ފާޚާނާ ކިތަންމެ ރީއްޗަސް ކިތަންމެ އަލިގަދަކުރިޔަސް އެއީ ޖިންނި ޝައިޠޯނުންގެ ޖަގަހަ- މިމަގުން ރައްކާތެރިވާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 55ސ
ފާޚާނާ ކިތަންމެ ރީއްޗަސް ކިތަންމެ އަލިގަދަކުރިޔަސް އެއީ ޖިންނި ޝައިޠޯނުންގެ ޖަގަހަ- މިމަގުން ރައްކާތެރިވާންޖެހޭނެ!

އަހުރެން ފާޚާނާއަށް ވަންތަނުން ފެނުނީ ބިތުގައި އިން ހޯނެކެވެ. މަރާލަން ފައިވާން ނަގަން ގުދުވިތަނުން ފުންމާލައި ނިވާނީ ތަޅުމުގައި ހުރި ކުޑަ ބާލިދީއަކާއިއެވެ. ދެން ހޯދަހޯދައިވެސް ނުފެނުނެވެ. ފިލަން ވަންނާނެ ތަނެއް ފާޚާނާއަކު ނުހުންނާނެއެވެ.  

މިއީ ދިމާވާ ކަމެކެވެ. ޢިލމްވެރިން ވިދާޅުވާ ގޮތުގައި ޖިންނިއަށް ބަލަން ހުއްޓައި ސިފަބަދަލެއް ނުކުރެވޭނެއެވެ. ސިފަ ބަދަލުކުރެވޭނީ ތަނަކާ ނިވާވެފައެވެ. ވަލުތެރެ ފަދަ ތަންތަނުން ފެންނަ އެއްޗެތިވެސް ގެއްލޭނީ ރުކަކާނަމަވެސް ނިވާވެފައެވެ.  

މިގޮތަށް ފެންނާނީ މަދުފަހަރަކުއެވެ. އެއިގެ މާނައަކީ އެއެއްޗެތި ފާޚާނާގައި ނުއުޅުމެއް ނޫނެވެ. އުޅޭނެއެވެ. ވީމާ އަހުރެމެންނަށް އޮތީ ވަދެނުކުމެހަދާއިރު ދުޢާކޮށް ރައްކައުތެރިކަން ލިބިގަތުމެވެ. ޢަމަލުކުރަންވީގޮތް ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

ބޮކީގެ އަލި ކިތަންމެ ގަދަކުރިޔަސް ކިތަންމެ ރީތި، އަގުބޮޑުތަށިމުށި ޖެހިޔަސް އެއެއްޗެތީގެ ކިބައަކުން ސަލާމަތެއް ނުވެވެއެވެ. ސަލާމަތްވެވެން އޮތީ ސުންނަތަށް ޢަމަލުކޮށްގެންނެވެ.  

ފާޚާނާތަކުގައި ބަނޑަހަ ޖަހައިގެން ތިބޭ ޖންނި ޝައިޠޯނުންނަތައް އަހަރެމެންގެ ލޮލަށް ފެންނަ ނަމަ ބިރުން ވިރޭނެއެވެ. ފާޚާނާ ހުރީ ކޮޓަރީގައި ކަމަށްވެފައި ކިތަންމެ ސާފުކޮށް ބަލަހައްޓާ ކިތަންމެ ރީތި ފާޚާނާއެއް ނަމަވެސްމެއެވެ. ކިތަންމެ އަގު ބޮޑު ވަސްމީރު ޖަހައި މީރުވަސް ދުއްވާފައި ހުރިނަމަވެސްމެއެވެ.  

ޝައިޠޯނުންނަކީ އިންސާނުންފަދަ އެއްޗެކެވެ. ރީތި މީހުން ފެނުމުން އަޅައިގަނެއެވެ. ވީމާ އަޢުރަ ފެނުމުން ދެންވާނެ ގޮތް ހިތްމައްޗަށް ގެންނާށެވެ!  

ކޮންމެ މީހަކުވެސް އެންމެ ބޮޑށް ކަންބޮޑުވާނީ ފާޚާނާގައި ހުންނައިރު ލޯވަޅަކުން ނަމަވެސް މީހަކު ބަލައިފާނެތީއެވެ. އެއީވެސް ހަމަ ކަންޮޑުވާންޖެހޭނެ ކަމެކެވެ. އެއްވެސް މީހަކަށް ތިމާގެ އައުރަ ދައްކައިގެން ނުވާނެއެވެ. އެހެން ފާޚާނާގަ ހުންނައިރު މީހަކު ބަލައިފާނެތީ އެކަން ނުކުރެވޭނެ ގޮތް އެންމެންވެސް ހަދައެވެ. އަމިއްލަ ކޮޓަރީގައި ހުންނަ ފާޚާނާއަކަށް ވަން ނަމަވެސް އެހެން މީހަކަށް ތިމާ ފާޚާނާގައި އުޅޭއިރު ނުފެންނާނެކަން ކަށަވަރުކުރެއެވެ. ދެމަފިރިން ކަމުގައިވީނަމަވެސް ގިނަ މީހުން އެމީހުން ފާޚާނާގައި އުޅޭއިރު އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ފެންނާކަށް ބޭނުމެއް ނުވާނެއެވެ.  

ނަމަވެސް ހިތާމައަކީ އެބައެއްގެ ކިބައިން އަހަރެމެންނަށް ރައްކައުތެރިކަން އެންމެ ބޮޑަށް ބޭނުންވާ ޖިންނީންނާއި ޝައިޠާނުންގެ ކިބައިން ރައްކައުތެރިކަން ނުހޯދޭ ކަމެވެ. ޖިންނީންނާއި ޝައިޠާނުންނަށް ނުފެންނާނެ ގޮތް ނުހަދާ ކަމެވެ. ގޭތެރޭގައި އުޅޭ ޖިންނީންނާއި ޝައިޠާނުން ޢާންމުގޮތެއްގައި ބަނޑަހަ ޖަހައިގެން ތިބޭނީ ފާޚާނާގައި ކަމަށްވާއިރުވެސް މެއެވެ.  

ފާޚާނާއަށް ވަންނަމުން ޛިކުރުކޮށް ދުޢާކުރަން ޖެހެނީ އެ ސަބަބަށްޓަކައެވެ. ފާޚާނާއަށް ވަންނަމުން ކިޔަން ބަޔާންވެގެންވާ ދުޢާ ކިޔުމުން ﷲ ތައާލާ އެމީހަކު ޖިންނީންނާއި ޝައިޠާނުންނަށް ފޮރުއްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ އެއީ ކިޔަން އެހައި އުނދަގޫ ދުޢާއެއްވެސް ނޫނެވެ. ނުހަނު ފަސޭހަ ދުޢާއެކެވެ.  

ފާޚާނާއަށް ވަންނަމުން ކުރާ ދުޢާ: 

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ 

ކުޑަކުދިން ގޮވައިގެން ފާޚާނާއަށް ވަންނަމަވެސް ދުޢާކިޔަންވާނެއެވެ. ކުޑަކުއްޖަކު އެކަނި ވެއްދި ނަމަވެސް ކިޔަންވާނެއެވެ. ކުއްޖާއަށް ދުޢާ ނުކިޔޭނަމަ މައިންބަފައިން ކިޔާނީއެވެ. އަދި އަވަހަށް ވަންނަންޖެހިގެން ނުކިޔައި ވަދެ ހަޑިވާފަހުން ހަނދާނެ ވެއްޖެނަމަ ހިތުން ކިޔާނީއެވެ. ހިތުން ކީ ނަމަވެސް ފުދޭނެއެވެ.  

ފާޚާނާ އިން ނުކުންނަމުން ކުރާ ދުޢާ:

غُفْرَانَكَ 

"ޣުފްރާނަކަ" (މިއަޅާގެ ފާފަ ފުއްސަވައި ދެއްވަވައި ދެއްވާނދޭވެ!) މިދުޢާ ކުރަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ އެއީ އަހަރެމެންނަކީ އަބަދުވެސް ﷲ ތަޢާލާއަށް ޛިކްރުކުރުންމަތީގައި ތިބެން ޖެހޭ ބައަކަށްވެފައި ފާޚާނާގައި ހުންނައިރު ޛިކްރު ނުކުރެވޭތީއެވެ.  

ފާޚާނާއަށް ވަންނައިރު އިސްކުރާނީ ވައަތުފައެވެ. ނުކުންނައިރު އިސްކުރާނީ ކަނަތު ފައެވެ. މިހެން ބުނީމާ ތިއައީ ދެން އެހައި މުހިންމު ކަމެއްތޯ ސުވާލުކޮށްފާނެއެވެ. ރަސޫލް () އެކަމެއް ކުރުމަށް ބަޔާން ކުރެއްވެވުމުން އެއޮތީ މުހިންމުވެފައެވެ. ކަމުގެ ކުޑަބޮޑުމިނަށް ބަލާކަށް ނުޖެހޭނެއެވެ. އެކަމެއް ކުރުމުން ފައިދާ ނުކުރާނެ އެއްވެސް ކަމެއް ކުރުމަކަށް ރަސޫލް ()) ބަޔާން ކުރައްވާފައެއް ނުވާނެއެވެ. އަދި ރަސޫލް ()) ބަޔާންކޮށްދެއްވަވަފައިވާ ކޮންމެ ކަމެއް، އެއީ ކިތަންމެ ކުޑަ ކަމެއް ނަމަވެސް ކުރުމުން ﷲ ތަޢާލާ ސަވާބު ދެއްވަވާނެތެވެ.   

މީސްތަކުންނޭވެ! ފާޚާނާގެ ދޮރުފަތުގެ ދެފަރާތުގައި ދުޢާ ބޮޑުކޮށ ލިޔެ ތަންކުރާށެވެ! އަދި ވަންނަމުން ކިޔަން ހަނދުމަކުރާށެވެ! ނުކިޔާނަމަ، ހަމައެކަނި ތަތްކޮށްފައި ހުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން