ރާއްޖެއާއި ޗައިނާ ގުޅިގެން ދަރިމައިވުމާއި އަލަށް އުފަންވާ ކުދިންގެ ސިއްޙީ ދުޅަހެޔޮކަމާ ގުޅޭގޮތުން ސިމްޕޯސިއަމެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 10ސ
ރާއްޖެއާއި ޗައިނާ ގުޅިގެން ދަރިމައިވުމާއި އަލަށް އުފަންވާ ކުދިންގެ ސިއްޙީ ދުޅަހެޔޮކަމާ ގުޅޭގޮތުން ސިމްޕޯސިއަމެއް ފަށައިފި

ރާއްޖެއާއި ޗައިނާ ގުޅިގެން ދަރިމައިވުމާއި އަލަށް އުފަންވާ ކުދިންގެ ސިއްޙީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހާއްސަ ސިމްޕޯސިއަމެއް ފަށައިފިއެވެ. އެއް ހަފްތާއަށް ކުރިއަށްގެންދާ މި ސިމްޕޯސިއަމްގެ މައިގަނޑު މަޤްޞަދަކީ، ދެ ޤައުމުގެ ސިއްޙީ ދާއިރާގައި ހުރި ތަޖުރިބާ ހިއްސާކޮށް، ދަރިމައިވުމާއި ކުޑަކުދިންގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމެވެ.

މި ސިމްޕޯސިއަމްގެ ސަބަބުން، ދިވެހި ސިއްޙީ ދާއިރާގެ ބައިވެރިންނަށް ޒަމާނީ ބޭސްފަރުވާގެ ނިޒާމާއި އާ ޓެކްނޮލޮޖީތަކަށް އަހުލުވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެއިތުރުން، މި ދާއިރާގައި ކުރިމަތިވާ ގޮންޖެހުންތަކަށް ދިރާސީ ނަޒަރަކުން ރިޢާޔަތްކުރުމަށް މަގުފަހިވެގެންދާނެއެވެ. މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީވުމާއި، ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުގެ ޢިލްމާއި ހުނަރު އިތުރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

މި ސިމްޕޯސިއަމްގައި ގުޅުންހުރި ދާއިރާތަކުގެ ޗައިނާގެ 9 އެކްސްޕާޓް ޑޮކްޓަރުންގެ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވެއެވެ. މި ތަޖުރިބާކާރުންގެ ތެރޭގައި ގައިނޮކޮލޮޖީ، ޕީޑިއެޓްރިކް އަދި އޮބްސްޓެޓްރިކް ފަދަ މުހިންމު ދާއިރާތަކުގެ ޑޮކްޓަރުން ހިމެނެއެވެ. ސިމްޕޯސިއަމްގެ ބައިވެރިން ވަނީ ސަރުކާރުގެ އަދި އަމިއްލަ ހޮސްޕިޓަލްތަކަށް ޒިޔާރަތްކޮށް، އެކުއެކީގައި ތަޖުރިބާ ޙިއްސާކޮށް، އަދި މަޢުލޫމާތު ބަދަލުކުރުމަށް ހަމަޖެހިފައެވެ.

މި ސިމްޕޯސިއަމްގެ ތެރެއިން، ދެ ޤައުމުގެ މެދުގައި ދާއިމީ ގޮތެއްގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމަކީ ދަރިމައިވުމާއި އަލަށް އުފަންވާ ކުދިންގެ ސިއްޙީ ޚިދުމަތްތައް ދިނުމުގައި ދެ ޤައުމު ގުޅިގެން ކުރިއަށް ދިއުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ޖީ.އެޗް)ގެ ސީއީއޯ ހަލީމް ރައްޒާޤުއެވެ. އަދި ޗައިނާގެ ޗެންޑޫ މެޓަރނަލް އެންޑް ޗައިލްޑް ހެލްތް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޗެން ރުއި އެވެ.

މި ސިމްޕޯސިއަމްގައި ބައިވެރިވަނީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި، ރާއްޖޭގެ ބައެއް އަމިއްލަ ހޮސްޕިޓަލްތަކުގެ މާހިރުންނެވެ. މި އެއްބާރުލުމުގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީވެ، ޚާއްޞަކޮށް މާބަނޑު މީހުންނާއި ކުޑަކުދިންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް މަތިވެގެން ދާނެކަމަށް ބޮޑަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން