ސުންނަތް ރޯދަ ހިފަންޖެހޭ ދުވަހަކު އެކުވެރިއަކާއި ބައްދަލުވުމުން ތިއަހުރީ ރޯދައަށްތޯ ސުވާލުކޮށްލައިފިނަމަ ޖަވާބަކަށް ގިނަފަހަރު ބުނަނީ ހުރީ ރޯދައަށް ނޫންކަމަށެވެ. ސަބަބުތަކުގެ ތެރޭގައި "މިއުޅެނީ ވަރުބަލިވާތީ! ކޮންމެވެސް ބޭހެއް ކާން ޖެހިގެން!" ފަދަ ކަންކަން ހިމެނެއެވެ.
ވަރުބަލިނުވާނެ ދުވަހެއް އަންނާނެ ހެއްޔެވެ؟ އެއްވެސް ކަމެއް ނުވާ މީހަކުވެސް ރޯދައަށް ހުންނަނަމަ ވަރުބަލިކަން އިޙްޞާޞްކުރަންޖެހޭނެއެވެ. ރޯދަ ހިފުމުން އެހައިގިނަ ޘަވާބު ދެއްވަވާ އެއްސަބަބަކީވެސް ވަރުބަލިކަން އިޙްޞާޞްކުރަންޖެހޭ ކަމެވެ. ރޯދަ ހިފާ މީހުން ރޯދަހިފަނީ ލިބޭ ވަރުބަލިކަމަށް ނުބަލައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަން ކަމަށްވާތީކަމެވެ.
ހިތާމައާއެކުގައިވެސް ބުނަން ޖެހެނީ ސުންނަތް ރޯދަހިފާ މީހުން މަދުކަމަށާއި އަންނަނީވެސް މަދުވަމުން ކަމަށެވެ. އެހެންކަމުން މިއީ ހަމަ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހިފައިވާ ކަމެކެވެ.
ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރާނެ އެއްބައަކީ ސުންނަތް ރޯދަ ހިފުން އެއީ ބުރަކަމަކަށް ހަދައި ރޯދަ ނުހިފި މީހުންނެވެ. އެހެނީ ﷲ ތަޢާލާ ގޮވާލައްވަވާނެތެވެ! "ތިމަން ﷲ ގެ އަޅުތަކުންގެ ތެރެއިން ރޯދަވެރިން ކޮބައިހެއްޔެވެ؟" އެއީ ސުވަރުގޭގެ ދޮރުކޮޅުތަކުގެ ތެރެއިން ރޯދަވެރިންނަށް އެކަނި ވަދެވޭނެ "އައްރައްޔާން" އެވެ ކިޔުނު ދޮރުކޮޅުން އެމީހުން ސުވަރުގެ ވެއްދެވުމަށްޓަކައެވެ.
"އައްރައްޔާން" މިބަސް އައިސްފައިވަނީ "އައްރައީ" މިނަމުންނެވެ. މިބަހުގެ މާނައަކީ ކަރުހިއްކުން ފިލަންދެން ފެންބުއިމެވެ. ކޮންފަދަ ރީތި ނަންފުޅެއް ހެއްޔެވެ؟ ކޮންފަދަ މަތިވެރި ކަމެއް އެކުލެވިގެންވާ ނަންފުޅެއް ހެއްޔެވެ؟
މިފަދަ ބޮޑު މަތިވެރިކަމެއް ރޯދަވެރިންނަށް ﷲ ތަޢާލާ ދެއްވަވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމުގެ ދަހިވެތިކަމުގައި ނުކައި ނުބޮއެ ކެތްތެރިވީތީއެވެ. ރޯދައިގެ ޘަވާބު އެހައި ގިނަވެގެންދަނީ ވެސް އެސަބަބަށްޓަކައެވެ.
ސުންނަތް ރޯދަހިފަންވީ އެމީހަކު ހިތަށް އެރުމަކުން ނޫނެވެ. ޤަވާއިދުކޮށެވެ. އައްރައްޔާން ދޮރުކޮޅުން ވައްދަވާނީ ސުންނަތް ރޯދަވެސް ހިފުމަށް ފަރުވާތެރިވުމުންނެވެ. ވީމާ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހުވެސް ރޯދަ ހިފާށެވެ. މަހުގެ 13، 14، 15 3 ދުވަހުވެސް ރޯދަހިފާށެވެ! ޤަވާއިދުކޮށް ރޯދަހިފާށެވެ.
މީސްތަކުންނޭވެ! ހިފެން އޮވެ އެންމެ ސުންނަތް ރޯދައެއްވެސް ނުހިފާ ދޫކޮށްނުލާށެވެ! ފަރުޟު ރޯދައަކީ ވާޖިބެކެވެ. ތިމާގެ ހިތުގައި ﷲ ތަޢާލާގެ ޙަޟްރަތަށް އޮތް ލޯބި އަންގައިދޭނީ ސުންނަތް އަޅުކަންކުރުމުންނެވެ.
--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން