނިގެން ބުނާ ކޮންމެ އެއްޗެއްވެސް ހޯދައިދެއެވެ.

ދެދަރިން އެގޮތަށް ގެންގުޅެފައި ވަރިކޮށްލުމަށްފަހު މިހާރު ދެނީ މަހަކު 4000 ރުފިޔާއެވެ. އެއީ ހުރިހާ ކަމަކަށެވެ. އެއިން ކެއިންބުއިންވެސް މިއުޅެނީ ހަމަނުޖެއްސިގެންނެވެ. ދަރިންނަކަށް އެކަމެއް ނުވިސްނެއެވެ. މިކަމަށް ވިސްނަން ހަދައިގެން މިއިންނަނީ ސިކުނޑި ގޮވާވަރުވެފައެވެ."

މިހުރީވެސް ކަންކަން މެދުވެރިވާ ގޮތެވެ. ޔިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ.

ދަރިންނަށް ކުރަންޖެހޭ ޚަރަދު ދުވަހުން ދުވަހަށް ބޮޑުވަމުން އަންނާތީ ކަންބޮޑުވާނަމަ ވިސްނާލަން ޖެހޭ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. މިކަންކަން ފާހަގަމިކުރަނީ މިހާރަކަށް އައިސް މައިންބަފައިން އެންމެ ގިނައިން ކުރާ އެއް ޝަކުވާއަކީ އެމީހުންގެ ދަރިން އެންމެ އަގު ބޮޑު ތަކެއްޗަށް ބޭނުންވާ ކަމުގެ ޝަކުވާ ކަމަށްވާތީއެވެ.

ބެލެނިވެރިން ދައްކަނީ ވަކިކުއްޖަކު ސްކޫލަށް ގެންދާ ފެންވަރުގެ ދަބަސް ނޫނީ ނުގެންދަން ބޮޑާ ހާކާވާހަކައެވެ. އަގު ބޮޑު ތަކެތި ހޯދައި ދިނުމުން ގެންގުޅުމުގެ ފަރުވާކުރާތީ އަވަހަށް ހަލާކުކުރާ ވާހަކައެވެ. ކުރުކޮށްލާފައި ބުނާނަމަ އިސްރާފްކުރާ ކަމުގެ ޝަކުވާއެވެ. ލިބޭ މިންވަރަށްވުރެ އިތުރަށް ޚަރަދުކުރަންޖެހޭ ވާހަކައެވެ.

މިފަދަ ކަންކަން ކުރިމަތިވާނަމަ ފުރަތަމަވެސް ބަލައިލަން ޖެހެނީ މައްސަލަ އުފެދޭ ހިސާބަށެވެ. އެހިސާބަށް ބަލައިފި ނަމަ ފެންނާނީ މައިން ބަފައިންގެ ކުށްތަކެވެ. އިހްމާލެވެ. ގިނަ ފަހަރަށް މި މައްސަލަ މިގޮތަށް ފެންމަތިވެގެން އަންނަނީ ކުއްޖާ އެންމެ ކުޑައިރު އެފަދަ ތަކެތި އެކުދިންނަށް ހޯދައިދީ އެގޮތަށް ދަރިން ތަރުބިއްޔަތުކުރާތީއެވެ. މައިން ބަފައިންގެ ދިރިއުޅުމުގެ ކަންކަން އެފެންވަރުގައި ބަހައްޓާތީއެވެ.

ދަރިން ކުޑައިރު އެކުދިން ދެކެ ވާލޯބި ދައްކަން ޖެހޭނީ ގަނެދޭ އަގުބޮޑު ތަކެއްޗަކުން ނޫނެވެ. އެކުދިންނަށް ބޭނުންވާ ލޯތްބާއި އަޅާލުން ދީގެންނެވެ. އެކުދިންނާއި ވަގުތު ހޭދަކޮށް އުފާކޮށްދީގެންނެވެ. ނަމަވެސް މައިންބަފައިންނަށް ގިނަ ފަހަރު އަމަލުކުރެވެނީ އެގޮތަކަށް ނޫނެވެ. ވަގުތު ދެވޭ ކަމަކަށް ނުވެއެވެ. ވީމާ އެކަން ފޫބައްދަން ކުރެވޭ ކަމަކީ އަގުބޮޑު ތަކެތި ގަނެދިނުމެވެ.

ދޮށީދަރިފުޅުގެ ކައިވެންޏަށް ދަރައިގެން ނަމަވެސް އެތައް ބައިވަރު ފައިސާއެއް ޚަރަދުކޮށްފާނެއެވެ. ޢާއިލާގެ ތަނަވަސް މީހަކު އޭނާގެ ދަރިފުޅުގެ ކައިވެނި ހަފްލާ ބޭއްވި ފެންވަރުގައި ބާއްވަން ބޭނުންވެގެންނެވެ. އެ ބޮޑު ޚަރަދުކުރީ ދަރަންޏަށް ފައިސާ ހޯދައިގެންކަމެއް ހަގަށް ތިބޭ ކުދިންނަކަށް ނުއަންގާނެއެވެ. ވީމާ އެކުދިންވެސް ހަމަ އެފެންވަރުގައި ކަންކަން ބޭނުންވާނެއެވެ. އަގުބޮޑު ތަކެއްޗަށް އެދޭނެއެވެ.

އިސްލާމް ދީނުގެ އެންމެ މުހިންމު އެއް އަސާސަކީ ރިވެތި އަޚްލާޤެވެ. ރިވެތި އަޚްލާޤްގެ އެންމެ މުހިންމު އެއް އަސާސަކީ ފުދުންތެރި ދިރިއުޅުމެކެވެ. ދިރިއުޅުމުގެ އެއްވެސް ކަމެއްގައި އެއްވެސް އެހެން މީހަކާއި ވާދަކުރުމަކީ އިސްލާމް ދީނުގައި އޮތް ކަމެއް ނޫނެވެ. ވާދަކުރުން ހުއްދަވެގެންވާ ހަމައެކަނި ކަމަކީ ތަޤްވާވެރިކަމެވެ.

މައިން ބަފައިން ޖަހާ ސެންޓާއި ލާ ހެދުމަކީ އެންމެ އަގުބޮޑުތަކެތި ކަމުގައި ވާނަމަ ދަރިންވެސް އެފަދަ ތަކެތި ބޭނުންވާނެއެވެ. އަދި ދަރިންނަށް އެފަދަ ފެންވަރުގެ ތަކެތި ހޯދައިދޭނަމަ ބޮޑުވެ އަމިއްލަ ދިރިއުޅުމަކަށް ފަށާ ދުވަހުވެސް އެފަދަ ތަކެއްޗަށް ބޭނުންވާނެއެވެ. ނުލިބުމުން ފިރިމީހާ ގާތުން ވަރިވަނީ ކިތައް އަނބިން ހެއްޔެވެ؟ ހަމައެފަދައިން ފިރިމީހާގެ އަމިއްލަ ބޭނުންތަކަށް ކުރާ ޚަރަދު އިންތިހާއަށް ބޮޑުވެފައި އެއާއި ކައިރިކުރާ ވަރަކަށްވެސް ގޭތެރޭގެ ކަންކަމަށް ޚަރަދު ނުކުރާތީ ވަރިވަނީ ކިތައް އަނބިން ހެއްޔެވެ؟

މިފަދަ ކަންކަމުން އެނގެނީ މައިން ބަފައިން ފޭލްވަމުން އަންނަކަމެވެ. އިސްލާމް ދީނުގައިވާ މަގުން ދަރިން ތަރުބިއްޔަތުކުރުމުގައެވެ. ވީމާ މައްސަލަ ހައްލުކުރެވޭނީ ވެސް ހަމަ މައިންބަފައިންނަށެވެ! ދަރިން ކުށްވެރިކުރުން ހުއްޓާލައި ފުރަތަމަ މައިންބަފައިން އަމިއްލައަށް އިޞްލާޙްވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން