ޢާއިޝަތު ރަފާޙް ޢަލީ
އިސްލާމްދީނުގައި، އަމިއްލަ އިހުސާސްތައް ހާމަކުރުމާރުމާއި ހިތްހަމަނުޖެހުން ފާޅުކުރުމާ ދޭތެރޭ ވަރަށް ސާފު އުސޫލުތަކެއް ކަނޑައެޅިފައިވެއެވެ. މި ކަންކަމުގައި އެންމެ މުހިންމު ކަމަކީ އެހެން މީހުންގެ ޙައްޤުތަކަށް އަރައިނުގަތުމާއި، ޢީބަބުނުމުގެ ފާފައިގައި ނުޖެހުމެވެ.
ގިނަ ބައަކަށް މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެވެނީ އަތަކުން ނޫނެވެ. ތިމާގެ ދުލުންނެވެ. ޣީބަ ބުނެ ދެއްކޭ ވާހަކަތަކުންނެވެ. ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ގޮތުގައި، "ޢީބަ އަކީ ތިބާގެ އަޚާ ނުރުހޭ ކަމަކާ ގުޅޭގޮތުން އޭނާގެ ވާހަކަ ދެއްކުމެވެ." މި ޙަދީޘުން އަޅުގަނޑުމެންނަށް އެނގިގެންދަނީ، އެހެން މީހުންގެ ވާހަކަ އެ މީހުން ނުރުހޭ ގޮތަކަށް ދެއްކުމަކީ ޢީބަކުރުން ކަމުގައެވެ.
ނަމަވެސް، އަމިއްލަ އިހުސާސްތައް ހާމަކުރުމާއި ލަފައަކަށް އެދުމާ ދެމެދު ތަފާތެއް ވެއެވެ. މިސާލަކަށް:
އަނިޔާ ލިބިފައިވާ މީހަކު، އެ އަނިޔާގެ ވާހަކަ ދެއްކުމަކީ ހުއްދަ ކަމެކެވެ. މިކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ނިސާ ސޫރަތުގެ 148 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
۞ لَّا يُحِبُّ اللَّهُ الْجَهْرَ بِالسُّوءِ مِنَ الْقَوْلِ إِلَّا مَن ظُلِمَ ۚ وَكَانَ اللَّهُ سَمِيعًا عَلِيمًا ﴿١٤٨﴾
މާނައީ: އަނިޔާ ލިބިގެންވާމީހާ މެނުވީ، ނުބައިބަސްބުނެ، ފާޅުކުރުމަކަށް اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. (148)
· މައްސަލައެއް ޙައްލުކުރުމަށް ނުވަތަ ރަނގަޅު ގޮތެއް ހޯދުމަށް ލަފައަކަށް އެދުމަކީވެސް ހުއްދަ ކަމެކެވެ. މިސާލަކަށް، އަންހެނަކު އޭނާގެ ފިރިމީހާ ނުވަތަ މަންމައާ މުޢާމަލާތްކުރާނެ ގޮތުގެ ލަފައަކަށް އެދުމަކީ މައްސަލައެއް ނެތް ކަމެކެވެ.
· ޙައްޤެއް އަނބުރާ ހޯދުމަށްށްޓަކައި ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅުމަކީވެސް ހުއްދަ ކަމެކެވެ.
އެހެންކަމުން، އަމިއްލަ އިހުސާސްތައް ހާމަކުރުމާއި ހިތްހަމަނުޖެހުން ފާޅުކުރުމުގައި އެންމެ މުހިންމު ކަމަކީ، އެހެން މީހުންގެ ޙައްޤުތަކަށް އަރައިނުގަތުމާއި، ޢީބަބުނުމުގެ ފާފައިގައި ނުޖެހުމެވެ. އަދި މައްސަލަތައް ޙައްލުކުރުމަށް ނުވަތަ ލަފާ ހޯދުމަށް މަސައްކަތްކުރުމެވެ. މިގޮތަށް ޢަމަލުކުރުމުން، އަޅުގަނޑުމެންނަށް އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތަށް އުޅެވޭނެއެވެ.
- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން