ފަހުނޭވާ ޝަހާދަތުގެ މަތީގަ ދޫކުރަން ބޭނުންނަމަ އެކަމަށް ކުރިއާލައި މިމަގުން ތައްޔާރުވާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ފަހުނޭވާ ޝަހާދަތުގެ މަތީގަ ދޫކުރަން ބޭނުންނަމަ އެކަމަށް ކުރިއާލައި މިމަގުން ތައްޔާރުވާންޖެހޭނެ!

މަރުމަތީގައި ކިޔަން އޮތް އެންމެ ހެޔޮ ކަލިމައަކީ ޝަހާދަތުގެ ދެކަލިމައެވެ. ޝަހާދަތެވެ. އެކަން ކުރަން މީހާއަށް މަގުފަހިވެގެންދާނެ އެއް ސަބަބަކީ ދުނިޔޭގައި ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ބޭކާރު ބަސްތައް ނުކިޔައި ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޛިކުރުކުރުމެވެ. އަދި އެއްވެސް ކަމެއް ކުރިމަތިނުވިނަމަވެސް ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޛިކުރުކުރުމެވެ. 

މިޘާލަކަށް މިމަގުން ވިސްނައިލާށެވެ! މަރުވާ ވަޤުތު ވޭން އަޅައެވެ. ގިނަ މީހުން މަރުވާނީ ކޮންމެވެސް ވޭނެއް އެޅުމުގެ ތެރެއިންނެވެ. ވޭނެއް އެޅުމުން ބޭކާރުބަސްތައް ކިޔަން އާދަވެފައި ހުރިނަމަ އެމީހަކަށް މަރުވުމުގެ ވަޤުތުގައި ނުވަތަ މަރުމަތީގައިވެސް ކިޔުން ގާތީ އެމީހަކު ކިޔައި އުޅުނު ބަހެކެވެ. 

ކޮންމެ ކަމަކާއި ގުޅިގެން ނަމަވެސް ގައިގައި ވޭނެއް އެޅުމުން ކޮންމެވެސް ޛިކުރެއް ނުވަތަ ޝަހާދަތް ކިޔަން އާދަވެފައި ތިބޭ މީހުންނަށް އޮޓޮމެޓިކުންވެސް ކިޔޭނީ ޝަހާދަތެވެ. އިން ޝާ ﷲ. އެއީ އޭނާއަށް އެކަންކުރަން އާދަވެފައި ހުރީތީއެވެ. އާދަވެފައި ހުރީތީ ނުވަތަ އަބަދުކިޔާތީ ﷲ ތަޢާލާ އެމީހަކަށް އެފުރުޞަތު ދެއްވަވާނެތެވެ. އިން ޝާ ﷲ 

ޝަހާދަތް ކިޔާއިރު އެއީ ހަމައެކަނި ދުލުން ކިޔައިލާ އާދައިގެ ބަހަކަށް ނުހަދާށެވެ. އެއިގެ މާނަ ހިތަށް ގެންނާށެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ހިތްމައްޗަށް ގެނެސްގެން ކިޔާށެވެ. އަޅާ ވޭނަކާއި ގުޅިގެން ކިޔާނަމަ ކިޔާނަމަ ތިމާއަށް ޝިފާ ދެއްވެވޭނެ ހަމައެކަނި ފަރާތަކީވެސް ﷲ ތަޢާލާކަން ހިތްމައްޗަށް ގެންނަންވާނެއެވެ. 

ޝަހާދަތުގެ ދެކަލިމަތީގައި މަރުވެއްޖެ މީހަކަށް (ޢަޛާބު ޙައްޤުވާ މީހުންނަށް ޢަޛާބު ދެއްވެވުމަށްފަހުގައި) ސުވަރުގެ ވައްދަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެއިގެ އިތުރުން ޤިޔާމަތްވުމުން ކައްވަޅުން އެމީހަކު ތެދުވާނީ އެމީހަކު މަރުވުމުގެކުރިން އެންމެ ފަހުން ކުރި ޢަމަލުގެ މަތީގައެވެ. ވީމާ ޝަހާދަތްކިޔުންމަތީގައި މަރުވެއްޖެ މީހާ ކައްވަޅު ތެދުވާނީވެސް ﷲ ތަޢާލާ އެއްކައުވަންތަކުރަމުންނެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން