އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 39ސ
އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ޅ. އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު އޮޅުވެލިފުށީގައި ބާއްވައިފިއެވެ. މި މަޝްރޫޢަކީ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެކެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، އޮޅުވެލިފުށީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި 7534 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 49,857 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރ ބޭސިން ފުންކުރުމާއި، 14,160 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން 164 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ބޭރުތޮށި ލުމާއި، 156 މީޓަރުގެ ބޭރުތެރެއަށް ވެލިތޮއްޓެއް ޖެހުމާއި، 156 މީޓަރުގެ އެތެރެވަރިއަށް ވެލިތޮއްޓެއް ޖެހުން ހިމެނެއެވެ. ބަނދަރުގެ އެއްގަމު ސަރަހައްދުގައި 246 މީޓަރުގެ އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 27 މީޓަރު ދިގު 5 މީޓަރު ފުޅާ އާރްސީ ބްރިޖެއް ހެދުމާއި، 132 މީޓަރު ދިގު 2 މީޓަރު ފުޅާ އާރްސީ ޖެޓީއެއް ހެދުމުގެ މަސައްކަތްވެސް ކުރާނެއެވެ. އަދި 1149 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓެއް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ. ފެރީ ބަނދަރުކުރުމަށްޓަކައި އެކްސަސް ޕްލެޓްފޯމެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢަކީ 66.40 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 450 ދުވަހެވެ. 803 މީހުންގެ އާބާދީއެއް ދިރިއުޅޭ އޮޅުވެލިފުށީގައި އޮތް ބަނދަރުގެ ޖާގައިގެ ދަތިކަން ރަށު ރައްޔިތުން ވަނީ ވަރަށް ބޮޑަށް ތަޙައްމަލުކޮށްފައެވެ. ނަމަވެސް، މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، އުޅަނދުތައް އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ރައްޔިތުންނަށް ލިބި، މުދާ ބަރުކުރުމާއި ލަފައިފުރުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢު ހިންގާ އެމްޓީސީސީން ވަނީ ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައި، ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެ ކުންފުނިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިއަދު އޮންލައިން