ޢިއްފަތްތެރި އެތައް ހާސް އަންހެނުން ކޮންމެ ދުވަހަކު ކަރުނައަޅަމުން ގެންދަނީ މީސްތަކުން އެމީހުންގެ ބޮލުގައި އަޅުވަމުން ގެންދާ ދޮގު އިލްޒާމްތަކުގެ ސަބަބުންނެވެ. އެފަދަ ކަންކަން ބޮޑުވެ ގެއިން ބޭރަށް ނުނުކެމެވިފައި ތިބި އަންހެނުންވެސް މަދެއް ނޫނެވެ.
ތިއަ ކަނބަލުންނަށް ބުނެލަން އޮތީ މަރްޔަމްގެފާނާއި ޢާއިޝަތުގެފާނުގެ އިސްތަށިފުޅުގައި މީސްތަކުން އެޅުވި އިލްޒާމް ކުޑައީ ހެއްޔެވެ؟ އެހެރަ ބޮޑެތި އިލްޒާމްތަކުން ﷲ ތަޢާލާ އެދެކަނބަލުން ސަލާމަތްކުރެއްވެވިއިރު ތިއަ ކަނބަލުން ސަލާމަތް ނުކުރައްވަވާނެ ކަމަށް ހީކުރަނީހެއްޔެވެ؟
އެއްގޮތަކަށްވެސް އެހެންނަކުން ނުވާނެއެވެ. ތިއަ ކަނބަލުންނަށްވެސް ރަޙުމްކުރައްވަވާނެތެވެ. ތިއަ ކަނބަލުންގެ ބޮލުގައި އަޅުވަމުން ގެންދާ ދޮގު އިލްޒާމްތަކުގެ ޙަޤީޤަތް ހާމަކުރައްވަވާނެތެވެ. ތިއަ ކަނބަލުންގެ ޢަބުރުވެސް ރައްކައުތެރިކޮށް ދެއްވަވާނެތެވެ.
ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. އެކަމަކީ އެދެކަނބަލުން ފަދައިން ތިއަ ކަނބަލުންވެސް ސާފުސީދާ މަގުގައި ޘާބިތުވެ ތިބުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގައި ޘާބިތުވެތިބުމެވެ. ﷲ ތަޢާލާއަށް ތެދުވެރިވުމުގައި ނަމޫނާ ދައްކައިދިނުމެވެ.