ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރަމުންދާ މިންވަރާއި، ގްރީން ޓެކުހުގެ އާމްދަނީ ދަނީ އިތުރުވަމުންކަން ހާމަކޮށްދޭ މުހިންމު ހިސާބެކެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ހިންގާ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ޖުމްލަ 1.7 ބިލިޔަން ރުފިޔާ ވަނީ ޖަމާކުރެވިފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު 834 މިލިޔަން ރުފިޔާއަށްވުރެ %105 އިތުރު އަދަދެކެވެ.

ގްރީން ޓެކުހުން ލިބޭ އާމްދަނީ މި މިންވަރަށް ބޮޑުތަނުން އިތުރުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެފައިވުމެވެ. މާލީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، ކޮވިޑް-19ގެ ހާލަތަށްފަހު ފަތުރުވެރިކަން އަލުން ހަލުވިކަމާއެކު އާރޯވަމުން އަންނާތީ، މިއީ އޭގެ ހެޔޮ އަސަރެކެވެ.

ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރުމާއި، މޫސުމީ ބަދަލުތަކުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ދައުލަތަށް މާލީ އެހީ ހޯދުމަކީ މި ޓެކްސްގެ މައިގަނޑު މަޤްސަދެވެ. މިގޮތުން، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ އެކި މަޝްރޫޢުތަކަށް މި ފައިސާ ހަރަދުކުރެވެއެވެ.

ގްރީން ޓެކުހުން ލިބެމުންދާ މި ބޮޑު އާމްދަނީއަކީ ތިމާވެށީގެ މަޝްރޫޢުތައް މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަށް ދައުލަތަށް ލިބުނު އިތުރު ބާރެކެވެ. އަދި، ރާއްޖޭގެ ތިމާވެށި ދިފާއުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް މި ފައިސާއިން ބޮޑު އެހީއެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން