ގަވާއިދާ ޚިލާފަށް އުޅޭ 14 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ގަވާއިދާ ޚިލާފަށް އުޅޭ 14 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މޯލްޑިވްސް އިމިގްރޭޝަންގެ ޚާއްސަ އޮޕަރޭޝަނެއްގައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދިޔަ 14 ބިދޭސީ މަސައްކަތްތެރިއަކު އިއްޔެ ހައްޔަރުކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެ ހަވީރު ހުޅުމާލެ ފޭސް 1 ގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ހުންނަ ގަރާޖުތަކެއް އަމާޒުކޮށް، އިމިގްރޭޝަން ޓާސްކްފޯސްގެ ފަރާތުންނެވެ.

އިމިގްރޭޝަނުން ހާމަކުރެއްވި ގޮތުގައި، ޓާސްކްފޯސްއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ މި ބަލައި ފާސްކުރުމުގެ މަސައްކަތުގައި ޖުމްލަ 69 ބިދޭސީ މަސައްކަތްތެރިއަކު ވަނީ ޗެކްކޮށްފައެވެ. އެފަރާތްތައް ޗެކްކުރުމަށްފަހު، ރާއްޖޭގައި ދިރިއުޅުމާއި މަސައްކަތް ކުރުމުގެ ޤަވާއިދުތަކާ ޚިލާފަށް އުޅެމުންދާކަން އެނގުނު 14 މީހަކު ވަނީ ވަގުތުން ބެލުމުގެ ދަށަށް ގެނެސްފައެވެ. މި މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ދެން ކުރިއަށްދާނެއެވެ.

މިފަދަ އޮޕަރޭޝަންތައް ވަރުގަދަ ކަމާއެކު ކުރިއަށްގެންދަނީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް، އެފަދަ ފަރާތްތަކުން ހިންގާ ވިޔަފާރިތައް ހުއްޓުވައި، ދިވެހިރާއްޖޭގެ މަސައްކަތުގެ ބާޒާރު ތަރުތީބުކުރުމަށް ސަރުކާރުން ފަށާފައިވާ ޤައުމީ މަސައްކަތްތަކުގެ ދަށުންނެވެ. ސަރުކާރުގެ އަމާޒަކީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ މެދު އަވަސް ފިޔަވަޅު އެޅުމާއި އަދި އެފަދަ ފަރާތްތައް ޤައުމުން ފޮނުވާލުމުގެ މަސައްކަތް ހަލުވިކުރުމެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ފަރާތްތަކުގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ އަދި އެބޭފުޅުންނަށް ލިބެންޖެހޭ ޙައްޤުތައް ނުދޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް އިމިގްރޭޝަން އާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.

ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާތަކަށް އަވަސް ޙައްލެއް ހޯދައިދީ، ޤާނޫނުގައި ވާގޮތުގެ މަތިން އެފަރާތްތަކަށް ލިބިދޭންޖެހޭ އަސާސީ ޙައްޤުތައް ކަށަވަރުކުރުމަށް ސަމާލުކަން ދެމުންދާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

މިއަދު އޮންލައިން