ޤުރްއާނުން އެނގެން އޮތް ގޮތުގައި ދަރިން ލިބުމަށްފަހު ދެމަފިރިންނަށްވެސް އެންމެ މުހިންމުވާންޖެހޭނީ ދަރިންނެވެ. ދެމަފިރިންގެ ކަންތައް އަންނާނީ ދަރިންގެ ފަހަތުންނެވެ. އަދި މަންމަ އެންމެ މުހިންމު ވާނީ ކައިވެނިނުކޮށް ދަރިން އެކަނި ތިބޭއިރުއެވެ.
މީގެމާނައަކީ އެއްވެސް ޙާލެއްގައި ކައިވެނިކުރުމަށްފަހު މައިމީހާ ދެރަނިކަމެތިކޮށްލުމެއް ނޫނެވެ. ކައިވެނިކުރުމުގެ ކުރިން ފަދައިން ކައިވެނިކުރުމަށްފަހުގައިވެސް މައިންގެ ޙައްޤުތައް ހަމައެގޮތުގައި ދެމިއޮންނާނެއެވެ. އެމީހުންނަށް އަޅާލައި ހެޔޮކޮށްހިތަންވާނެއެވެ. އެކަންކަމަށް އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެއެވެ.
ދެން އޮތީ ދެމަފިރިންގެ ޒަވާޖީ ޙަޔާތް ކުރިއަށް ގެންދިއުމެވެ. ބުނަންހެއްޔެވެ؟ ދިރިއުޅުމުގެ ކަންކަން ދެމްފިރިން މަޝްވަރާކޮށްގެން އެއްވިސްނުމެއްގައި ކުރިއަށްގެންދަން މަސައްކަތްކުރާނަމަ ދިރިއުޅުން ދާނީ ކުރިއަރަމުންނެވެ. އުފާވެރިކަން އިތުރުވަމުންނެވެ. އެންމެ މުހިންމު ކަމަކީ ދެމަފިރިން މަޝްވަރާކޮށް އެއް މިސްރާބަކަށް ދަތުރުކުރަން މަސައްކަތްކުރުމެވެ.
ދިރިއުޅެން ކުރާ ދަތުރުގެ ދުވެލި މަޑުވެ، ހުއްޓުންއަރަނީ، އަދި ކުރިއަށްދާން ހުރަސް އެޅޭ އެންމެ ބޮޑު އެއް ސަބަބަކީ ދެމީހުންގެ މިސްރާބު އެއްގޮތް ނުވުމެވެ. ވީމާ އެންމެ މުހިންމުކަމަކީ މަޝްވަރާކޮށް އެކަކު އަނެކަކަށް ދޫދޭންޖެހޭ ކަންކަމުގައި ދޫދީގެން ނަމަވެސް އެއްމިސްރާބަކަށް ދަތުރުކުރަން މަސައްކަތްކުރުމެވެ.
އުޅަނދަތަކަށް ބެލިނަމަވެސް ކައްޕި އާއި މާލިމީގެ މެދުގައި މައްސަލަތައް ހުންނަނަމަ ދަތުރު ފަސޭހައެއް ނުވާނެއެވެ. އަމާނެއްވެސް ނުވާނެއެވެ. ފަރަށް އެރުން އޮންނާނީ ދާދި ގާތުގައެވެ. ދަތުރުގެ ކަންކަމުގައި ކައްޕި އާއި މާލިމީ މަޝްވަރާކޮށްގެން ގޮތް ނިންމަންޖެހެނީވެސް އެހެންވެގެންނެވެ.
ބައެއް ޙާލަތްތަކުގައި ކައްޕިއަކީ އަނބިމީހާކަމަށްވެސް ވެދާނެއެވެ. އެއީ ފިރިމީހާއަށްވުރެ އަނބިމީހާގެ ވިސްނުން ރަނގަޅުނަމައެވެ. ހުޝިޔާރު ނަމައެވެ. އަޞްލު ކައްޕިއަކީ ފިރިމިހާ ނަމަވެސް އެޙާލަތުގައި އަނބިމީހާއަކީ ކައްޕިކަމަށް ޤަބޫލުކުރަންވާނެއެވެ. އެއީ ކައްޕިގެ މަޤާމް ގެއްލޭ، ނުވަތަ ބައެއް އުނިވާނެ ކަމެއް ނޫނެވެ. އެކަމުން ކުރާނީ ފައިދާއެވެ. އެންމެ ފައިދާހުރި ގޮތަކީވެސް އެއީއެވެ.
- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން