މޯލްޑިވްސް އިމިގްރޭޝަނުން އެ އިދާރާގެ މަސައްކަތްތައް ފުޅާކުރުމަށް 70 އިމިގްރޭޝަން އޮފިސަރުން ހޯދުމަށް ޢިއުލާންކޮށް، އަންނަ ހޮނިހިރު ދުވަހު ޚާއްސަ ވޯކް-އިން އިންޓަވިއުއެއް ބޭއްވުމަށް ނިންމައިފިއެވެ.
މި އިންޓަވިއު އޮންނާނީ 2025 ނޮވެމްބަރު 1 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:30 އިން ހަވީރު 16:30 އަށެވެ. އެޕްލިކޭޝަންތައް ބަލައިގަތުމާއި އިންޓަވިއު ކުރުން ކުރިއަށްގެންދިއުމަށް ހަމަޖައްސާފައި ވަނީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ޞަލާޙުއްދީން ސްކޫލްގައެވެ.
އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުތައް އިންޓަވިއުއަށް ގެންނަން ޖެހޭނެއެވެ. މިއީ ވަގުތުން ފޯމް ބަލައިގަނެ، ވަގުތުން އިންޓަވިއު ކުރިއަށްގެންދާ އުޞޫލެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނީ ހަމައެކަނި ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިންނެވެ. އިންޓަވިއުއަށްފަހު، އިމިގްރޭޝަނުން މުވައްޒަފުން ހޮވުމަށް ބޭއްވޭ އިމްތިޙާނު އޮންނާނީ 2025 ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހާއި 8 ވަނަ ދުވަހާ ދެމެދުގެ ދުވަހެއްގައި ކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.
އިމިގްރޭޝަން އޮފިސަރުގެ މަޤާމުތަކަކީ ޤައުމީ ދޮރުކޮޅުތައް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ މަޤާމުތަކެކެވެ. އިމިގްރޭޝަން އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެއާޕޯޓުގެ ބޯޑަރ ކޮންޓްރޯލްގެ މަސައްކަތްތައް ހިންގުން ހިމެނެއެވެ. މީގެ އިތުރުން، ދިވެހި ރައްޔިތުންނަށް އަވަހަށް އަދި ފަސޭހައިން ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމެންޓްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ވެސް މެއިން އެއް މަސައްކަތެވެ.
މި ވަޒީފާ އަދާކުރާ ފަރާތްތަކުން ސީޕޯޓް ސެކްޝަނުގެ މަސައްކަތްތަކާއި، ވިޒާ ސެކްޝަނުގެ މަސައްކަތްތައް ފުރިހަމަކުރުމުގައި ވެސް ބައިވެރިވާން ޖެހެއެވެ. މިގޮތުން، ރާއްޖެއަށް އަންނަ ބިދޭސީންނާ ގުޅުންހުރި ކަންކަމާއި، އެމީހުންގެ ވިސާ އާއި ގުޅޭ އެންމެހާ އިޖުރާއަތްތައް ބެލެހެއްޓުމަކީ މި މަޤާމުތަކުގެ މުހިންމު ބައެކެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބޭއްވުމަށް ހަމަޖައްސާފައިވާ މި ވޯކް-އިން އިންޓަވިއުއަކީ މި ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުންނަށް މުހިންމު ފުރުޞަތެކެވެ. ޝަރުޠު ހަމަވާ ފަރާތްތަކުން، ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ 2025 ނޮވެމްބަރު 1 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:30 އިން ހަވީރު 16:30 އާ ދެމެދު ޞަލާޙުއްދީން ސްކޫލަށް ޙާޒިރުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.