ކައިވެނިކުރަންވާނީ ބައިވެރިޔާ ބޭނުންވާ ގޮތަށް ދެމީހުންނަށްވެސް ބަދަލުވެވޭނެ ނަމަ! ބަދަލުނުވެވޭ މީހަކަށް ކައިވެނީގަ ދެމިހުރުމަކީ ނުވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ކައިވެނިކުރަންވާނީ ބައިވެރިޔާ ބޭނުންވާ ގޮތަށް ދެމީހުންނަށްވެސް ބަދަލުވެވޭނެ ނަމަ! ބަދަލުނުވެވޭ މީހަކަށް ކައިވެނީގަ ދެމިހުރުމަކީ ނުވާނެ ކަމެއް!

ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމުގެ ތެރެއިން ބައިވެރިޔާ އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކުރުން އެދި ކޮންމެ މީހަކަށްވެސް އާދޭސްކުރެވޭނީ ވަކިވަރަކަށެވެ. އިޞްލާޙްކުރަން ބުނާ ވަރަކަށް އެކަން ތަކުރާރުކުރާނަމަ ނުވަތަ ކަންކަން ގޯސްކުރަމުން ގެންދާނަމަ ފޫހިވާނެ ދުވަހެއް އަންނާނެއެވެ. ދެމީހުންގެ ގުޅުން ކަނޑައިލާނެ ދުވަހެއް އަންނާނެއެވެ. އެއީ ފިރިމީހާކަމަސްވީނަމަވެސް އަދި އަނބިމީހާކަމަށްވީނަމަވެސްމެއެވެ.  

ކޮންމެ ދމަފިރިއެއްގެ މެދުގައިވެސް މިކަން އޮންނާނީ ހަމަމިހެންނެވެ. ކަންކަން އިޞްލާހްކުރަން އެދި ރޮއި ކަރުނައަޅައި އާދޭސްކުރާވަރަކަށް ކަންކަން ގޯސްކުރަމުން ގެންދާނަމަ، އިތުރަށް ހިތުގައި ޖައްސުވަމުން ގެންދާނަމަ އަނެކާ ދެކެ ކިތަންމެ ބޮޑަކަސް ލޯބިވީނަމަވެސް އެކަން ނިމުމަކަށް ގެންނަން ބޭނުންވާނެ ދުވަހެއް އަންނާނެއެވެ.  

ދެމަފިރިންކުރެ ކޮންމެ މީހަކަށް ނަމަވެސް މިކަން މެދުވެރިވާނީ މިހެންނެވެ. ހަމައެއާއިއެކު ޤަބޫލުކުރަންޖެހޭނީ ކެތްތެރިވެގެން ބައިވެރިޔާ މަޑުކުރާކަން އެއީ އޭނާގެ ނިކަމެތިކަން ނުވަތަ ބަލިކަށިކަން ނޫންކަމެވެ. މަޑުކުރަނީ ގޮތެއް ނެތިގެން ނޫންކަމެވެ. ތިމާ ދެކެ ލޯބިވާތީކަމެވެ.  

ބައިވެރިޔާ ތިމާގެ ކިބައިން ކަންކަން އިޞްލާޙްކުރަން އެދޭނަމަ އެކަމަކަށް އަވަސްވެގަންނަންވާނެއެވެ. ފަހުން ހަމަޖެހިލައިގެން އިޞްލާޙްކުރަން ވިސްނާނަމަ އެކުރެވެނީ ވަރަށް ބޮޑު ކުށެކެވެ. އެހެނީ އެއިރު އަނެކާގެ ހިތްދާނީ ވިރެމުންނެވެ. ނަފްސް ދާނީ ފިހެވެމުންނެވެ. ސިކުނޑިދާނީ ގޮވަމުންނެވެ.  

ބައިވެރިޔާ އެދޭ ކަންކަން އިޞްލާޙް ނުކުރާނަމަ އެއީ އޭނާއަށް ހުރިހާ ގޮތަކުންވެސް ދެވޭ އެންމެ ބޮޑު އަނިޔާއެވެ. އެއްވެސް މީހަކީ އަނަދު އަނިޔާ ލިބިލިބި ހުންނަން ބޭނުންވާނެ މީހެއް ނޫނެވެ. ޚުދު ތިމާވެސް ނުހުންނާނެއެވެ. ކަންބޮޑުވެ ތެޅިފޮޅޭނެއެވެ.  

ގިނަ މީހުންނަށް މިކަންކަން ވިސްނެނީ ވަޤުތު ފާއިތުވާފަހުންނެވެ. ބައިވެރިޔާ ތިމާއާއި ވަކިވާން ނިންމާފަހުންނެވެ. އެހިސާބުން އިޞްލާޙްވާން މަސައްކަތްކުރިނަމަވެސް އެކަމުގެ ފައިދާއެއް ނުކުރާނެއެވެ. ވީމާ ބައިވެރިޔާ ފޫހިވެ މާޔޫސްވަންދެން މަޑުނުކުރާށެވެ. އެގޮތަށް މަޑުކުރެވޭނަމަ އެޢަމަލުކުރެވެނީ ޝައިޠޯނާ ބޭނުންވާ ގޮތަށެވެ. ޝައިޠޯނާގެ އެދުމަށް ޢިޖާބަ ދޭ މީހަކަށް ރަނގަޅު ދިރިއުޅުމެއް ނުލިބޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން