ހައްގުތައް އޭގެ ވެރިފަރާތްތަކަށް ހޯދައި ދިނުމުގެ ބޮޑު ޒިންމާ ފަނޑިޔާރުންނެކޭ އެއްފަދައިން ވަކީލުންނަށް ވެސް އޮންނާނެ ކަމަށް އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ. އުއްތަމަފަނޑިޔާރު މިހެން ވިދާޅުވީ، ވަކީލުކަމުގެ ލައިސަންސް އަލަށް ލިބުނު މީހުން ވަކީލުކަމުގެ ހުވާ ކުރުމަށް އިސްލާމިކް ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އުއްތަމަފަނޑިޔާރު ވިދާޅުވީ، ޤާނޫނީ ދާއިރާގެ އެންމެ މުހިންމު ދެ ބައިވެރިން ކަމަށްވާ ފަނޑިޔާރުންނާއި ވަކީލުންގެ ބޮލުގައި ވެސް އެޅިފައިވަނީ އެއް ޒިންމާއެއް ކަމަށެވެ. އެއީ އަދުލު އިންސާފު ޤާއިމުކުރުމުގެ ބުރަ މަސައްކަތެވެ. އޭނާ އިތުރަށް ވިދާޅުވިއެވެ: "ފަނޑިޔާރުންނެކޭ އެއްފަދައިން ގާނޫނީ ވަކީލުންނަކީ ވެސް އަދުލު އިންސާފު ގާއިމް ކުރުމުގައި ހަރަކާތްތެރިވާ އިންސާފުގެ ދަތުރުގެ ބައިވެރިން. އެހެންކަމުން އަޅުގަނޑުމެންގެ އެންމެންގެ ބޮލުގައި ވަރަށް ބޮޑު ޒިންމާއެއް އެޅިފައިވޭ. އެއީ ހައްގުތައް އޭގެ ވެރިފަރާތްތަކަށް ހޯދައި ދިނުމުގެ ބުރަ މަސައްކަތް،"
ވަކީލުކަމުގެ ހުވާކުރި ބޭފުޅުންނަށް އިރުޝާދު ދެއްވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، ކޮންމެ ވަކީލަކު ވެސް ޤާނޫނީ ޢިލްމުގެ ތެރެއަށް ފީނައި، ޤާނޫނީ ދާއިރާ ހަނިކޮށްލަން ޖެހޭނެ ކަމަށެވެ. އެގޮތުން، އެންމެ ޝައުޤުވެރިވާ ދާއިރާއަކަށް ޚާއްސަވެ، އެ ދާއިރާއެއް ދިރާސާކުރުމަށް އޭނާ ނަސޭހަތްތެރިވިއެވެ. އެކި ދާއިރާތަކަށް ވަނުމަށް މަސައްކަތް ކުރުމަކީ މަސައްކަތަށް ރަނގަޅަށް ތައްޔާރު ނުވެވޭނެ ކަމެއް ކަމަށް އުއްތަމަފަނޑިޔާރު ފާހަގަކުރެއްވިއެވެ.
އުއްތަމަފަނޑިޔާރު އިތުރަށް ވިދާޅުވީ، ލޯ ޑިގްރީއާއި ބާ އެގްޒާމުން ފާސްވުމަކީ ޤާނޫނީ ދާއިރާގެ މަސައްކަތް ނިމުނީ ކަމަށް ހީކުރުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ. އުއްތަމަފަނޑިޔާރު ވިދާޅުވީ، ލޯ ޑިގްރީއާއި ބާ އެގްޒާމުން ފާސްވުމަކީ އަދި ހަމައެކަނި ފެށުން ކަމަށާއި، ދަތުރުގެ ބާކީ ބައި، އޭގެ އުނދަގޫ ބައި އަދި އޮތީ ކުރިއަށް ކަމަށެވެ.
މި ދާއިރާގައި ކުރިއަށް ދިއުމަށްޓަކައި، ފަނޑިޔާރުންނާއި ވަކީލުން ވެސް މަސައްކަތް ކުރަން ޖެހެނީ އެއް މިސްރާބަކަށް ކަމަށާއި، އަދި އެއް އަމާޒަކަށް ވާސިލުވުމަށް މަސައްކަތް ކުރުމަށް އުއްތަމަފަނޑިޔާރު ވަނީ ގޮވާލައްވާފައެވެ.