ނިކަން ބުނެބަލަ!: ތިއަ އުޅެނީ ތިބާގެ ފުރާނަ މިވަޤުތު ހިއްޕަވައިފިނަމަ މަރުވާނީ ﷲ ތަޢާލާގެ ރުހިވޮޑުގަތުން ލިބުން ޙައްޤު އަޅެއްގެ ގޮތުގައިކަމަށް އުންމީދުވެސް ކުރެވެން އޮތް ގޮތަށްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ނިކަން ބުނެބަލަ!: ތިއަ އުޅެނީ ތިބާގެ ފުރާނަ މިވަޤުތު ހިއްޕަވައިފިނަމަ މަރުވާނީ ﷲ ތަޢާލާގެ ރުހިވޮޑުގަތުން ލިބުން ޙައްޤު އަޅެއްގެ ގޮތުގައިކަމަށް އުންމީދުވެސް ކުރެވެން އޮތް ގޮތަށްތަ؟

އަހުރެމެންނަށް ނުވިސްނިގެން މިއުޅެނީވެސް، ނުއެނގިގެން މިއުޅެނީވެސް ހަމަ އެންމެ ކަމެކެވެ. އެއީ މިވަޤުތު ތިމާ މަރުވެއްޖެނަމަ ދެންވާނެ ގޮތެކެވެ. ނަރަކައިން ސަލާމަތްވެވޭނެ ކަމެވެ. އަހުރެން ބުނަން މިއުޅެނީ އެއްވެސް މީހަކަށް އެކަން އެނގޭނެ ކަމަކަށް ނޫނެވެ. ނަމަވެސް ފާހަގަމިކުރަނީ ތިމާއަށް ޢަމަލުކުރެވެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެގޮތަށް ކަމަށް އެންމެ ކުޑަމިނުން އުންމީދުކުރެވެން ތިބި މީހުންގެ ޢަދަދުވެސް މަދުކަމެވެ.  

ވިސްނައިލާށެވެ! ހަމައެކަނި މީހުން މަރުވަނީއެއް ނޫނެވެ. ޠޫފާންތައް އައިސް ބިންގަނޑު ކަނޑައިގެން ދިއުމާއި އެނޫންވެސް ކާރިސާތައް ކުރިމަތިވެ ދުނިޔޭގެ ކަންކޮޅުތަކުން އެއްފަހަރާ ގިނަ ބައަކު ދަނީ މަރުވަމުންނެވެ. ދާދިފަހުންވެސް ފަސްގަނޑު ކަނޑައިގެންގޮސް ބޮޑެތި ސަރަޙައްދުތަކުން އެފްރިކާގައި އެއްފަހަރާ އެތައް ބައަކު ވަޅުލެވިއްޖެއެވެ. އަލިފާނުގެ ބޮޑެތި ކާރިސާތަކުގައި އެތައް ބައަކު ދަނީ މަރުވަމުންނެވެ.  

ސުވާލަކީ އެފަދަ ކަމެއް ކުރިމަތިނުވެ ސަލާމަތުން ތިބެވޭ މީހުންނަށް އެކަންކަން ޢިބްރަތަކަށްވޭހެއްޔެވެ؟ ނުވާނަމަ ނުވަނީ ކީއްވެގެން ހެއްޔެވެ؟ ޢިބްރަތަކަށްވާނީ ތިމާއަށް އެފަދަ ކަމެއް ކުރިމަތިވުމުން ހެއްޔެވެ؟ ބުނަންހެއްޔެވެ؟ އެއިރު އޮންނާނީ ވަޤުތު ފާއިތުވެފައެވެ. ފުރުޞަތު ގެއްލިފައެވެ.  

މީސްތަކުންނޭވެ! ﷲ ތަޢާލާ މިފަދަ ކަންކަން މީސްތަކުންނަށް ދައްކަވަނީ އެކަންކަމުން ޢިބްރަތް ޙާޞިލުކުރުމަށެވެ. ފަހުޒަމާން ގާތްވަމުން އަންނަ ވަރަކަށް ކުއްލި މަރުތައް ގިނަވުމާއި ބިންހެލުންތައް ގިނަވުމާއި އަދި އެނޫންވެސް ކާރިސާތައް ގިނަވުން އެއީ ދެއްވަވާ އިންޒާރުތަކެވެ. ހަމައެކަނި މިއަހަރު އެކި ޤައުމުތަކަށް ކުރިމަތިވި ބޮޑެތި ކާރިސާތަކުގައި މަރުވެދިއަ މީހުންގެ ޢދަދުންވެސް ޢިބްރަތް ޙާޞިލްނުކުރެވެނީ ހެއްޔެވެ؟  

މީސްތަކުންނޭވެ! ބުއްދީގެ ބޭނުންކުރާށެވެ! ކޮންމެ ވަޤުތަކުވެސް މަރު އައިސް ބައްދަލުކޮށްފާނެ ކަމަށް ވިސްނައި މަރަށް ތައްޔާރުވެގެން ހުންނަ މީހަކަށްވާށެވެ! އެހެން ނޫންނަމަ އެމީހަކު ވާނީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ބުއްދީގެ ބޭނުން ނުހިފި މީހަކަށެވެ.

 

- މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން