މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން، އަލިފާން ނިވާ ފުޅި ރީފިލްކުރުމާއި ސަރވިސްކުރުމަށް ޚާއްސަ ޑިޕާޓްމަންޓެއްގެ ދަށުން ސެންޓަރެއް ރަސްމީކޮށް ހުޅުވައިފިއެވެ.
މި ޚިދުމަތް ފެށުމުގެ މައިގަނޑު މަޤްޞަދަކީ ކުންފުނީގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމުގެ އިތުރުން މުޖުތަމަޢަށް މިފަދަ އަސާސީ ޚިދުމަތެއް ފަސޭހަކޮށްދިނުމެވެ. މި ސެންޓަރގެ މަސައްކަތްތައް ކުރިއަށްދާނީ ބަނދަރުތަކުގެ ސަލާމަތީ ކަންކަމަށް ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް، އެންމެ ފުރިހަމައަށް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައެވެ.
މި ޚާއްސަ ސެންޓަރ ހުޅުވައި، އޭގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ބިލްޑިންގގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޑީސީޕީ ރިޓަޔަރޑް މުޙައްމަދު ރިޝްވާން އަދި ކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ސެންޓަރ ހިންގާނީ އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުންނެވެ.
މި ސެންޓަރުން ފޯރުކޮށްދޭ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި އެކި ބާވަތުގެ އަލިފާން ނިވާ ފުޅިތައް ރީފިލްކޮށްދިނުން ހިމެނެއެވެ. އެގޮތުން ޑްރައި ކެމިކަލް ޕައުޑަރ (ޑީސީޕީ)، ކާބޮންޑައިއޮކްސައިޑް (ސީއޯޓޫ)، ފޯމް އަދި ފެން ބޭނުންކުރާ އަލިފާން ނިވާ ފުޅިތައް ރީފިލްކުރުމާއި ސަރވިސް ކުރުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން ފުޅިތައް ރައްކާތެރިކަމާއެކު ބޭނުންކުރެވޭ މިންވަރު ކަށަވަރުކުރުމަށްޓަކައި ހައިޑްރޯސްޓެޓިކް ޕްރެޝަރު ޓެސްޓް ކުރުމާއި ލީކޭޖް އިންސްޕެކްޝަން ހެދުމުގެ މަސައްކަތްވެސް މި ސެންޓަރގައި ކުރިއަށްދާނެއެވެ.
އަލިފާން ނިވާ ފުޅި ރީފިލް ކުރުމުގެ އިތުރުން، ފުޅިތަކަށް ބޭނުންވާ މަތީ ފެންވަރުގެ ސަރވިސްތައްވެސް މި ސެންޓަރއިން ފޯރުކޮށްދޭނެއެވެ. މި މަސައްކަތްތަކުގެ ތެރޭގައި ފުޅިތަކަށް ކުލަ ޖެހުމާއި، ލޭބަލް ކުރުމާއި ޓެގް ކުރުން ހިމެނެއެވެ. އަދި ސަލާމަތީ ގޮތުން މުހިންމުވާ ސޭފްޓީ ޕިން ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ. މީގެ އިތުރުން މުއްދަތު ހަމަވެފައިވާ ނުވަތަ ބޭނުން ކުރެވޭ ހާލަތެއްގައި ނެތް ފުޅިތައް، އެންމެ ރައްކާތެރި ގޮތުގައި ނައްތާލުމުގެ މަސައްކަތްވެސް މި ސެންޓަރއިން ކުރިއަށް ގެންދާނެއެވެ. ހަމައެއާއެކު، ސެލްފް ކޮންޓެއިންޑް ބްރީދިންގ އެޕަރޭޓަސް (އެސްސީބީއޭ)ގައި ބޭނުންކުރާ އެއަރ ސިލިންޑަރތައް ރީފިލްކުރުމާއި ޕްރެޝަރ ޓެސްޓް ހެދުމުގެ ޚިދުމަތްވެސް ތައާރަފުކޮށްފައިވެއެވެ.
އެމްޕީއެލްއިން މި ޚާއްސަ ސެންޓަރ ހުޅުވުމާއެކު، އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި އަލިފާން ނިއްވާ އާލާތްތައް ބޭނުންކުރާ ފަރާތްތަކަށް އަވަސް އަދި ފަސޭހަ ޚިދުމަތެއް ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ ބަނދަރުގެ ސަލާމަތީ ކަންކަން ބައިނަލްއަޤްވާމީ މިންގަނޑަށް އެރުވުމަށް އެމްޕީއެލްއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއްގެ ގޮތުގައި މި ސެންޓަރު ފާހަގަކުރެވެއެވެ.