ﷲ ތަޢާލާ، އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަ ދުނިޔެއަށް ފޮނުއްވެވީ އެންމެހައި ރިވެތި ސިފަފުޅުތަކާއިއެކުގައެވެ. އިތުރު އެކަލޭގެފާނާއި އެ ޢަދާވާތްތެރިކަން އެންމެ ބޮޑުކޮށްގެން އުޅުނު ޔަހޫދީންގެ ބޮޑުންނަށްވެސް އިތުރުއެކަލޭގެފާނާއި ބައްދަލުވެ އިތުރު އެކަލޭގެފާނުގެ ސިފަފުޅު ފެނުމުން އެއީ އިތުރުފުޅު ހައްދަވާނޭ ބޭކަލަކު ނޫންކަން ޔަޤީންވެ ވަޤުތުން އިސްލާމްވެފައިވެސް އެބަހުއްޓެވެ. ހަމައެފަދައިން އަނެއް ބައަކަށް އެކަން އެނގިތިބެމެ އިތުރުއެކަލޭގެފާނުގެ ބަސްފުޅުތައް ދޮގުކުރީއެވެ.
ވީމާ މީހަކަށް ހެޔޮ ނަޞޭޙަތެއް ދިނުމުން ޤަބޫލުނުކުރި ނަމަވެސް އެމީހަކު ދެކެ ރުޅި އައިސް ނަފްރަތު ނުކުރާށެވެ! ހެޔޮ ނަޞޭޙަތް ޤަބޫލުކުރެވޭނީ އެމީހެއްގެ ހިތް ޠޯހިރުނަމައެވެ. ހިތް ޠޯހިރުކުރުމަކީ ތެދުމަގު ލިބިގަތުމަށާއި ތެދުމަގުގައި ޘާބިތުވެހުރުމަށް ކުރަންޖެހޭ ކަމެކެވެ.
ﷲ ތަޢާލާ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމައަށް ވަޙީކުރެއްވެވީ ރިވެތި ޚުލްޤްފުޅުގެ މަތީގައި މީސްތަކުންނަށް ދީނަށް ގޮވައިލެއްވެވުމަށެވެ. އެމީހުން އީމާން ނުވިނަމަވެސް ކަންބޮޑުވެވަޑައި ނުގަތުމަށެވެ. އަދި އެއްވެސް މީހަކަށް ތެދުމަގު ދެއްކެވުމުގެ ބާރުފުޅު އިތުރު އެކަލޭގެފާނަށް ލިބިވަޑައިގެން ނުވާކަމަށެވެ.
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބޮޑުބޭބޭފުޅު އަވަހާރަވި ވަޤުތު އަރިއަހުގައި ހުންނަވައިގެން ﷲ ތަޢާލާ އެއްކައުވަންތަ ކުރައްވަވައި ޝަހާދަތް ވިދާޅުވުމަށް ބާރުއެޅުއްވެވި މިންވަރު ހިތްމައްޗަށް ގެންނާށެވެ. ނަމަވެސް ބޮޑުބޭބޭފުޅު ބޭނުންފުޅުވެވަޑައިގަތީ ކާބަފައިންގެ ދީންމަތީގައި އަވަހާރަވުމަށެވެ. އެހެންވެ ޝަހާދަތް ވިދާޅުނުވެވުނީއެވެ. އެކަމުން އެނގެނީ ތެދުމަގު ލިބިގަނެވޭނީ އެމީހަކު އެކަމަށް ބޭނުންވުމުން ކަމެވެ.
މިބޔާންކުރި ވަޙީބަސްފުޅުންވެސް އެނގިގެންދަނީ އޮތީ ހެޔޮ ނަޞޭޙަތް ދިނުން ކަމަށާއި ނަޞޭޙަތް ދިނުމުން ޤަބޫލުނުކުރިނަމަވެސް އެމީހަކު ދެކެ ރުޅި އައުމުގެ ބޭނުމެއް ނެތް ކަމެވެ. އެކަން އޮތީ ﷲ ތަޢާލާއަށް ވަކީލްކުރުން ކަމެވެ. އެހެނަސް ނަޞޭޙަތް ޤަބޫލުނުކުރާނަމަ އެމީހަކާއި ދުރުހެލިވާންޖެހޭނެއެވެ! އެއީ އެފަދަ މީހަކާއިއެކު އުޅުމުން ތިމާވެސް މަގުފުރެދިގެން ހިނގައިދާނެ ކަމަށްޓަކައެވެ. އެގޮތުން އެމީހަކާއި ދުރުހެލިވި ނަމަވެސް އެމީހަކަށްޓަކައި ހެޔޮދުޢާކުރަންވާނެއެވެ.
އެހެނެއް ނޫނެވެ. އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންނަކީ ހެޔޮމަގުން ޢަމަލުކުރާ ބައަކުކަން ޔަޤީންކުރަންޖެހޭނެއެވެ. އެއީ އެމީހެއްގެ މައްޗަށް ﷲ ތަޢާލާ ވާޖިބުކުރައްވަވާފައިވާ ކަމެކެވެ. އެޒިންމާ އަދާކުރަން މަސައްކަތްކުރަންޖެހޭނެއެވެ. ވީމާ އެމީހުން ނަމާދުކުރާކަމާއި ހެޔޮ ޢަމަލުތައް ކުރާކަން ޔަޤީންކުރަންވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން