މިއަދުވެސް ފަށާނީ ސޯޝަލް މީޑިއާއަކީ ދެމަފިރިންގެ ގުޅުން ބަދަހިކުރުމަށް އޮތް ވަސީލަތެއްގެ އިތުރުން ވަރަށް ގިނައިން ޘަވާބު ހޯދެން އޮތް ވަސީލަތެއްކަމަށާއި އަދި އެއީ ދެމަފިރިން ވަކިވެ ގިނަ ޢަދަދަކަށް ޢަޛާބުލިބެންވެސް އޮތް ވަސީލަތެއްކަމަށް ބުނާބަސް ތަކުރާރުކުރަމުންނެވެ. މައްސަލައަކަށްވަނީ ދެމަފިރިން ވަކިވެ ގިނަ ޢަޛާބުލިބެން ބޭނުންކުރެވޭ ކަމެވެ.
ރަނގަޅަށް ވިސްނައިލާށެވެ! ދެމަފިރިން ކަމުގައިވީނަމަވެސް ދެލޯބިވެރިން ކަމުގައިވީނަމަވެސް އެކަކު އަނެކަކަށް މަކަރުހެދުން ނުވަތަ ބޭވަފާތެރިވުން ފެށިގެންދަނީ އެކަހެރި ބައްދަލުވުމަކުންނޭވެ. ސޯޝަލް މީޑިއާގައި ބުނެލެވޭ ބަހަކުންނެވެ. ކޮށްލެވޭ ލައިކަކުންނެވެ.
ދެމަފިރިންގެ ވާހަކަ ބުނެފައި އެކަހެރި ބައްދަލުވުމުގެ ބުނީމާ ސުވާލު އުފެދޭނެ މީހުންނަށް ބުނެލަން އޮތީ މިބުނަނީ ދެމަފިރިން އެކަހެރި ބައްދަލުވުން ބޭއްވުމުން މައްސަލައަކަށްވާ ވާހަކައެއް ނޫނެވެ. ދެމަފިރިންކުރެ މީހަކު ހިލޭ މީހަކާއެކު އެކަހެރި ބައްދަލުވުން ބާއްވާ ވާހަކައެވެ.
މީސްތަކުން މަގުފުރެދުން ޝައިޠޯނާ މިވަނީ މިހައި ބޮޑަށް ލުއިފަސޭހަކޮށްދީފައެވެ. ހިތާމައަކީ އެކަންކަން ގިނަބައަކަށް ބަލައި ނުގަނެވޭކަމެވެ. ވިސްނައިލުމެއް ނެތި ފެންނަހައި އެއްޗަކަށް ކޮމެންޓްކޮށް ލައިކްކުރެވޭކަމެވެ.
ލައިކްކުރަން މިފޮނުވާލަނީ ކުޑަކުޑަ ހިތެކެވެ. އެހިސާބުން އެކަން ވެގެންދަނީ އަމިއްލަ ހިތް ހަދިޔާކުރުން ފަދަ ކަމަކަށެވެ. އެހިސާބުން އޭނާ ބުނާ ދެތިން ބަހަކުން އަމިއްލަ ހިތް އޮންނަނީ އޭނާއަށް ދެވިފައެވެ. އެހިތުގެ ކޮންޓްރޯލް އެމީހަކާއި ޙަވާލުކުރެވިފައެވެ.
ވިސްނާށެވެ! މަސްވެރިން ކަނޑަށް ނުކުމެ ދައުއަޅާ އުޞޫލުން ސޯޝަލް މީޑިއާގައި ކަންކަންކުރާ މީހުން މިލިއަނުން އެބައުޅެއެވެ. ބުނެލާނީ ގިނަ ބައަކަށް ވަރުކަމުދާ ބަހެކެވެ. އެބަސްބުނަން އަމިއްލައަށް ނުއެނގޭ މީހުން ސޯޝަލް މީޑިއާގައި އެހެން މީހުން ބުނެފައި ހުންނަ ބަސްތައް ބަދަލުކޮށްލައި އެއީ ތިމާ ބުނި ބަހަކަށް ހަދައިގެންވެސް އެބަ ޕޯސްޓްކުރެއެވެ.
މިވާހަކަކޮޅު ދައްކަން މިޖެހެނީ މިކުރެވެނީ ކިހައި ވަރެއްގެ ބޮޑުކަމެއްކަން ނުއެނގި ތިބެ މިފަދަ މަޅިތަކުގައި ނުވަތަ ދަމައިލެވޭ ދައުތަކުގައި ޖެހި އަމިއްލަ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓައިލެވޭ މީހުން ގިނަވަމުން އަންނާތީއެވެ. ފަހުން އެކަންކަމަށް ހިތާމަކޮށް ކަރުނައަޅަންޖެހޭ މީހުން ގިނަވަމުން އަންނާތީއެވެ.
ނަޞޭޙަތަކީ ރަނގަޅު ބަހެއް ފެނިއްޖެ ނަމަ ކިޔައިލާށެވެ. ޢިބްރަތް ޙާޞިލްކުރާށެވެ. މަޢުލޫމާތު މުއްސަނދިކުރާށެވެ. ނަމަވެސް އެއީ ކާކުކަމާއި އޭނާގެ އަޚްލާޤް ޔަޤީން ނުކުރެވޭ މީހުންގެ ބަސްތަކަށް ކޮމެންޓް ނުކުރާށެވެ!
ޚާއްޞަކޮސް ހިތަށް ދޭ ސަމާލުކަން އިތުރުކުރާށެވެ! ތިމާގެ ހިތް ދޭން ބޭނުންވާ މީހަކަށް ހިތްދިނުމުގެ ޤަޞްދުގައި ނޫނީ ހިތް ނުފޮނުވާށެވެ! ބައިވެރިޔާއަށާއި ލޯބިވެރިޔާއަށާއި ޙަލާލު ލޯތްބަށް ހިތް ބާއްވާށެވެ! ޢާއިލާގެ މީހުން ހިމެނޭނީ ޙަލާލު ލޯބީގައެވެ.
- އަލަފް / މިއަދުނޫސް