އިންސާނުންގެ ތެރޭގައި ދެބާވަތެއްގެ މީހުން އުޅެއެވެ. އެއްބައަކީ އެމީހުން ބޭނުންވާ ގޮތް ރީތިކޮށް ތެދުބަހުން ބުނާ މީހުންނެވެ. އެކަމެއް ކޮށްފިނަމަ އަނެކާއަށް ހިތްދަތިކަން ނުވަތަ ދެރައެއް ލިބޭނެ ކަންކަމުގައިވެސް އަނގަ ބަންދުކޮށްގެން ނުހުރެ ތެދުބަހުން ބުނުމަކީވެސް ރަނގަޅު ސިފައެކެވެ.
އެއްވެސް ޙާލެއްގައި މިބުނަނީ މީހަކަށް ހިތްދަތިކަން ނުވަތަ ދެރައެއް ދިނުމަކީ ކޮށްގެންވާނެ ކަމެއް ކަމަކަށް ނޫނެވެ. މިބުނަނީ ނުބުނެ ސިއްރުކޮށްގެން ހުރެ އަނިޔާ ދިނުމަށްވުރެ ތެދަށް ބުނުން ރަނގަޅުކަމަށެވެ. ވާން އުޅޭ ގޮތް އެނގި ލިބެންއުޅޭ ދެރަ ނުވަތަކަމުން ސަލާމަތްވާން އަނެކާއަށް ފަސޭހަވާނީ އެއިރުންކަމަށްވާތީއެވެ.
އަނެއްބައަކު ޢަމަލުކުރާނެ ގޮތަކީ އަނގައިން ނުބުނެހުރެ ޢަމަލުން ކަންކަން ދެއްކުމެވެ. މިއީ އެންމެ ނުރައްކާތެރި ގޮތެވެ. އެއިރުންވާގޮތަކީ ފިރިމީހާ މޫޑީވަނީ ތިމާއާއި ބެހޭކަމެއްގައި ނޫންކަމަށް ހީކޮށްގެން ހުއްޓައި މޫޑީވަނީ ތިމާދެކެ ކަމަށްވެ ތިމާއަށް ހުރިހާ ދެރަތަކެއް ލިބެނީއެވެ. އެއިރުން ލިބޭ ދެރަ މާބޮޑުވެގެންދެއެވެ.
ރަނގަޅަށް އަޑުއަހާށެވެ! ފިރިމީހާ ތިބާ އާއިއެކު ވަޤުތު ހޭދަކުރަން ބޭނުން ނުވާނަމަ އެއިގެ މާނައަކީ އޭނާ ތިބާ ދެކެން ބޭނުންނުވާކަމެވެ. ތިބާއާއިއެކު ބޭރަށްދާން ބޭނުން ނުވާނަމަ އެއިގެ މާނައަކީ އޭނާގެ އަންތބެއް ހުންނަ ކަމާއި ތިބާއަކީ އޭނާގެ އަނބިމީހާކަން މީހުންނަށް އަންގަން ބޭނުންނުވާކަމެވެ. އަދި ބުނަން ހެއްޔެވެ؟ ޞިއްޙީ ޢުޛުރެއް ނެތި އެއްދާން ނުކުރާނަމަ ނުވަތަ އެއްދާންކުރަން ބަހަނާ ދައްކާނަމަ އެއިގެ މާނައަކީ ތިބާގެ ކިބައިން އެއްވެސް އުފަލެއް އޭނާ ބޭނުން ނުވާކަމެވެ.
ފިރިމީހާ، އަނބިމީހާދެކެ ލޯބިވާނަމަ، އަނބިމީހާ އާއިއެކުގައި ދިރިއުޅެން ބޭނުންވާނަމަ މިބުނި ކަންކަން ކުރަން ޝައުޢުވެރިވާނެއެވެ. އަބަދުވެސް ހުންނާނީ ބޭނުންވެގެންނެވެ. ނުކުރެވޭނަމަ ކަންބޮޑުވެސްވާނެއެވެ. މާފަށްވެސް އެދޭނެއެވެ.
ބުނަން ހެއްޔެވެ؟ އަނބިންނާއިމެދުގައިވެސް މިކަންކަމުގައި އޮތީ ހަމަ މިގޮތެވެ. ނަމަވެސް މިބުނި ޒާތުގެ މައްސަލަތައް ގިނައިން ކުރިމަތިވާނީ ފިރިންގެ ފަރާތުން ކަމަށްވާތީ ފިރިންގެ ކިބައިން ފަށައިގަތީއެވެ.
ދެން ބުނަން ހެއްޔެވެ؟ މިފާހަގަކުރި މައްސަލަތައް މިގޮތަށް ހުރިނަމަ އެންމެ ރަނގަޅު ގޮތަކަށްވާނީ އެކަންކަން ވީހާ އަވަހަކަށް ޙައްލުކުރުމެވެ. ޙައްލުކުރަން ބޭނުން ނުވާނަމަ ދޮގުހަދައިގެން ބައިވެރިޔާ ހިފަހައްޓަން ނުހަދާށެވެ. ތެދުބަހުން ބުނެ ދެމީހުންގެ މެދުގައި މަޝްވަރާކޮށް އެކުގައި ދިރިއުޅުމާއިމެދު އަވަހަށް ގޮތެއް ނިންނާށެވެ.
މައްސަލަ ޙައްލުނުކޮށް ގިނަދުވަސްކުރާނަމަ އެކަންވާނީ އަނެކާއަށް ކުރެވޭ ވަރަށް ބޮޑު އަނިޔާއަކަށެވެ. އަދި އެކަންކުރާ މީހަކަށްވެސް އަމިއްލައަށް ލިބިގަނެވޭ އަނިޔާއަކަށެވެ.
ދިރިއުޅުމާއިމެދު ގިނަ ބައަކު މާޔޫސްވެ އެކަކާއިމެދުގައިވެސް ޔަޤީންކަމެއް ނެތިގެން މިއުޅެނީ ދެމީޙުންގެ މެދުގައި މައްސަލަ ޖެހުމުން ތެދުވެރިނުވެވޭތީއެވެ. ރިވެތި ގޮތުގައި ތެދުބަހުން ބުނެ ވާހަކަދައްކަން ފަސްޖެހެވޭތީއެވެ. އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. މައްސަލައެއް ޖެހިއްޖެނަމަ ރިވެތި ގޮތުގައި މަޝަވަރާކޮށްގެން އަވަހަށް ޙައްލުކުރާށެވެ. ޙައްލުކުރަން ބޭނުން ނުވާނަމަ އަވަހަސް ދެމީހުން ވަކިވާށެވެ.
ލޯބިނުވާއިރުވެސް، އެކުގައި އުޅެން ބޭނުން ނުވާއިރުވެސް ޙަޤީޤަތް އޮޅުވާލައިގެން އަނެކާ ގެންގުޅެން މަސައްކަތްކުރުމަކީ މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާކަމުގައި ނޫނީ ނުވާނެއެވެ. އަދި އެކަން ވާނީ ހެދޭނެ އެންމެ ބޮޑުމަކަރުކަށެވެ. ދޮގުހަދާ މަކަރުވެރިންނަކަށް ރަނގަޅު ދިރިއުޅުމެއް ނުލިބޭނެއެވެ.
- އަލަފް / މިއަދުނޫސް