ހަރުކަށި ހިތެއްގެ ވެރިއަކު ޙަޔާތަށް ގެންނަން ހެޔޮނުވާނެ! ބައިވެރިއަކަށް އެފަދަ މީހަކު ނުދެއްވެވުން އެދި ދުޢާކުރަންވެސްވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ހަރުކަށި ހިތެއްގެ ވެރިއަކު ޙަޔާތަށް ގެންނަން ހެޔޮނުވާނެ! ބައިވެރިއަކަށް އެފަދަ މީހަކު ނުދެއްވެވުން އެދި ދުޢާކުރަންވެސްވާނެ!

ޙަޔާތުގެ ބައިވެރިއަކަށް ހިތް ހަރުކަށި މީހަކު ލިބޭކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. އަންހެނަކުނަމަވެސް އަދި ފިރިހެނަކުނަމަވެސްމެއެވެ. ސަބަބަކީ އެފަދަ ކުރަން ބޭނުންވުމުން ނުކުރާނީ ކޮންކަމެއްކަން ނުވަތަ ނުދޭނީ ކޮން ގެއްލުމެއްކަން ވިސްނަންވެސް ނުއެނގޭނެތީއެވެ. އެފަދަ މީހުންގެ ހިތުގައި އަނެކާގެ މައްޗަށް އެއްވެސް ރަޙުމެއް ކުލުނެއް ނުއޮންނާނެތީއެވެ. 

ވީމާ ތިމާގެ ޙަޔާތަށް ބައިވެރިއަކު ދެއްވެވުން އެދި ދުޢާކުރާއިރު ސަމާލުކަން ދޭންޖެހޭނެ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ފާހަގަކުރަންޖެހޭ އެއްކަމަކީ ހަރުކަށި ހިތެއްގެ ވެރިއަކު ބައިވެރިއަކު ކަމުގައި ނުދެއްވެވުން އެދި ދުޢާކުރުމެވެ. 

ވިސްނާށެވެ! ރުޅިއައުމުން ގައަށް ބަޑިޖަހާ މީހުންގެ ކިބައިން ލިބޭ އަނިޔާއަށްވުރެ އެފަދަ މީހުންގެ ކިބައިން ލިބޭނެ އަނިޔާ މާބޮޑެވެ. ބަޑިޖަހައިފިނަމަ އެހިސާބުން އެކަން އެނިމުނީއެވެ. އެއްގޮތަކީ ފަރުވާ ކުރުމުން ޝިފާ ލިބުމެވެ. ދެވަނަ ގޮތަކީ މަރުވުމެވެ. މަރުވެއްޖެ ނަމަ އެމީހަކު ވާނީ ﷲ ތަޢާލާގެ ހެޔޮ ރަޙްމަތުގައެވެ. 

ބައިވެރިއަކަށް ހތް ހަރުކަށި މީހަކު އިޚްތިޔާރުކުރެވިއްޖެނަމަ އެމީހުންގެ ކިބައިން ލިބޭ އަނިޔާގަ ހޭދަކުރަންޖެހޭނެ މުއްދަތެއް ނުވެސް އެނގޭނެއެވެ! ބައެއް ފަހަރު މުޅި ޢުމުރަށްވެސް އަނިޔާ ލިބެއެވެ. ހިތްހަމަޖެހިލައިގެން އުފާވެރިކަމުގައި ހުރުމުގެ ފުރުޞަތު ގެއްލިގެންދެއެވެ. 

އެމީހާއަކީ ކިތަންމެ އާދައިގެ ފެންވަރުގެ މީހެއް ނަމަވެސް އެމީހާއަކީ އޯގާތެރި ހިތެއްގެ ވެރިއަކަށް ވެއްޖެނަމަ ލިބޭނެ ހިތްހަމަޖެހުން މާބޮޑުވާކަން އެއީ އަބަދުވެސް ތަޖުރިބާއިން އެނގެމުން އަންނަކަމެކެވެ. ވީމާ މުހިންމީ ބައިވެރިޔާގެ މަޤާމާއި ދަރަޖައެއް ނޫނެވެ. އަދި އޭނާގެ ތަނަވަސްކަމެއްވެސް ނޫނެވެ. އޭނާގެ ހިތެވެ. 

އޯގާތެރި ހިތެއްގެ ވެރިއަކު ބައިވެރިޔާއަށް އަނިޔާވެރިއެއް ނުވާނެއެވެ. ބޭވަފާތެރިއެއްވެސް ނުވާނެއެވެ. ރަޙުމްކުރާނެއެވެ. އަޅައިލާނެއެވެ. ލޯބިދޭނެއެވެ. އެކަންކަން ލިބޭނަމަ ބައިވެރިޔާ އަބަދުވެސް ހުންނާނީ އުފަލުންނެވެ. 

ވީމާ ޙަޔާތަށް ބައިވެރިއަކު އިޚްތިޔާރުކުރުމުގައި މިކަންކަމަށް ވަރަށް ބޮޑަށް ބަލަންޖެހޭނެއެވެ. ދިރިއުޅުމުގެ ކާމިޔާބީ ގުޅިފައިވަނީ މިކަންކަމާއިއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން