ބައެއް މައިން އެމީހުން ގޭތެރޭގައި ކުރާ މަސައްކަތްތައް ސޯޝަލް މީޑިއާގައި ހާމަކުރެއެވެ. އެގޮތުން ގޭގައި އިނދެގެން ދަރިން ބަލަން ކުރާ މަސައްކަތާއި ދަރިންނަށް ފިލާވަޅު ދަސްކޮށްދޭން ކުރާ މަސައްކަތްތަކާއި ކައްކާ ޚާއްޞަ ތަކެތި ފަދަ އެއްޗެތިވެސް ޕޯސްޓް ކުރެއެވެ. މައްސަލައަކީ އެއީ ކިތަންމެ ރަނގަޅު ކަންކަން ނަމަވެސް އެކަންކަމަށް ސަމާލުކަންދެނީ ވަރަށް މަދު ބައަކު ކަމެވެ.
އެއިގެ ބަދަލުގައި ފިރިހެނުން ޝައުޤުވެރިވާފަދަ ބަރަހަނާ ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ޢާންމުކުރުމުން އެތައް ބައެއްގެ ސަމާލުކަން ލިބެއެވެ. ފައިސާވެސް ލިބެއެވެ. ބޮޑެތި ދަޢުވަތުތައްވެސް ލިބެއެވެ.
މިފަދަ ހުރިހާ ކަމެއް ގޮސް މިހުއްޓެނީ ކޮންކަމަކަށްހެއްޔެވެ؟ ފާޙިޝް ބޭނުންތައް ފުއްދުމާއި ނޫން ހެއްޔެވެ؟ އަންހެނަކު މިފަދަ ކަންކަން ކުރާނަމަ މިވެވެނީ ކޮން ބާވަތެއްގެ އަންހެނަކަށް ހެއްޔެވެ؟ ހުރިހާ ފިރިހެނުންގެ ތުންފުއްސަކަށް ނޫންހެއްޔެވެ؟ ތުންފުހީގެ ތެރެއިންވެސް ޓިޝޫއަކަށެވެ. ބޭނުންކޮށްލާފައި އެއްލައިލާނީ ކުނިއަޅާ ވަށިގަނޑަށެވެ. ކަރުދާސް ތުންފުހީގެ ބޭނުންކުރާނީވެސް އެކަން އެނގިހުރެއެވެ.
ދެން މިވާ ގޮތަކީ ޢުމުރުގެ ވަކިހިސާބަކުން ކަންކަން ވިސްނި އިޞްލާޙްވާން މަސައްކަތް ފަށަނީއެވެ. ހެޔޮލަފާ ދިރިއުޅުމަކަށް އުންމީދުކުރަން ފަށަނީއެވެ. އެފަދަ ދިރިއުޅުމެއް ނުލިބުމުން ޝަކުވާވެސް ކުރެވެނީއެވެ.
ބުނަން ހެއްޔެވެ؟ ތައުބާވުމުން ﷲ ތަޢާލާ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. އެއްވެސް ފާފައެއް ނުކުރާ މީހެއްގެ ދަރަޖަ ދެއްވަވަތެވެ. އިން ޝާ ﷲ.
އެހެނަސް އަމިއްލަ ޢަބުރު މީސްތަކުންގެ ތެރޭގައި ކަތިލުމުން މީސްތަކުން އެހައި ފަސޭހައިން އެކަން ހަނދާނަނައްތައެއް ނުލާނެވެ. އެހާ ފަސޭހައިން ތުންފުއްސެއްގެ ދަރަޖައިން އަގުހުރި ރަންގަނޑަކަށް ބަދަލެއް ނުވެވޭނެއެވެ.
ލޮބުވެތި ކަނބަލުންނޭވެ! ފަސޭހައިން އަތަށް އަރާ ފައިސާކޮޅެއްގެ ދަހިވެތިކަމުގައި ނުވަތަ އަވަހަށް މަޝްހޫރުވުމުގެ ބޭނުމުގައި މުޅި ޙަޔާތް ކިލަނބުކޮށްނުލާށެވެ! ނަޖިސްކޮށްނުލާށެވެ! ފަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ.
ޢިއްފަތްތެރިކަމުގެ އަގު ވަޒަންކުރާށެވެ! އެއީ ﷲ ތަޢާލާގެ ޙަޟްރަތުގަ ތިމާގެ ބަރުދަން އުފުލައިލުމަށާއި މީސްތަކުންގެ ކުރިމަތީގައި އަގުއުފުލުމަސްވެސް ލިބޭ ރަނަށްވުރެ މާއަގުހުރި އެއްޗެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން