ތިމާގެ އީމާނަކަން ފުރިހަމަވާނީ އަނބިދަރިންނަށާ ޢާއިލާއަށް ދޭންޖެހޭ ސަމާލުކަން ފުރިހަމައަށް ދީގެން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ތިމާގެ އީމާނަކަން ފުރިހަމަވާނީ އަނބިދަރިންނަށާ ޢާއިލާއަށް ދޭންޖެހޭ ސަމާލުކަން ފުރިހަމައަށް ދީގެން!: މުފްތީ މެންކް

ބައެއް މީހުން ވަރަށް ގިނައިން އަޅުކަންކުރެއެވެ. މިސްކިތުގައި ގިނަ ވަޤުތުވެސް ހޭދަކުރެއެވެ. ނަމަވެސް ހަމައެއާއިއެކު ތިމާ ދެން އަދާކުރަންޖެހޭ ޒިންމާތަކަށް އިހްމާލެވެއެވެ. އެކަން އެހެން އެވަނީ އަނބިދަރިންނަށާއި ޢާއިލާގެ ކަންކަން ފުރިހަމައަށް ބެލެހެއްޓުމަކީވެސް މަތިވެރި އަޅުކަމެއްކަން ނުވިސްނޭތީއެވެ.  

އެއްވެސް މީހަކަށް އޭނާގެ އަނބިދަރިންނަށާއި ޢާއިލާއަށް އިހްމާލްވެވޭނަމަ ފުރަތަމަވެސް ވިސްނާލަންޖެހޭނީ ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައިވާ ގުޅުމަށެވެ. އެހެނީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވެގެން ހުންނަ މީހަކު އެމީހެއްގެ އަނބިދަރިންނަށާއި އަދި އެމީހަކު ޒިންމާ އުފުލަންޖެހޭ ޢާއިލާގެ މީހުންނަށް އިހްމާލްވާން ބިރުގަންނާނެއެވެ.  

ޚާއްޞަކޮށް އަނބިދަރިންނާއި މައިންބަފައިންގެ ކަންކަން ވީހައި ފުރިހަމައަށް ކޮށްދިނުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އެއަމުރުފުޅަށް ޢަމަލުނުކުރެވޭނަމަ އެއީ މައްސަލައެކެވެ. ﷲ ތަޢާލާއަށް ބިރުވެތި ނުވެވޭކަން ހާމަވާ ކަމެކެވެ.  

ކުރާ އަޅުކަމުގެ ހެޔޮކަން އެމީހަކަށް ލިބެމުންދާނަމަ އެމީހާގެ ކިބައިން އެކަމުގެ އަސަރުތައް ފެންނާނެއެވެ. މައިންބަފައިންނަށާއި އަނބިދަރިންނަށް ހެޔޮކޮށް ހިތުން ބޮޑުވާނެއެވެ. ބޮޑަށް އަޅައިލާނެއެވެ. އަނބިދަރިންނާއިއެކު ގިނަ ވަޤުތު ހޭދަކުރާނެއެވެ. މައިންބަފައިންގެ ޙާލު ބަލާނެއެވެ. 

އަޅުކަން ކުރަމުންވެސް ފާފަކުރާނަމަ އެކަމުގެ ނުރަނގަޅު އަސަރު އެމީހަކަށް ކުރާނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވެވޭ މިންވަރު ކުޑަވެގެންދާނެއެވެ. ދިރިއުޅުމުގެ ހުރިހާ ކަމަކުންވެސް ނުރަނގަޅު އަސަރުތައް ފެންނާނެއެވެ.  

މައްސަލަތަކުގެ ޙައްލުވަނީ ނަމާދުކުރުމުގައެވެ. ނަމާދު ޤާއިމްކުރާށެވެ. ނަމާދުގައި ޚުޝޫޢަތްތެރިވާން މަސައްކަތްކުރާށެވެ. ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނަން ފަށާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން