މިދައްކަނީ ތިބާގެ މަންމައާއި ބައްޕަގެ ވާހަކަ ކަމަށް ވިސްނައިގެން އަޑުއަހާށެވެ! ވާގޮތް އެނގި އަސަރުކުރާނީ އެއިރުންނެވެ. ވިސްނީމައި މައިންބަފައިންނަށް ހެޔޮކޮށް ހިތާ ދަރިންގެވެސް ހޭލުންތެރިކަން އިތުރުވެ އިތުރަށް ޚިދުމަތްކުރަން ބޭނުންވާނެއެވެ. އިން ޝާ ﷲ
އެދެމަފިރިންގެ 6 ދަރިން އެބަތިއްބެވެ. އުޅެނީ ގެދޫކޮށްލައި އަމިއްލަ ދިރިއުޅުމުގައެވެ. ބައްޕަ ނިޔާވީ ވާގިނެތި އެނދުގައި އޮންނަން ޖެހުމުން މުޅި ހަށިގަނޑު ތަންފާރުވެގެންނެވެ. މަންމައަށްވެސް މިއަދު ވަނީ ހަމަ އެފަދަ ޙާލުޖެހިފައެވެ. ގިނައިން ފެންވަރުވައި ތާހިރުކޮށްދެނީ އަވަށްޓެރިންނެވެ.
މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ބުނެފައިވާ ވާހަކައެކެވެ. މިފަދަ ވާހަކަތައް ވަރަށް ގިނައިން ފޮނުވައެވެ. މިފަދަ މައްސަލަތަކަށް ދަރިން ހޭލުންތެރިކުރުވައިދޭންވެސް އެދެއެވެ.
ތިރީގައި އެވަނީ ކިޔުންތެރިން ބޭނުންވެލައްވާ ފަދަ ހާދިސާއެއްގެ ވާހަކަ ކަމަށް އުންމީދުކުރަމެވެ.
މިމަންމަ އެކިޔައިދެނީ ވަރަށް ޢިބްރަތްތެރިވާހަކައެކެވެ. އޭނާ 3 ފިރިހެން ދަރިން ތިބެމެ އަޅައިލާނެ އެއްވެސް ދަރިއަކު ނުވެގެން މަރުނުވެގެން އުޅެންޖެހުނު ގޮތުގެ ވާހަކައެވެ. އެނިކަމެތިޙާލުގައި އުޅޭތާ އެތައް އަހަރެއްވީފަހުން 3 ދަރިން މާފަށް އެދުނުކަމުގެ ވާހަކައެވެ.
ހަމަ އެއާއިއެކު އެ މަންމަ އެ އެދެނީ ވަރަށް ޢިބްރަތްތެރި ނަޞޭޙަތެކެވެ.
މަންމަ އަދިވެސް ވަރަށް ގިނަ ދުވަހ ދުނިޔޭގައި އިންނާނެ ކަމަށް ބަލައި މަންމަ އާއިމެދު ފަރުވާކުޑަކުރެވުމަކީ ޢާންމުކަމެކެވެ. މުހިންމު ކަމެއް ނެތުމުން ހަފްތާ ބަންދުގައި ދެކެލަން ހުއްޓައި ހަފްތާ ބަންދުގައި އަމިއްލަ މާމުހިންމު ކަންކަން ދިމާވެގެން މަންމަ ޢާއި ބައްދަލުކުރުން ފަސްކޮށްގެން ހުއްޓައި މައިމީހާއަށް ދުނިޔެ ދޫކުރަންޖެހެނީ ވެސް މަދަކުން ނޫނެވެ.
މިކިޔައިދެނީ އެމަންމަ ކިޔައިދީފައިވާ އޭނާގެ ހިތްދަތި އަހަރުތަކުގެ ވާހަކަތަކެވެ. ވިސްނައިގެން އަޑުއަހާށެވެ.
އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އަހަރެންގެ ފިރިމީހާ ނިޔާވީއެވެ. 3 ފިރިހެން ދަރިން ތިއްބެވެ. އަހަރެން އެކުދިން ބަލައި ބޮޑުކުރީ 3 ވަޒީފާ އަދާކޮށްގެންނެވެ. މިއަދު އަހަރެންނަކީ ބަލި މީހެކެވެ. އެކަނި ހިނގައެއް ނުއުޅެވެއެވެ. ކައްކައި ހެދެނީއެއް ނޫނެވެ. އެކަނި ފާޚާނާއެއް ނުކުރެވެއެވެ. އެހީތެރިވާނެ އެކަކުވެސް ނެތެވެ. ނަމަވެސް އަމިއްލައަށް މަރެއް ނުވެވޭނެއެވެ. އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ﷲ އަހަރެންގެ ފުރާނަ ގެންދަވާނެ ދުވަހަކަށް އިންތިޒާރުކުރަނީއެވެ. ހިތާމައަކީ އެދުވަހަށް އިންތިޒާރުކުރަނީ އަހަރެން އެކަނި ނޫން ކަމެވެ. 3 ދަރިންވެސް އެދުވަހަށް އިންތިޒާރުކުރާ ކަމެވެ.
ކައިވެނީގެ ކުރިން 3 ދަރިންވެސް ވަރަށް ރަނގަޅެވެ. ހުރިހާ ކަމެއް ބަދަލުވެގެން ދިއައީ އެމީހުންނަށް ކައިވެނި ކުރެވުނު އަނބިންގެ ގޮތުންނެވެ. ގައަށް ޙާޖަތް ކުރެވޭވަރަށް ދިއުމުން ފާޚާނާއަށް ގެންގޮސް ދޭން ބުނެފިނަމަ ފާޚާނާ ކުރީ ދެންމެ ކަމަށް ބުނެއެވެ. ކަރު ހިއްކާވަރުން ކެތް ނުކުރެވިގެން ބޯނެފެން ފޮދަކަށް އެދިއްޖެ ނަމަ މިހިރީ ފޯނެއްގައި ކަމަށްބުނެއެވެ.
އެގޮތަށް ވެސް އަހަރެން ނުބަލަން ވެގެން 3 ކުދިންވެސް ގެއިން ނުކުމެގެން ދިއައީއެވެ. މުސްކުޅިން ބަލަހައްޓާ ތަނަކަށް ގެންގޮސްދިނުމަށް ވެސް އެދުނީމެވެ. ބުނީ އެއީ މާޚަރަދު ބޮޑު ކަމެއް ކަމަށެވެ.
3 ކުދިން ބަހައިގެން ދުވާލަކު ގެއަކަށް ގެންގޮސް އަހަރެން ބަލަން ފެށިއެވެ. ނަމަވެސް އެކަމުގައިވެސް މައްސަލަތައް ޖެހެން ފެށިއެވެ. ހަވާލުވާން ޖެހޭ ދުވަހު ބަހަނާ ދައްކަން ފެށިއެވެ. ނަމަވެސް އަހަރެންނަށް ބުނެވޭނެ އެއްވެސް އެއްޗެއް ނެތެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތުމުން ހަމަ އަނގައިންވެސް ނުބުނެ އިނީއެވެ.
މިހާލުގައި އުޅެން ޖެހުން ވެގެންދިއައީ އަހަރެންގެ ޙާލަތު މުޅިން ބަދަލުކޮށްލައިދިން ކަމަކަށެވެ. އެއްދުވަހަކު އެދުވަހު ބަލަން ޖެހޭ ދަރިފުޅުގެ ގެއަށް ގެންދިއުމުން ދޮރެއް ނުހުޅުވިއެވެ. އެންމެފަހުން އަހަރެން ގޮވައިގެންދިއަ ދަރިފުޅު ދިއައީ ގޭގެ ދޮރުކައިރީގައި އަހަރެން ބައިންދައިފައެވެ.
އެހެން އިންދައި އައި މީހަކު އަހަރެންނަށް ފުލުހުންގެ އެހީތެރިކަން ހޯދައިދޭން ބޭނުންވިއެވެ. ނަމަވެސް އަހަރެން ބުނީ ކަމެއް ކޮށްދޭނަމަ އަހަރެންގެ ގެއަށް ގެންގޮސް ދިނުމަށެވެ. އޭނާ އަހަރެން ގެއަށް ގެނެސްދިނެވެ. އަދި އެނދުގައި ބާއްވައިވެސް ދިނެވެ.
ހުރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލުކޮށްލައިގެން އެނދުގައި އޮތީއެވެ. ފުރާނަ ގެންދަވާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ހަވީރުވީފަހުން ފެނުނީ 3 ދަރިން އެކުގައި އައިސް ކޮޓަރިއަށް ވަންތަނެވެ. އަދި އެ 3 ކުދިންނަކީ ވަރަށް ބޮޑު 3 މޮޔައިން ކަމަށް ބުނެ އަހަރެންގެ ކިބައިން މާފަށް އެދުނެވެ. 3 ދަރިންނަށް މައިމީހާގެ އަގު ވަޒަން ކުރެވުނީ އެމީހުންނަށް އަހަރެން ގެއްލުމުންނެވެ. އެކުދިން ހީކުރީ ކޮންމެވެސް މީހަކު އަހަރެން ގޮތް ނުއެނގޭ ކޮންމެވެސް ތަނަކަށް ގެންދިއައީ ކަމަށެވެ. އަދި ގުނަވަންތައް ވަގަށް ނަގާ ބައަކަށް ވިއްކައިލީ ކަމަށްވެސް ޝައްކުކުރެވުނެވެ.
ކޮންމެއަކަސް 3 ދަރިން މާފަށް އެދުމުން އަހަރެން މާފުކުރީމެވެ. އަދި މަރުވުމުގެ ކުރިން 3 ދަރިންގެ ލޯބި ލިބުނީތީ ﷲ ތަޢާލާއަށް ޙަމްދުކޮށް ޝުކުރުކުރީމެވެ!
ވަރަށް ހިތް ދަތި ޙާލުގައި ވޭނުން ފުރިފައިވާ 10 ވަރަކަށް އަހަރު ހޭދަކުރަން ޖެހުނު މައެއްގެ ހައިޞިއްޔަތުން ދުނިޔޭގައި ތިބި ހުރިހާ ދަރިންނަށްވެސް ވަރަށް ބޮޑު އިލްތިމާސެއް ކުރަން ބޭނުންވެއެވެ. އެއީ މަންމަ މަރުވުމުން ދެރަވެ ރުއިމުގެ އެއްވެސް ބޭނުމެއް ނެތެވެ. ދެރަވާންވީ މަރުވުމުގެ ކުރިންނެވެ. އެހީތެރިވާންވީ ދުނިޔޭގައި އިންދައެވެ. ދުނިޔޭގައި އެހީތެރިނުވެ ދަރިންގެ ޒިންމާ އަދާކުރެވުނު ކަމަކަށް ނުވާނެއެވެ. މައިމިހާއަށްވެސް މާފުކުރެވޭނީ ދުނިޔޭގައެވެ. އާޚީރަތް ދުވަހަކީ އެއްވެސް މީހަކު އެއްވެސް މީހަކަށް މާފުކުރާނެ ދުވަހެއް ނޫނެވެ! ބަދަލު ހޯދާނެ ދުވަހެވެ!
މިވާހަކަ މަހާސިންތާގެ ބައިވެރިންނާއި މިޙިއްޞާކުރީ މިއީ މިމަހާސިންތާގެ ކޮންމެ ބައިވެރިއަކުވެސް ވިސްނައިލުން ވަރަށް މުހިންމު ވަރަށް ވާހަކަތަކަކަށްވާތީއެވެ. ދަރިން ދެކެ އެންމެ ލޯބިވާނީ މައިންނެވެ. ދުނިޔޭގައި ހުރިހާ ދުވަހަކު މައިންނަށްޓަކައި އަމިއްލަ ފުރާނައިންވެސް ޤުރްބާންވާން ޖެހިލުމެއް ނުވާނެއެވެ. ނަމަވެސް މަރުވުމުން އެކަން އެ ނިމުނީއެވެ.
އާޚިރަތް ދުވަހު މައިންވެސް މާފެއް ނުކުރާނެއެވެ. އަދި ދަރިންވެސް މާފެއް ނުކުރާނެއެވެ. ކޮންމެ މީހަކުވެސް މަސައްކަތްކުރާނީ އެންމެ ޘަވާބެއް ނަމަވެސް ލިބިގަންނާށެވެ. އެދުވަހަކީ މައިން ފެނުމުން ދަރިން ފިލާނެ ދުވަހެވެ. ދަރިން ފެނުމުން މައިންވެސް ފިލާނެ ދުވަހެވެ. ކޮންމެ މީހަކުވެސް ހުންނާނީ އެމީހަކަށް ނިޔާކަނޑައެޅިގެންދާނެ ގޮތަކާއިމެދު ބިރުން ވިރިވިރިއެވެ.
- ޕްރޮފެސަރ ޔޫސުފްގެ ވާހަކަފުޅަކުން