ބައެއް ފިރިހެނުން އެމީހުން ޝައުޤުވެރިވާ ފަދަ އަންހެނަކު ފެނިއްޖެ ނަމަ ޢުމުރަކަށް ނުބަލައެވެ. އޭނާގެ ޙަޤީޤީ ބޭނުމަކަށް ނުވެސް ވިސްނައެވެ. އެއަންހެނަކާއި ގުޅެނީއެވެ. ފަހުން ނުކުމެދާނެ ނަތީޖާއަކާއިމެދު ނުވެސް ވިސްނައެވެ.
ފިރިހެނުންނަށް މިބަސްބުނިނަމަވެސް ހަމަ މިގޮތަށް ކަންކަންކުރާ އަންހެނުންވެސް ތިބެއެވެ. އެމީހުންނަށްވެސް ކަންކަން މެދުވެރިވަނީ ހަމަ ފިރިހެނުން ފަދައިންނެވެ. އަދި އެފަދަ އަންހެނުންނަށް ކުރިމަތިވާ މާބޮޑު ނުރައްކަލެއްވެސް އޮވެއެވެ. މިހެން ބުނަންޖެހެނީ ހަގު ފިރިމީހާ ނުވަތަ ހަގު ލޯބިވެރިޔާ ހިފަހައްޓަން އުޅެންހަދައިގެން އަމިއްލަ އަންހެންދަރިންގެ ޢިއްފަތްތެރިކަން ގެއްލޭ މައްސަލަތައްވެސް ކުރިމަތިވާތީއެވެ.
ނަމަވެސް ގިނައީ ފިރިހެނުން ވީމާ ފިރިހެނުންގެ ވާހަކައިން ފެށީއެވެ.
މިޘާލަކަށް ބުނާނަމަ ތަނަވަސްކަން ހުރި ފިރިހެނެކެވެ. އެކަނިހުރި ފިރިހެނެކެވެ. އޭނާ އާއި ކައިވެނިކުރަން އޭނާގެ ޢުމުރުގެ އެތައް ބައިވަރު އަންހެނުން އެބަތިއްބެވެ. ނަމަވެސް އިޚްތިޔާރުކުރަނީ އޭނާއަށްވުރެ ޢުމުރުން އެތައް އަހަރެއް ހަގު އަންހެނެކެވެ. ސަމާލުކަން ދެނީ އޭނާގެ ސިފައަށާއި ޒުވާންކަމަށެވެ.
ކައިވެންޏަށްފަހު، ނުވަތަ ލޯބިވެގެން ދުވަސްކޮޅަކު އުޅުމަށްފަހު އޭނާގެ ބޭނުންތައް ޙާޞީލްކުރެވުމުން އޭނާ ވަކިވެގެންދަނީއެވެ. އެއީ ޢަމަލުކުރަން ރަނގަޅު ގޮތް ކަމަށް ބުނަނީއެއް ނޫނެވެ. ނަމަވެސް އެއީ އެކަން ހިނގާނެ ގޮތްކަށް ޤަބޫލުނުކުރެވޭނަމަ އެއީ އެފިރިހެނެއްގެ މައްސަލައެކެވެ. އަންހެން މީހާގެ މައްސަލައެއް ނޫނެވެ.
އިތުރު މިޘާލެއްވެސް ބުނެލާނަމެވެ. ބޮޑު ގޯއްޗެއް އެބައޮތެވެ. އަތުގައި ހުރި ފައިސާއިން އެޅެން އޮތީ ކުޑަކުޑަ ގެއެކެވެ. ނަމަވެސް މާބޮޑު ގެއެއް އަޅަން އުޅެން ހަދައިގެން ގެ ނުއެޅި އޭނާ ބަނގުރޫޓުވުމުން އެކަމާ ކުށްވެރިކުރަންޖެހޭނީ ލިބިފައިވާ ބޮޑު ގޯތި ހެއްޔެވެ؟ ނުވަތަ ގެއަޅަން ކަންކަން ކުރެވުނު ގޮތްހެއްޔެވެ؟
ދިރިއުޅުމުގައި ޤަބޫލުކުރަންޖެހޭނެ ކަންކަމުގެ ތެރޭގައި ކޮންމެ ކަމެއް ކުރިނަމަވެސް އެކަމެއް ކުރަންޖެހޭނީ އެމީހަކާއި އެކަށީގެންވާ ފެންވަރުގައިކަން ޤަބޫލުކުރަން ޖެހޭނެއެވެ. އެކަން ޤަބޫލުނުކުރެވޭނަމަ އެމީހަކަށް އުފާވެރިކަމެއް ނުލިބޭނެއެވެ. ހިތްހަމަޖެހުމެއްވެސް ނުލިބޭނެއެވެ.
ވީމާ ޒަވާޖީ ޙަޔާތަށް ބައިވެރިއަކު ހޯދިނަމަވެސް އެމީހެއްގެ ޢުމުރަށާއި އަދި އެމީހާގެ ކިބައިގައި ހުރި ފެންވަރަށް ބަލަން ޖެހޭނެއެވެ. ނުބަލާނަމަ އެކަމާއި ފަހުން ހިތާމަކުރަން ޖެހުން އޮންނާނީ ދާދި ގާތުގައެވެ.
- އަލަފް / މިއަދުނޫސް